11 އޮގަސްޓު 2025 - 11:45 1
ލީވާން އަލީ ނާސިރު
ރައީސް މުހައްމަދު މުއިއްޒު ބ. ކަމަދޫގައި ވާހަކަދައްކަވަނީ: ގުދުރަތީ ރީތިކަން ދެމެހެއްޓޭ ގޮތަށް މަގުތައް ފަރުމާކުރަން ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
11 އޮގަސްޓު 2025 - 11:45 1
އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ނަމަ ތާރު ނާޅައި ނުވަތަ ގާ ނާޅައި މަގުތައް ހެދިދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާ މުހާތަބުކޮށް މުއިއްޒު ވިދާޅުވީ އެ ރަށެއްގެ ރައްޔިތުން ބޭނުންވަނީ މަގުތައް ރީތިކޮށް ބޭއްވުމަށްފަހު ބަރާބަރަށް ފެން ހިންދޭ ނިޒާމެއް ގާއިމުކުރުމަށް ކަމަށްވާނަމަ، އެ ކޮންސެޕްޓަށް މަގުތައް ހަދައިދޭނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑު ކުރިއަށްގެންދާނީ. ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވިފައި އެހެންނަމަވެސް ފެން ބަރާބަރަށް ހިންދޭ ޑްރެއިނެޖް ނިޒާމެއްގެ ތެރެއިން މަގުތައް ދެމެހެއްޓުން ކަމަށްވާކަމަށްވަންޏާ އެ ކޮންސެޕްޓުގައި އެކަން ކުރިއަށްދާނީ،" މުއިއްޒު ވިދާޅުވި އެވެ.
ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށްރަށުގައި ވީހާވެސް ބޮޑަށް ރަށުގެ ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަށް ނުވަތަ ނެތިގެން ނުދާ ގޮތަށް މަގުތައް ހެދުމަކީ މުހިންމު ކަމެއްކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
"ހާއްސަކޮށް މިގޮތަށް ވަރަށް ބައިވަރު ޓޫރިޒަމް ގެސްޓްހައުސްތައް ޑިވެލޮޕް ވަމުން އަންނަ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެގެން އަންނަ ރަށްރަށުގައި ވީހާވެސް ބޮޑަކަށް ރަށުގެ ނެޗުރަލް ބިއުޓީ ނުވަތަ ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަކަށް ނޫނިއްޔާ ނެތިގެން ނުދާ ގޮތަށް މަގުހެދުމަކީ މުހިންމު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން މުހިންމު ކަމެއް ކަމަށް ވެސް ނުދެކޭ ކަމަށާއި ތާއީދުކުރައްވަނީ ވެސް އެގޮތަށް އެކަން ނުކުރުމަށް ކަމަށެވެ.
މިގޮތުން ރައްޔިތުން ބޭނުންވާ ގޮތަށް އިގްތިސޯދީ ގޮތުން ބޭނުންވާ ކުރިއެރުމާއި އިތުރު ކުރިއެރުން ލިބޭ ގޮތަށް މަގުހެދުން ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ކުދި ރަށްރަށުގައި ތާރު އެޅުމުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދަން ޕްލޭން ކުރާތީ އެކަމާ ބައެއް ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
Comment