Advertisement

މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އެމްޑީޕީ ޕީޖީގެ ސިޓީއެއް މުއިއްޒަށް

8 އޮގަސްޓު 2025 - 16:02 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އެމްޑީޕީ ޕީޖީގެ ސިޓީއެއް މުއިއްޒަށް ވަނީ ފޮނުވާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އެމްޑީޕީ ޕީޖީގެ ސިޓީއެއް މުއިއްޒަށް

8 އޮގަސްޓު 2025 - 16:02 2

ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އެންގުމުން ވެސް ހާޒިރު ނުވާތީ، އެކަން ރައީސް މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން ގެނެސްފި އެވެ.

މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވާ މުއިއްޒުއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މިނިސްޓަރަކާއި ނުވަތަ ސަރުކާރުގެ މަގާމެއްގައި ހުންނަ ބޭފުޅަކާއި ސުވާލުކުރަން ބޭނުންވާ ހިނދެއްގައި މަޖިލީހަށް ހާޒިރު ކުރެވޭ ކަމަށެވެ.

"ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަށް ތެދުބަހުން ޖަވާބު ދޭންވާނެކަމަށް، ދެންނެވުނު މާއްދާ (ގާނޫނު އާސާސީގެ 98 މާއްދާ) ގެ (ނ) ބަޔާންކޮށްފައިވޭ،" އެމްޑީޕީ ޕީޖީން ބުންޏެވެ.

ލިޔުމުން ނުވަތަ އަނގަބަހުން މިނިސްޓަރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވީ ނަމަވެސް، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެ ޒިންމާއިން ބަރީއަވެ، ދުސްތޫރީ ވާޖިބު އަދާކުރަން މިނިސްޓަރުން ގެންދަވަނީ ހުރަސްއަޅުއްވަމުން ކަމަށް އެމްޑީޕީގެ ޕީޖީން ބުންޏެވެ.

އެމްޑީޕީ ޕީޖީން ބުނީ މިނިސްޓަރުން މަޖިލީހަށް ހާޒިރު ކުރުމަށް މަސައްކަތް ކުރީ ޖަވާބުދާރީ ކުރުވުމަށާއި މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު ބެލުމަށްޓަކައި ކަމަށެވެ.

"ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި، އެ މަގާމުތަކުން މީހުން ވަކިކުރުމާއި، ވަޒީރުންނާމެދު ފިޔަވަޅު އެޅުމަކީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރެއް ކަމަށްވީ ހިނދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދައުރު އަދާ ކުރުމަށް ހުރަސްއަޅާ ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ މަނިކުފާނުގެ މައްޗަށް ލާޒިމު ކަމެއް،" އެމްޑީޕީން ޕީޖީން ބުންޏެވެ.

މިގޮތުން އެމްޑީޕީ ޕީޖީން މުއިއްޒުއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ މިނިސްޓަރުން މަޖިލީހަށް ޖަވާބުދާރީވުމަށް އަންގަވައި، ގާނޫނުއަސާސީ އާއި ގާނޫނަށް މިނިސްޓަރުން ތަބާވާކަން ކަށަވަރުކޮށްދިނުމަށެވެ.