Advertisement

އިޒްރޭލުން ހަމަލާދީ ހަ ނޫސްވެރިން މަރާލައިފި

11 އޮގަސްޓު 2025 - 16:26 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


އިޒްރޭލުން ހަމަލާދީ ހަ ނޫސްވެރިން މަރާލައިފި

11 އޮގަސްޓު 2025 - 16:26 0

އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ގާޒާއަށް ދިން ހަމަލާއެއްގައި ހަ ނޫސްވެރިން މަރާލައިފި އެވެ.

އަލްޝިފާ ހޮސްޕިޓަލް ބޭރުގައި ޖަހާފައި ހުރި ނޫސްވެރިން ތިބި ޓެންޓަކަށް އަމާޒުކޮށް ދިން މި ހަމަލާގައި މަރުވި ނޫސްވެރިންގެ ތެރޭގައި އަލްޖަޒީރާގެ ފަސް ނޫސްވެރިން ހިމެނެ އެވެ. އެއީ އަނަސް އައްޝަރީފް، މުހައްމަދު ގުރައިގާ، އިބްރާހިމް ޒާހިރު، މުހައްމަދު ނައުފަލް އަދި މުއުމިން އަލިވާ އެވެ

އަނަސް އައްޝަރީފަކީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި މަޝްހޫރު, ޖެހިލުންކުޑަ ނޫސްވެރިޔެކެވެ.

އަލްޖަޒީރާއިން ބުނީ މިއީ ރާވައިގެން ދިން ހަމަލާއެއް ކަމަށެވެ. އަދި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި އަލްޖަޒީރާއިން ވަނީ ސިފަކޮށްފަ އެވެ. އިޒްރޭލުން ނޫސްވެރިންނަކީ ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރަނީ ގިނަ ފަހަރަށް އެއްވެސް ހެއްކެއް ދެއްކުމަކާ ނުލަ އެވެ.

އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވި ގޮތުގައި މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އިޒްރޭލުން ހިންގަން ރާވާފައިވާ އުދުވާންތައް ބޭރު ދުނިޔެއަށް ދެއްކުން ހުއްޓުވުމަށް ކުރި ކަމެކެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް ފަދަ މީޑިއާގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އިޒްރޭލުގެ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. އޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދައަކީ އެންމެ ގިނަ ނޫސްވެރިން މަރުވެފައިވާ އެއް ހަނގުރާމަ އެވެ. މިހާތަނަށް މި ހަމަލާތަކުގައި 250 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ މަރުވެފަ އެވެ.