9 އޮގަސްޓު 2025 - 06:21 0
9 އޮގަސްޓު 2025 - 06:21 0
ބާސެލޯނާ (އޮގަސްޓް 9) - ޖަރުމަނުގެ ގޯލްކީޕަރު، މާކް އަންދްރޭ ޓާ ސްޓެގެން އާއި ބާސެލޯނާއާ ދެމެދު ޖެހުނު މައްސަލަ ހައްލުކޮށްފި އެވެ.
ބާސެލޯނާ އިން ވަނީ ސްޓެގެން އަށް ކުރިއެކޭ އެއްގޮތަށް ޓީމުގެ ކެޕްޓަންކަން ވެސް ދޭން ނިންމައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ބާސެލޯނާ އިން ވަނީ، ސްޓެގެން، 33، އަތުން އެ ކްލަބްގެ ކެޕްޓަންކަން ނަގައިފަ އެވެ. އެ ގޮތަށް ނިންމީ، ޖުލައި މަހު ކުރި ސްޓެގެންގެ ބުރަކަށީގެ އޮޕަރޭޝަނަކަށް ފަހު، ދެ ފަރާތުގެ މެދުގައި ހިނގި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.
ސްޓެގެން، އަނިޔާގައި ހުރެ ހަތަރު މަސް ދުވަހަށް ވުރެން ގިނަ ދުވަސްނަގާނަަމަ، ބާސެލޯނާ އަށް އޭނާގެ 80 ޕަސެންޓް މުސާރަ ކްލަބްގެ މާލީ ކަންކަމުގެ ތެރެއިން، ލުޔެއް ހޯދައިގެން، ލީގުގައި ރަޖިސްޓްރީ ކުރަން ފުރުސަތު އެބައޮތެވެ. އެކަމަކު، ސްޓެގެން، މީޑިއާގައި ބުނެފައިވަނީ، އޭނާ ކުޅުމާއި ދުރުގައި ހުންނާނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި، ބާސެލޯނާ އިން އެދުމުން، ސްޓެގެން ވަނީ އޭނާގެ މެޑިކަލް ރިޕޯޓްތަކުގެ ތަފްސީލް ދޭން ވެސް ދެކޮޅު ހަދައިފަ އެވެ.
އެކަމަކު، ފަހުން ދެ ފަރާތުގެ ކޯޅުން ބޮޑުވެ، ކްލަބުން ސްޓެގެންއާ މެދު ފިޔަވަޅު އަޅާ ހިސާބަށް ދިއުމާ އެކު، އެއްބަސްވުމަކަށް އަންނަން ނިންމީ އެވެ. އަދި، ސްޓެގެން ވެސް ވަނީ އޭނާގެ މެޑިކަލް ރިޕޯޓްތައް ބާސެލޯނާ އަށް ދޭން ނިންމައިފަ އެވެ.
ބާސެލޯނާ އިން މި ފަަަހަރުގެ ޓްރާންސްފާގައި ގެނައި، އެސްޕަންޔޯލްގެ ކީޕަރު، ޖޮއާން ގާސިއާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، މާކަސް ރެޝްފޯޑް ރަޖިސްޓްރީ ކުރަން ބާސެލޯނާ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ބާސެލޯނާގެ ސްޕެއިން ޑިފެންޑަރު، އިނީގޯ މާޓިނޭޒް ވަނީ އެ ކްލަބްގެ ކޮންޓްރެކްޓް އުވާލައި، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ސޮއިކުރަން ނިންމައިފަ އެވެ.
ސްޓެގެން، ބާސެލޯނާ އަށް ބަދަލުވީ، 2014 ވަނަ އަހަރު ބޮރޫޝިއާ މުންޗެންގްލަޑްބެކުންނެވެ. އޭގެ ފަހުން، ބާސެލޯނާ އަށް 400 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ ސްޓެގެން ވަނީ އެ ޓީމާ އެކު، ސްޕެނިޝް ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
Comment