Advertisement

މީރާއިން ބަލައިގަތް އާމްދަނީ 20 ބިލިއަނުން މައްޗަށް

10 އޮގަސްޓު 2025 - 22:33 0

މީރާގެ ޓެކްސްޕެޔާ ސާވިސް ސެންޓަރު: ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ބަލައިގަންނަނީ މީރާއިން --- ފޮޓޯ: މީރާ


މީރާއިން ބަލައިގަތް އާމްދަނީ 20 ބިލިއަނުން މައްޗަށް

10 އޮގަސްޓު 2025 - 22:33 0

މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފައިވާ އާމްދަނީ 20 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާންމުކުރި ޖުލައި މަހުގެ މަންތުލީ ރެވެނިއު ކަލެކްޝަން ރިޕޯޓުގައި ވަނީ އެ މަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 16.5 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 2.4 ބިލިއަން ރުފިޔާ އިތުރެވެ.

މި އާމްދަނީގެ ތެރެއިން ބޮޑު ބަޔެއް ހިއްސާކުރަނީ ޑޮލަރުން ލިބުނު އާމްދަނީ އެވެ. މިދިޔަ މަހުގެ ނިޔަލަށް މީރާއަށް 880 މިލިއަން ޑޮލަރު (ރަސްމީ ރޭޓުގައި 13.5 ބިލިއަން ރުފިޔާ) ބަލައިގެންފައިވާއިރު، މިއީ ލިބުނު އާމްދަނީގެ 70 ޕަސެންޓާ ގާތްކުރާ އަދަދެކެވެ.

ޖުމްލަކޮށް ބަލާއިރު، މީރާއިން ބަލައިގަތް ހުރިހާ ދާއިރާއަކުން މިދިޔަ އަހަރަށް ވުރެ އާމްދަނީ އިތުރެވެ. އާމްދަނީ ދަށްވެފައިވާ ދާއިރާތަކުން ލިބުނު އާމްދަނީގަ އަހަރުންއަހަރަށް އަޅާބަލާއިރު ވެސް، ބޭންކް އިންކަމް ޓެކްސް ފިޔަވައި، ނިސްބަތުން ހުރީ ކުޑަ ފަރަގެކެވެ. ބޭންކް އިންކަމް ޓެކްސް އާމްދަނީ އަހަރުންއަހަރަށް 50 ޕަސެންޓު ދަށްވީ، މިދިޔަ އަހަރު ސަރުކާރުން އަންގައިގެން ބޭންކުތަކުން ސުންގަޑީގެ ކުރިން ޓެކްސް ދެއްކުމުންނެވެ.

މީރާއިން ބަލައިގަތް އާމްދަނީ އާއި ދައުލަތުގެ އެހެން އިދާރާތަކުން ބަލައިގަތް އާމްދަނީއާއެކީ، މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 22.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ މި އަހަރުގެ ތެރޭގައި ލިބޭނެ ކަަމަށް އަންދާޒާ ކުރާ 39.7 ބިލިއަން ރުފިޔާގެ 55 ޕަސެންޓެވެ.