Advertisement

ކަރަންޓު ތަހުގީގު: މިހާތަނަށް ފުލުހުންނަށް އެއްކުރެވުނީ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެކަނި

9 އޮގަސްޓު 2025 - 20:33 1

ރައީސް މުއިއްޒު އަދި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން


ކަރަންޓު ތަހުގީގު: މިހާތަނަށް ފުލުހުންނަށް އެއްކުރެވުނީ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެކަނި

9 އޮގަސްޓު 2025 - 20:33 1

ޖޫން 1، ގައި މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުނު މައްސަލައިގައި ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި މިހާތަނަށް އެއްކުރެވުނީ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިހާތަނަށް އެއްކުރެވުނު މައުލޫމާތަށް ބަލައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"2025 ޖޫން 1 ވަނަ ދުވަހު ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައި. އަދި މި މައުލޫމާތައް ބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަހުގީގު ކުރަމުން،" އެ މެސެޖުގައި ފުލުހުން ބުންޏެވެ.

ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އެ ދުވަހު ކަރަންޓު ދެވުނީ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުންނެވެ. ސްކޫލްތަކުގެ ކިޔެވުން ވެސް އެ ދުވަހު ބަންދު ކުރި އެވެ. އަދި ވަރަށް ގިނަ ވިޔަފާރިތައް ވެސް އެ ދުވަހު މެދުކަނޑައިލި އެވެ.

ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ހަމަ އެ ދުވަހު އެންގެވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

ޖޫން 1، ގައި ކަރަންޓު ކެނޑުނު ފަހުން މާލެ ސަރަހައްދުން 40 އަށް ވުރެ ގިނަ ފަހަރު ކަރަންޓު ކެނޑުނެވެ. މިއަދު ވެސް ގާތްގަނޑަކަށް ދެ ގަޑިއިރަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. ކަރަންޓު ކެނޑޭ ކަމަށް ބުނަނީ ޓެކްނިކަލް މައްސަލަތަކާއި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކުގަ އެވެ.