10 އޮގަސްޓު 2025 - 13:13 0
މުހައްމަދު ޝަހްޒާން
އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރައިލި އަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް ފުލުހުން އެ ރަށުގައި ހަރަކާތްތެރި ވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
10 އޮގަސްޓު 2025 - 13:13 0
އއ. މާޅޮހުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ ތަހުގީގަށް އެ ރަށުގެ ބައެއް ގޭގެ ބަލައި ފާސްކޮށް ފަސް މީހެއްގެ ފޯނާއި އެކަކުގެ ލާ އަންނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކުރީ މާޅޮހުގެ ތިން ގެ އެކެވެ. އޭގެތެރެއިން އެއް ގެއަކީ އަބްދުއްރަހްމާން ދިރިއުޅެމުންދިޔަ, މާހިޔާ ގެއާ އެއް މަގެއްގައި, ވަރަށް ކައިރީގައި ހުންނަ ގެއެކެވެ.
ކޯޓު އަމުރުތަކެއްގެ ދަށުން ފުލުހުން ހިފަހައްޓާފައި ވަނީ ފަސް މީހެއްގެ ފޯނާއި އެތަނުން އެކަކުގެ ލާ އަންނައުނު ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.
"އެކަކުގެ ނެގީ ލެޕްޓޮޕާއި އޭނަ އޮފީހަށް ދާން ލާ އެއްޗެއްސާ [އަންނައުނު] , ތިން ގެއެއް ބަލައި ފާސްކޮށްފައި ފޯނާއި, ފަސް މީހެއްގެ ފޯނު އަތުލި ކަމަށް ކިޔަނީ," އެ ރަށުން އަދަދު އާ ވާހަކަދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނީ އެ ތަކެތި ފުލުހުން ގެންދިޔައީ އެތެރެ ނުފެންނަ ކޮތަޅުތަކެއްގައި ކަމަށް ވާތީ ކޮން ގެއަކުން ނެރުނީ ކޮން ސާމަނެއްކަން ބުނަން ސީދާ ނޭނގޭ ކަމަށެވެ. ނަމަވެސް އެ ތަކެތި ފުލުހުން ހިފެހެއްޓީ ކޯޓު އަމުރުތަކެއްގެ ދަށުން ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު އެ މީހުން އެ ހިފެހެއްޓިކަން އެނގޭ, ފަސް މަހަށް ހިފެހައްޓާފައި އިނީ. ކޯޓު އަމުރުގައި އިނޯ ޕާސްވޯޑާއި އެއްކޮށޯ, އެ އަމުރުގައި އިނީ, އެއީ އެ މީހުން, މީހުން ކައިރީގައި ކިޔާ އެއްޗެހި އެއީ," އެ މީހާ ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން އަދި މިހައިތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އަބްދުއްރަހްމާންއަށް ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އެ ގެއަކީ އަބްދުއްރަހްމާންގެ އަންހެނުން, ނާޒިމާ އިބްރާހިމްގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ.
އަބްދުއްރަހްމާންއަށް ހަމަލާދިންއިރު, އޭނާ ނިދާފައި އޮތީ ވަކި ކޮޓަރިއެއްގައި އެކަންޏެވެ. ނާޒިމާ ނިދާފައި އޮތީ އޭނާގެ މަންމަ ދިރިއުޅުނު ކޮޓަރީގަ އެވެ.
ނަމަވެސް އެ ދެމަފިރިން ދެ ކޮޓަރިއެއްގައި ނިދަނީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް އެ އާއިލާއިން އަދަދު އަށް މައުލޫމާތު ދިނެވެ.
އަބްދުއްރަހްމާން އާއި ނާޒިމާގެ ދެވަނަ ދަރިފުޅު, އަހުމަދު ނިމާލް ބުނީ އޭނާގެ މާމަ ބަލިވީއްސުރެ ވެސް ނާޒިމާ ނިދަނީ އެ ކޮޓަރީގައި ކަމަށެވެ. އަދި މާމަ ނިޔާވިފަހުން ވެސް އެ ކޮޓަރިއަށް އާދަވެފައި ހުރުމުން އެ ކޮޓަރީގައި ނާޒިމާ ނިދަނީ ކަމަށް ނިމާލް ބުންޏެވެ.
"މާމަ ދުނިޔޭގައި މަންމަ ނިދާނީ މާމަ ކައިރީގައި، އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން. އެހެންވެ އެ ތަންމައްޗަށް އާދަވެފައި މަންމަ ހުރީ. މަންމަގެ ހުރިހާ އެއްޗެއް ހުންނާނީ އެ ކޮޓަރީގައި، ރުފިޔާއެއް ބެހެއްޓިޔަސް ލިޔެކިޔުމެއް ބެހެއްޓިޔަސް އެ ތަނުގައި ބަހައްޓާނީ،" ނިމާލް ބުންޏެވެ.
އަބްދުއްރަހްމާން އަކީ މާޅޮހުގައި އާންމުކޮށް ދިރިއުޅޭ މީހެއް ނޫނެވެ. އޭނާ ހުންނަނީ އެ އަތޮޅުގައި އުކުޅަހުގައި އެ ރަށު ދޯންޏަކުން މަހަށް ދާށެވެ. މާޅޮހަށް އެނާ ދިޔައީ ދަތުރެއްގައި އޭނާގެ ދަރިފުޅު، ނިމާލް ރާއްޖެއިން ބޭރަށް ދާން ޖެހުމުންނެވެ.
"ގޭގައި ހުންނާނެ އޭސީ ކޮޓަރިއެއް ވެސް، މަންމަ ކައިރީގައި ބުނިން އެ ކޮޓަރިއަށް ބަދަލުވާން ވެސް، އެކަމަކު މަންމަ ބޭނުންވީ ހަމަ މާމަ ކޮޓަރީގައި ނިދަން. އެ ކޮޓަރީގައި ހުންނާނީ ވެސް ސިންގަލް އެނދެއް،" ނިމާލް ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގަށް މީގެ ކުރިން އެ ރަށު ބައެއް އެހެން މީހުންނާ ވެސް ސުވާލުކޮށް އެމީހުންގެ ސާމްޕަލް ފުލުހުން ނަގާފައިވެ އެވެ. އަދި އެ ރަށު ބައެއް ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ފުޓޭޖުތައް ވެސް ފުލުހުން ނަގައި ދިރާސާ ކޮށްފައިވެ އެެވެ.
އޭގެއިތުރުން އަބްދުއްރަހްމާންގެ އަންހެނުން, ނާޒިމާގެ ފޯނު ވެސް ޖުލައި 17, ގައި ފުލުހުން ހިފެހެއްޓި އެވެ. ނަމަވެސް މައުލޫމާތުތަކެއް ނެގުމަށްފަހު ޖެހިގެން އައި ދުވަހު ފުލުހުން ވަނީ އޭނާގެ ފޯނު ދޫކޮށްލައިފަ އެވެ.
އަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރަށުގައި އަދިވެސް ހަރަކާތްތެރިވަމުން އަންނައިރު, އަބްދުއްރަހްމާން ދިރިއުޅެމުންދިޔަ މާހިޔާ ގެ ހުންނަ ސަރަހައްދު އަދިވެސް އޮތީ ފުލުހުން ބަންދުކޮށްފަ އެވެ.
އަބްދުއްރަހްމާން މަރާލިއިރު, އޭނާގެ ތިން ފިރިހެން ދަރިން ދުނިޔޭގައި ތިއްބެވެ. ނަމަވެސް އޭނާއަށް ހަމަލާދިންއިރު, އޭގެތެރެއިން އެއްވެސް ކުއްޖަކު މާޅޮހުގައެއް ނެތެވެ.
Comment