10 އޮގަސްޓު 2025 - 11:36 1
ލީވާން އަލީ ނާސިރު
ވެމްކޯގެ މުވައްޒަފުންތަކެއް: ވެމްކޯއިން ދެ ކުންފުންޏަކަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އަދަދު ފައިލް
10 އޮގަސްޓު 2025 - 11:36 1
އަމިއްލަ ދެ ކުންފުންޏަކަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވެމްކޯގެ މައްޗަށް ހުކުމްކުރީ ލިއޯ ސްޓޯސް އެންޑް ސަޕްލައި ޕްރައިވެޓް ލިމިޓެޑާއެކު އެ ކުންފުނިން ވެފައިވާ ވިޔަފާރި އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ 3.48 މިލިއަން ރުފިޔާ ދެއްކުމަށެވެ.
މިދިޔަ މެއި 6، ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކުރި އެ މައްސަލައިގައި ލިއޯ ސްޓޯސް އެންޑް ސަޕްލައި އިން ވެމްކޯއިން ދައްކަން ޖެހޭ ފައިސާގެ އިތުރުން އިންޓްރެސްޓަށްވާ ފައިސާ ހޯދަން އެދުނު ނަމަވެސް، އެފަދަ ގާނޫނީ އަސާސެއް ލިއޯ ސްޓޯސް އެންޑް ސަޕްލައިއަށް ދެއްކިފައި ނުވާތީ އެ ފައިސާ ނުލިބެ އެވެ.
ވެމްކޯއިން ލިއޯ ސްޓޯސް އެންޑް ސަޕްލައިއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް 12 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވެމްކޯއިން އެދުނު ނަމަވެސް، ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ.
ސިވިލް ކޯޓުން މިއަދު ވެމްކޯގެ މައްޗަށް ހުކުމްކުރީ ސޯލްޓްސް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުންޏަށް ވިއްކާފައިވާ ތަކެއްޗަށްވާ 1.21 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ، އެ ފައިސާ ސޯލްޓް އެންޑް ސޭންޑްސްއަށް ދައްކައި ހަލާސް ކުރުމަށެވެ.
ވެމްކޯއިން ސޯލްޓް އެންޑް ސޭންޑްސްއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް 12 މަސް ދުވަހުގެ މުއްދަތެއް އެދުނު ނަމަވެސް، ސިވިލް ކޯޓުން ހުކުމްކުރީ 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އަދި މިނިސްޓްރީތަކުން ވެސް އަމިއްލަ ފިޔަފާރިތަކުން ހިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ މައްސަލަ ބޮޑެވެ. އެގޮތުން ސިވިލް ކޯޓު މެދުވެރިކޮށް އަމިއްލަ ކުންފުނިތަކުން އަންނަނީ އެ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
Comment