Advertisement

މަަސް ގަންނަ އަގު ދަށްކޮށްގެން ވެސް މިފްކޯއަށް ފައިދާއެއް ނުނެރެވުނު

10 އޮގަސްޓު 2025 - 20:07 2

އަމަން ހަލީމް

އަމަން ހަލީމް

ހުވަދު އަތޮޅުގައި އޮތް މިފްކޯގެ މަސް ކިރާ ބޯޓަކަށް މަސް ދޯންޏަކުން މަސް ކިރަނީ: މިދިޔަ އަހަރު މިފްކޯއަށް ލިބުނު އާމްދަނީ ހީނަރުވީ މަސްވެރިކަމުގެ ސިނާއަތަށް އައި ލޮޅުމާ ގުޅިގެން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މަަސް ގަންނަ އަގު ދަށްކޮށްގެން ވެސް މިފްކޯއަށް ފައިދާއެއް ނުނެރެވުނު

10 އޮގަސްޓު 2025 - 20:07 2

މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް މަސް ގަންނަ އަގު ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ދިޔަ ކަމަށް ބުނި ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ހާލަތު އިހުނަށް ވުރެ ގޯސްވެ، އެ ކުންފުންޏަށް 165 މިލިއަން ރުފިޔާ ގެއްލުން ވެއްޖެ އެވެ.

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި އެ ކުންފުންޏަށް ގެއްލުންވީ މައިގަނޑު ސަބަބަކީ އާމްދަނީ ވަރަށް ބޮޑަށް ހީނަރުވުމެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އެއް ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ދެ ބިލިއަން ރުފިޔާ ލިބުނެވެ.

އާމްދަނީ ހީނަރުވީ ސަބަބު އޮޑިޓުގައި ބަޔާންކޮށްފައި ނެތް ނަމަވެސް، އެ ރިޕޯޓުގައި ހިމަނާފައިވާ މިފްކޯއަށް ލިބުނު އާމްދަނީގެ ތަފުސީލުތަކުން ދައްކާ ގޮތުގައި އެ ކުންފުނިން ބޭރުކުރި ގަނޑުކުރި ރޯމަހުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ 1.1 ބިލިއަން ރުފިޔާ ދަށްވެފަ އެވެ.

މިއީ މިދިޔަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ގަވާއިދުން ފައިސާ ނުދީ ދިޔަ ދިގު މުއްދަތުގައި ގިނަ ދޯނިތަކުން މަހަށް ދިޔުން ހުއްޓާލަން ޖެހުމުންނާއި މަހުގެ އަގަށް ގެނައި ބަދަލާއެކީ މަސްވެރިކަމުގެ ސިނާއަތަށް އައި ލޮޅުމުގެ ސަބަބުން ދިމާވި ކަމެއްކަމަށް ބެލެވެ އެވެ.

މިފްކޯގެ މަސް ވިޔަފާރިން މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި އޭގެ ކުރީ އަހަރާ ހުރި ފަރަގު

  • ގަނޑުކުރި ރޯމަހުން - 693 މިލިއަން ރުފިޔާ (1.1 ބިލިއަން ރުފިޔާ މަދު)
  • ފަސްމީރުގެ ރީޓެއިލް ވިޔަފާރިން - 357 މިލިއަން ރުފިޔާ (36 މިލިއަން ރުފިޔާ އިތުރު)
  • ދަޅު މަހުން - 105 މިލިއަން ރުފިޔާ (42.5 މިލިއަން ރުފިޔާ މަދު)
  • އައިސް ވިއްކައިގެން - 7.7 މިލިއަން ރުފިޔާ (3.5 މިލިއަން ރުފިޔާ މަދު)
  • ފިޝްމީލްއިން - 26.8 މިލިއަން ރުފިޔާ (1.8 މިލިއަން ރުފިޔާ މަދު)

މިފްކޯގެ މަސް ވިޔަފާރިން ލިބޭ އާމްދަނީގެ އިތުރުން، މަސް ދޯނިފަހަރަށް ތެޔޮ ވިއްކައިގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދަ އެވެ. ނަމަވެސް މަސްވެރިކަން ދަށްވުމާއެކީ، ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ވަނީ 106 މިލިއަން ރުފިޔާއިން 38.9 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މިފްކޯއަށް މިދިޔަ އަހަރު ގެއްލުންވީއިރު، އެ ކުންފުނީގެ ހިންގުމުގެ މުއްދަތުގެ ތެރޭގައި ލިބުނު ޖުމުލަ ގެއްލުމުގެ އަގު ވަނީ އަނެއްކާ ވެސް ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ކުންފުނީގެ ޖުމްލަ ދަރަނި 1.7 ބިލިއަން ރުފިޔާގައި ހުރިއިރު، ކުންފުނީގެ ދަރަނި ވަރަށް މަތި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

މިފްކޯއަށް މިދިޔަ އަހަރު ގެއްލުންވެފައިވާއިރު، އޭގެ ކުރީ އަހަރު އެ ކުންފުނިން ވަނީ 298 މިލިއަން ރުފިޔާގެ ފައިދާއެއް ނެރެފަ އެވެ. އެއީ ވެސް ކުންފުނީގެ ހިންގުމާއި ވިޔަފާރި ހަރަދުކޮށްގެން ނެރުނު ފައިދާއެއް ނޫނެވެ. އެއީ ބައެއް މުދާ ވިއްކާލައިގެންނާއި އޭރުގެ ސަރުކާރުން ދިން 250 މިލިއަން ރުފިޔާގެ އެހީއަކުން އެެހެނިހެން އާމްދަނީއަށް އައި އާދަޔާހިލާފު އިތުރުވުމާއެކީ، ލިބުނު ފައިދާއެކެވެ.