11 އޮގަސްޓު 2025 - 07:43 1
ލީވާން އަލީ ނާސިރު
ޕީޕީއެމް/ޕީއެންސީ ހިންގި "އިންޑިއާ އައުޓު" ހަރަކާތުގައި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު. އޭރު އެ މަނިކުފާނު ހުންނެވީ މާލޭގެ މޭޔަރަކަށް. -- ފޮޓޯ: ސޯޝަލް މީޑިއާ
11 އޮގަސްޓު 2025 - 07:43 1
ޕީޕީއެމް/ޕީއެންސީން ހިންގި "އިންޑިއާ އައުޓު" ހަރަކާތަށް އެންމެ ބޮޑު މާލީ އެހީތެރި ކަމެއް ދެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް، އެ ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުއްވި, ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިންޑިއާ އައުޓު ހަރަކާތް ފެށީ އޭރު އެ ދެ ޕާޓީގެ ލީޑަރަކަށް ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި ހުށަހެޅުން ލީޑަޝިޕުން ފާސްކޮށްގެން ކަމަށެވެ.
"ނިންމި ނިންމުން ލީޑަޝިޕުން އަޅުގަނޑުމެން ތަންފީޒުކުރަމުން ގެންދިޔައީ. އަޅުގަނޑު އޭގައި އިސްކޮށް ހުރީ," އޯގަސްޓު 8، 2025 ގައި މެންދުރު ޓީވީން ގެނެސްދިން "ޖަވާބުދާރީ" ޕްރޮގްރާމުގައި އޭނާ ވިދާޅުވި އެވެ.
އެ ހަރަކާތް ހިންގުމަށް ރަށްރަށް ދަތުރުކުރި ޓީމުގައި އޭނާއާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝިފާގު މުފީދު، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރު ހަސަން މުފީދު، މި ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ނަބީލް، ވެމްކޯގެ ޑެޕިއުޓީ މެނޭޝިން ޑިރެކްޓަރު ޝަހީދު އަދި އައްބާސް ކިޔާ މީހަކު ހިމެނުނު ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
އިންޑިއާ އައުޓު ހަރަކާތަށް ހަރަދު ކުރެއްވިންތޯ ނޫސްވެރިޔާ ސުވާލު ކުރުމުން މުހައްމަދު އިސްމާއީލް ވިދާޅުވީ އޭނާއަކީ އެއް އިރެއްގައި ވެސް އެފަދަ މާލީ ގާބިލްކަން ހުރި މީހެއް ނޫން ކަމަށެވެ.
އެ ހަރަކާތް ކުރިއަށް ގެންދިޔައީ ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކާއި ވިޔަފާރިވެރިން ދިން ފައިސާއިން ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ވެސް އެންމެ ބޮޑު ރޯލެއް ފައިނޭންޝަލީ އަދާކޮށް ދެއްވި ބޭފުޅަކަށް ހަގީގަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެގެންދާނެ،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
އޭރު މުއިއްޒު ހުންނެވީ މާލޭގެ މޭޔަރަކަށެވެ. އެ މަގާމުގައި މުއިއްޒު ހުންނެވިއިރު، މާލޭގެ ބިންތައް ދޫކޮށްލައިގެންނާއި މަގުތަކުން ޕާކިން ޒޯން ވިއްކައިގެން އަދި ސިޓީ ކައުންސިލުން ހިންގި މަޝްރޫއުތަކުން ކޮރަޕްޝަން ހިންގައި، މާލީ މަންފާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.
އެ މައްސަލަތައް އޭސީސީން ބަލައި ފިޔަވަޅެއް ނާޅަ އެވެ.
ރާއްޖޭން އިންޑިއާ އަސްކަރިއްޔާ ބޭރު ކުރާނެ ކަމަށް ރިޔާސީ އިންތިހާބުގައި މުއިއްޒު ވައުދުވެވަޑައިގެންނެވިޔަސް، ވެރިކަމަށް ވަޑައިގަތުމަށް ފަހު އެއްބަސްވީ ރާއްޖޭގައި އޮތް އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ދުއްވަން އިންޑިއާގެ ޔުނިފޯމުގައި ތިބި ސިފައިންގެ ބަދަލުގައި، އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮންނަ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި ބަޔަކު ގެނައުމަށެވެ.
އޭރު އިންޑިއާ އައުޓު ހަރަކާތުގެ ބަދަލުގައި، އެ މައްސަލަ ހައްލުކުރަން މަޝްވަރާގެ އުސޫލު ވެސް ބޭނުން ކުރެވުނީސް ކަމަށް މިހާރު ގަބޫލު ކުރައްވާ ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
އިންޑިއާ އައުޓު ހަރަކާތް ހިންގީ ޔާމީން ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުން މިހާރު ވިދާޅުވި ނަމަވެސް އެ ހަރަކާތް ހިންގުމުގެ ހަކަތަ ދެމެހެއްޓުމަށް އެންމެ ގިނައިން ފައިސާ ދެމުން ދިޔައީ މުއިއްޒުކަން މުހައްމަދު އިސްމާއީލްގެ ވާހަކައިން އެ ވަނީ ހާމަވެފަ އެވެ.
Comment