Advertisement

ކުޑަރިކިލު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރި ޖަލްސާގައި ލާމަރުކަޒީ އިސްލާހުގެ ކަންބޮޑުވުން ހިއްސާކޮށްފި

11 އޮގަސްޓު 2025 - 17:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުޑަރިކިލު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވުން: އެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މުއިއްޒުއަށް ކައުންސިލްގެ ރައީސް ވަނީ ހިއްސާކޮށްފައި -- ފޮޓޯ؛ ރައީސް އޮފީސް


ކުޑަރިކިލު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރި ޖަލްސާގައި ލާމަރުކަޒީ އިސްލާހުގެ ކަންބޮޑުވުން ހިއްސާކޮށްފި

11 އޮގަސްޓު 2025 - 17:18 0

ބ. ކުޑަރިކިލު ރައްޔިތުންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ޖަލްސާގައި ލޯކަލް ކައުންސިލުތަކުގެ ބާރު ހަނި ކުރަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސް ކުރި ބިލާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

ބ. އަތޮޅަށް މުއިއްޒު ކުރައްވާ ދަތުރުގައި ކުޑަރިކިލަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ރަށުގެ ކައުންސިލް ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ހުރި ކަންބޮޑުވުން ފިލުވައިދޭން އެދޭ ކަމަށެވެ.

"ރައީސްގެ ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑު މިދަންނަވަނީ ރައީސް އެކަމާ ވިސްނާވަޑައިގެން އަޅުގަނޑަށް ޔަގީން ހަމަ ރައީސް އެކަމާ ވިސްނާ ވަޑައިގަންނަވާނެކަން. އެ ބިލުގައި ހުރި ކަންބޮޑުވުންތައް ކައުންސިލްތަކަށް ފިލުވާލަދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވި އެވެ.

އަބްދުލް ހަންނާން އިތުރަށް ހަންނާން ވިދާޅުވީ ކައުންސިލުން ކުރެވޭ މަސައްކަތްތަކާއި ސަރުކާރުތަކުން ކޮށްފައި ހުރި މަސައްކަތްތަކާއި ގުޅިލާމެހިގެން ލާމަރުކަޒީ ގާނޫނުގެ ފޮނިމީރުކަން ކޮންމެވެސް ވަރަކަށް ކުޑަރިކިލަށް ވެސް ލިބޭ ކަމަށެވެ.

މީގެއިތުރުން އެކި ދުވަސްވަރު ލާމަރުކަޒީ ގާނޫނަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އޭގެއިން ނޭދެވޭ އަސަރު ކުރާ ކަމަށާއި މަޖިލީހުން މިހާރު ފާސްކޮށްފައި އޮތް ބިލަކީ ގިނަ ކައުންސިލްތަކުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކި ދުވަސްވަރު ގާނޫނަށް މިގެނެވޭ ބަދަލުތަކުގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ އޭގެއިން ނޭދެވޭ އަސަރުތައް އެބަކުރޭ ރައްޔިތުންނަށް. އެހެންވީމަ މިހާރު ރާއްޖޭގެ އިއްޒަތްތެރި މަޖިލީހުން އެ ފާސްކޮށްފައިވާ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބިލަކީ ވަރަށް ގިނަ ކައުންސިލްތަކެއްގެ ކަންބޮޑުވުން އޮތް ބިލެއް،" އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.

މީގެއިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުން ހުރަސް އަޅަ އެވެ.

ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. ލާމަރިކަޒީ ގާނޫނަށް ގެނައި އިސްލާހު މިހާތަނަށް މުއިއްޒު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.