13 އޮގަސްޓު 2025 - 08:33 2
އައިޖީއެމްއެޗް: ހޮސްޕިޓަލުން ބުނީ ކުއްޖާ ބޭރަށް ފޮނުވަންޖެހޭކަން ކަށަވަރު ކުރެވޭނީ އެންޑޯސްކޮޕީއެއް ހަދައިގެން ކަމަށް -- ފޮޓޯ: އަދަދު ފައިލް
13 އޮގަސްޓު 2025 - 08:33 2
އައިޖީއެމްއެޗުގެ އެންއައިސީޔޫ ތެރޭގައި ފެތުރުނު ނުރައްކާ ޖަރާސީމު ޖެހިގެން ބަލިވި ކުއްޖަކު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެ ހޮސްޕިޓަލާއި ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމަށް ތުއްތު ކުއްޖާގެ އާއިލާއިން ބުންޏެވެ.
އެންމެ ތުއްތު ކުދިންގެ އައިސީޔޫގައި މިދިޔަ މާޗް މަހު ފެތުރުނީ ބާކޯލްޑޭރިއާ ސްޕޭޝިއާ ނަމަކަށް ކިޔާ ބޭހަށް ނުގުޑާ ބައްޔެކެވެ. ބަލި ފެތުރުނުއިރު، ހޮސްޕިޓަލުން ޑިސްއިންފެކްޓަންޓު ހުސްވެ ބޭނުން ކުރަމުންދިޔައީ ކްލޮރީން އެވެ. އެއީ، ސާފުތާހިރުކަމުގެ މިންގަނޑުތައް ހިފެހެއްޓި ނަމަ ފެތުރުން ދުރު ބައްޔެކެވެ.
ބޭސް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ފުރަން މިވަގުތު މަސައްކަތް ކުރަނީ ބަލި ޖެހުނު ފަސް ކުދިންގެ ތެރެއިން އެއިރު އުމުރުން 28 ދުވަހުގެ ކުއްޖެެވެ. އެ ކުއްޖާގެ އާއިލާއިން އަދަދު އާ ވާހަކަ ދައްކަމުން ބުނީ ކިތަންމެ ކުޑަ ރޯގާއެއް ޖެހުނަސް ކުއްޖާއަށް ނިކަން ބޮޑުވަރުވާ ކަމަށެވެ.
އައިޖީއެމްއެޗުގެ އިހުމާލުން އެ ބަލި ޖެހި، ބަލީގައި ބޮޑުވަރުވެފައިވާތީ، އައިޖީއެމްއެޗުން ފަރުވާ ހޯދަން އާއިލާއިން ޖެހިލުންވެ އެވެ. ނަމަވެސް ކުއްޖާއަށް ރާއްޖޭގައި ފަރުވާ ކުރެވޭނެ ކަމަށް ބުނެ، ކުއްޖާ ބޭރަށް ފޮނުވަން ބޭނުންވާ ރެފެރަލް ސިޓީ ދޭން އައިޖީއެމްއެޗުން ދެކޮޅު ހަދަމުންދާ ކަމަށް އާއިލާއިން ބުންޏެވެ.
މިހާރު ރާއްޖެއިން ބޭރަށް ފުރަން މަސައްކަތް ކުރާ ކުއްޖާގެ އިތުރުން ބަލި ޖެހުނު ހުރިހާ ކުދިން ވެސް ސަރުކާރުގެ ހަރަދުގައި އެއިރު ވަނީ ބޭރަސް ފޮނުވައިފަ އެވެ. އެކަމަކު، ތިން މަސްދުވަސް ކޮށްފައި އަލުން ދައްކަން އައުމަށް އެއިރު ފަރުވާ ކުރި އިންޑިއާގެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
"މިކަމުގައި އައިޖީއެމްއެޗް އާއި ސަރުކާރުން އެހީތެރިވާން ދެކޮޅު ހަދާ ސަބަބެއް ނުވިސްނޭ. އައިޖީއެމްއެޗުން ބުނީ އެތަނުން އެންޑޯސްކޮޕީއެއް ހަދައިގެންނޭ [އެއްޗެއް ލައްވައިގެން ހަށިގަނޑުގެ އެތެރެ ބަލައިގެންނޭ] ބޭރަށް ފޮނުވަންޖެހޭކަން ކަށަވަރު ކުރެވޭނީ. އެކަމަކު މިހާލަތުގައި ކިހިނެއްތޯ އައިޖީއެމްއެޗްއަށް އިތުބާރު ކުރެވޭނީ،" އާއިލާއިން ބުންޏެވެ.
އެންއައިސީޔޫގައި އެ ބަލި ފެތުރުނުއިރު، އައިޖީއެމްއެޗްއިން ޑިސްއިންފެކްޓަންޓު ހުރީ ހުސްވެފަ އެވެ. އެންއައިސީޔޫގައި އާންމުކޮށް ބޭނުން ކުރަމުންދިޔައީ ޑިސްއިންފެކްޓަންޓް ވައިޕްސް އެވެ. ވައިޕްސް އިން ވަރަށް ފަސޭހަކޮށް ތަންތަން ސާފުކޮށްލެވޭނެ އެވެ.
ޑިސްއިންފެކްޓަންޓު ނުލިބުނުން އެންއައިސީޔޫ ސާފު ކުރަން ހޮސްޕިޓަލުން ބޭނުން ކުރަމުންދިޔައީ ބްލީޗެވެ. ބްލީޗު ބޭނުން ކުރަމުންދިޔައީ ފެނަށް ގިރައިގެންނެވެ. ޑިސްއިންފެކްޓަންޓު ހުސްވި ސަބަބު ނޭނގޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި އެ ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރަކު ބުނެފައިވެ އެވެ.
"[ބަލި ފެތުރުނުއިރު] އަޅުގަނޑުމެން އަލްޓަނޭޓިވް އޮޕްޝަންއަކަށް ބޭނުން ކުރާ އެއްޗެއް، ޔޫސް ކުރި އެކޮޅުގައި. [އަލްޓަނޭޓިވް އޮޕްޝަންއަކީ ސާފު ކުރަން ބޭނުން ކުރާ އެއްޗެހި. [އެއީ] ވެސް ޑިސްއިންފެކްޓަންޓެއް ހަމަ. ބްލީޗް އަޅުގަނޑުމެންގެ އަލްޓަނޭޓިވްއަކީ މިހާރު. [ކުރިން ބޭނުން ކުރީ ޑިސްއިންފެކްޓަންޓް ވައިޕްސް]. ވައިޕްސް ހުންނަ އިރު ފަސޭހަވާނެ ދެއްތޯ ތަންތަން ސާފުކޮށްލަން،" ޑރ. ނަޒްލާ މުސްތަފާ އެއިރު ވިދާޅުވެފައިވެ އެވެ.
އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފެތުރެމުންދިޔަ، ބޭހަށް ނުގުޑާ އެ ބަލި ކޮންޓްރޯލް ކުރެވުނީ 20 ދުވަސް ފަހުންނެވެ. ބަލި ޖެހުނު ފަސް ކުދިންގެ ތެރެއިން ދެ ކުއްޖެއްގެ ހާލަތު ވަރަށް ދަށް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެންއައިސީޔޫގައި ބަލި ފެތުރެމުންދިޔަކަން ސިއްރު ކުރުމަށްފަހު އެކަން އައިޖީއެމްއެޗް އިން ހާމަ ކުރީ މެއި 1، ގަ އެވެ. އެންމެ ފުރަތަމަ އެ ބަލި ފެނުނީ މާޗް 27، ގަ އެވެ. އަދި އޭޕްރީލް 15، އާ ހަމައަށް ކޮންޓްރޯލް ނުވެ އެ ބަލި ފެތުރުނެވެ.
Comment