Advertisement

މިއީ ވިޒިޓް މޯލްޑިވްްސްގެ ދަށުން ޗުއްޓީ ހޭދަކުރަން އައި ސަރުކާރެއް، ކުރަނީ ވައްކަން: ޣަފޫރު

11 އޮގަސްޓު 2025 - 10:52 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މެންބަރު ޣަފޫރު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަނީ. ސަރުކާރުން މަޝްރޫއުތައް ކުރިއަށްނުގެންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: މަޖިލިސް އިދާރާ


މިއީ ވިޒިޓް މޯލްޑިވްްސްގެ ދަށުން ޗުއްޓީ ހޭދަކުރަން އައި ސަރުކާރެއް، ކުރަނީ ވައްކަން: ޣަފޫރު

11 އޮގަސްޓު 2025 - 10:52 0

މި ސަރުކާރުން އެއްވެސް މަޝްރޫއުއެއް ކުރިއަށްނުގެންދާ ކަމަށާއި މިއީ "ވިޒިޓް މޯލްޑިވްސް" ގެ ދަށުން ޗުއްޓީ ހޭދަކުރަން އައި ސަރުކާރެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން 2027 ގެ ނިޔަލަށް ފަސް ކުރުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ޣަފޫރު ވަނީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން، އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމިފައި ނުވަނީ 50 ވަރަކަށް ރަށެއްގައި ކަމަށާއި އެ ރަށްރަށުގައި އެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ކުރިއަށްދަނީ ކޮން ރަށެއްގައިތޯ އެއްސެވުމަށް ފަހު ޣަފޫރު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށްގެންދަން ސަރުކާރުގައި މިހާރު ލާރި ނެތް ކަމަށެވެ.

"ކުރުކޮށް ބުނަންޏާ މި ސަރުކާރު އައީ ވިޒިޓް މޯލްޑިވްސްގެ ދަށުން ޗުއްޓީ ހޭދަކޮށްލަން. އޮންނަނީ ދަތުރު ކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ރައްޔިތުންގެ ފައިސާއިން ޕާޓީ ބާއްވައި މަޖާ ކުރުމާއި، ވައްކަން ކުރުމާއި ކޮރަޕްޝަން ހިންގުން،" މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވަމުން ގެންދަވާ އެއް މެންބަރު ކަމަށްވާ ގަޕޯ ވިދާޅުވި އެވެ.

ވައްކަން ކުރުމަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި ނަމަވެސް ވައްކަން ކޮށްގެން ވަކިކުރި މެނޭޖިން ޑިރެކްޓަރުންގެ މައްސަލަ ނުބަލާ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

"އެމްޕީއެލް އާއި ފިއުލް ސަޕްލައިގެ މި ރިޕޯޓުތަކުގައި ތިބި މީހުން އެ ތިބީ ޑެޕިއުޓީ މިނިސްޓަރުންނަށް މި ސަރުކާރުގައި. ވައްކަމަށް އެންމެން ވެސް ނޫނެކޭ ބުނެ އެ މަސައްކަތް ކުރަން ޖެހޭ. ތިމާ ކައިރީގައި ހުންނަ މީހާ ވައްކަން ކުރީމައި އެ ތަނުން ކަނޑާލާފައި ގެންގޮސް ޑެޕިއުޓީ މިނިސްޓަރަކަށް ލީމައި އެއީ ވައްކަމަށް ނޫނެކޭ ބުނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށް ތަކުރާރުކޮށް ޕީއެންސީން ބުނަމުން އަންނައިރު ވެސް އެކަން ނުބަލާ ކަމަށް ގަޕޯ ވިދާޅުވި އެވެ. މުޅި ސަރުކާރު ޕީއެންސީގެ އަތްމަތީގައި އޮތްއިރު ވެސް އެ މައްސަލަތައް ބަލާފައި ފިޔަވަޅު ނޭޅެނީ ކީއްވެގެންތޯ ޣަޕޯ ސުވާލު އުފެއްދެވި އެވެ.

"ސަރުކާރަށް ދެ އަހަރުވީ. ކޮން ބޭފުޅަކަށްތޯ ހުކުމެއް ޖެހުނީ. އަދިވެސް އެ އޮތީ އެމްއެމްޕީއާރުސީ މައްސަލަ ވެސް އޮތްގޮތަށް. ކުރިއަކަށް ނުދޭ. ނުބެލޭ. ވައްކަމުގެ ތެރޭގައި މުޅި ގައުމު މިއޮތީ ފޯވެފައި."

ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޗްޑީސީގެ މެނޭޖުމަންޓަށް ގެންނަމުންދާ ބަދަލުތަކަށް ވެސް ޣަފޫރު ފާޑުވިދާޅުވި އެވެ.

"އެޗްޑީސީގެ މިހާރު ތިންވަނަ އެމްޑީއެއީ. މިއީ މަތިންދާބޯޓުން ދަތުރުކުރާ ޕެސެންޖަރުންތަ މިތާ އެމްޑީއަށް ލައިގެން މި އުޅެނީ. ޖައްސާ ތަނަކުން ބޯޓުގެ ޕެސެންޖަރުން ބަދަލުވާހެން. ނުހުންނާނެ މައިބަދައެއް،" އޭނާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ކުންފުނިތަކުގެ ވެރިންނަށް އައްޔަނުކުރި ބައެއް ބޭފުޅުންނަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރެއިން ބައެއް އެމްޑީން ވަކިކުރި ނަމަވެސް ކޯޓު ހުކުމަކާ ހަމައަށް އެއްވެސް މީހެއްގެ މައްސަލައެއް ނުދެ އެވެ.