11 އޮގަސްޓު 2025 - 07:37 0
11 އޮގަސްޓު 2025 - 07:37 0
ލަންޑަން (އޮގަސްޓް 11) - ލިވަޕޫލް ކަހަލަ ބޮޑު ޓީމަކަށް އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު ނެދަލެންޑްސްގެ އާނާ ސްލޮޓް ބުނެފި އެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި، މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލް ވަނީ ޕެނަލްޓީ ޖަހައިގެން، 3-2 އިން އެފްއޭ ކަޕްގެ ޗެމްޕިއަން، ކްރިސްޓަލް ޕެލަސް އަތުން ބަލިވެފަ އެވެ. މި މެޗުގައި، ދެ ފަހަރެއްގެ މަތިން ލިވަޕޫލުން ލީޑުނެގި ނަމަވެސް، ޕެލަސް އިން ފަހަތުން އަރައި އެއްވަރުކޮށް، ޕެނަލްޓީގައި މެޗުން މޮޅުވީ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން، ސްލޮޓް ބުނީ، ޓީމު ވަރުގަދަ ކުރިޔަސް ނުކުރިޔަސް ލިވަޕޫލަށް އަބަދު ވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ.
"އަހަރެމެންނަކީ ލިވަޕޫލް، އަބަދުވެސް ޕްރެޝަރު އޮންނާނެ. އަހަރެމެން 10 ކުޅުންތެރިން ގަތް ކަމުގައި ވިޔަސް، ނޫނީ އެއް ކުޅުންތެރިއަކު ނުގެނައި ކަމުގައި ވިޔަސް، އަހަރެމެންނަށް ޕްރެޝަރު އޮންނާނެ. ލިވަޕޫލްގެ ޖޯޒީގައި ނުކުންނަ ކަމަށް ވިއްޔާ ޕްރެޝަރު އޮންނާނެ،" 300 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލުން ހަރަދުކުރުމަށް އިޝާރާތްކޮށް ކުރި ސުވާލަށް ދިން ޖަވާބުގައި ސްލޮޓް ބުންޏެވެ.
ފާއިތުވި ހަ ސީޒަނުގެ ތެރެއިން ހަތަރު ސީޒަނުގައި، ޗެރިޓީ ޝީލްޑް މެޗުން ބަލިވި ޓީމު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސްލޮޓް ބުނީ، ޝީލްޑް މެޗުން ބަލިވުމުގެ ސަބަބުން އެ ޕޮޒިޓިވްކޮށް ނަގައިގެން ވާހަކަ ދެއްކުމަށް ވުރެން ރަނގަޅުކުރަން ހުރި ކަންކަމަށް ފޯކަސް ކުރަން އިސްކަން ދޭނެ ކަމަށެވެ.
"އަހަންނަށް ވަރަށް ގިނަ ކަންކަން ފެނުނު، ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި، އެހެންވީމަ، އެކަންކަމަށް މަސައްކަތް ކުރުން އޮތީ،" ސްލޮޓް ބުންޏެވެ.
ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ވަނީ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި، އެ ޓީމަށް ފޯވާޑެއް ގަތުމަކީ މުހިންމު ކަމެއް ކަމަށް ބުނެފަ އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި، ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅޭނީ ބޯންމައުތާ ދެކޮޅަށެވެ.
Comment