Advertisement

ފަލަސްތީނުގެ ޕެލޭގެ މަރާ ގުޅިގެން ސަލާހުގެ ސުވާލެއް ޔުއެފާ އަށް

10 އޮގަސްޓު 2025 - 09:12 0


ފަލަސްތީނުގެ ޕެލޭގެ މަރާ ގުޅިގެން ސަލާހުގެ ސުވާލެއް ޔުއެފާ އަށް

10 އޮގަސްޓު 2025 - 09:12 0

ލިވަޕޫލް (އޮގަސްޓް 10) - އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި، ފަލަސްތީނުގެ ޕެލޭގެ ނަމުން މަޝްހޫރު ވެފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ، ސުލެއިމާން އަލް އޮބެއިދު މަރުވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި، ޔުއެފާ އިން ކުރި ޕޯސްޓާ އެކު، ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު މުހިންމު ސުވާލެއް ކުރިމަތިކޮށްފި އެވެ.

އިޒްރޭލުން ފަލަސްތީނަށް އަރައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގައި މިހާތަނަށް ކުޅިވަރުގެ މައިދާނުގައި އުޅޭ ފަލަސްތީނުގެ 662 މީހުން މަރާލާފައިވާއިރު، ޕީއެފްއޭ އިން ރިޕޯޓްކުރާ ގޮތުގައި އޭގެ ތެރޭގައި، 421 ފުޓްބޯޅަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި، ހަގު އުމުރުގެ 100 އަށް ވުރެ ގިނަ ކުދިން ވެސް ހިމެނެ އެވެ.

އަލް ޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 41 އަހަރުގެ އޮބެއިދު މަރުވެފައިވަނީ، މީހުންނަށް ކާބޯތަކެތި ބަހަން ހަރަކާތްތެރިވާ މީހުންނާ އެކު، އެ މަސައްކަތުގައި އުޅެނިކޮށް، މިދިޔަ ބުދަ ދުވަހު، އިޒްރޭލުން ދިން ހަމަލާތަކުގަ އެވެ.

ގާޒާގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ކައިރީގައި، ހަރަކާތްތެރިވި ބަޔަކަށް އިޒްރޭލުން ދިން ހަމަލާގައި، ފަލަސްތީނުގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ އޮބެއިދު މަރުވިކަން، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މީޑިއާ އަށް ޔަގީންކޮށްދީފަ އެވެ.


އޮބެއިދުގެ މަރާ ގުޅިގެން ޔުއެފާ އިން އެކްސްގައި (ކުރިން ޓްވިޓާގައި) ކުރި ޕޯސްޓުގައި ލިޔެފައިވަނީ، ފަލަސްތީނުގެ ޕެލޭގެ ނަމުން މަޝްހޫރުވެފައިވާ، އޮބެއިދު އަށް ހެޔޮދުއާކުރާ ކަމަށާއި އޭނާގެ ހުނަރުން ގިނަ ކުދިންތަކަކަށް، އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އުންމީދުތަކެއް ލިބިފައިވާ ކަމަށެވެ. އެއާ އެކު ސަލާހު، އެ ޕޯސްޓު ޝެއާކޮށް ލިޔެފައިވަނީ، އޮބެއިދު މަރުވި ގޮތާއި ކިހިނެއް، ކޮންތާކުކަން ބަޔާންކޮށް ނުދެވެނީ ކީއްވެތޯ އަހައިފަ އެވެ.

މިއީ، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ސަލާހު މި ފަދަ ގޮތަކަށް ޝުއޫރުފާޅުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 19 ވަނަ ދުވަހު، ގައްޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދީ 500 އަށްވުރެ ގިނަ މީހުން މަރާލުމާ ދެކޮޅަށް ވެސް ސަލާހު ވަނީ އަޑުއުފުލައި ޝުއޫރުފާޅުކޮށްފަ އެވެ.