Advertisement

ދީނާ ޖަހައިގެން ދުނިޔެ ކެއުން؛ ލާދީނިއްޔަތުގެ ވޭރިއަންޓެއް

8 އޮގަސްޓު 2025 - 07:37 7

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

މިއީ އޭއައި އިން އުފައްދާފައިވާ ތަސްވީރެއް


ދީނާ ޖަހައިގެން ދުނިޔެ ކެއުން؛ ލާދީނިއްޔަތުގެ ވޭރިއަންޓެއް

8 އޮގަސްޓު 2025 - 07:37 7

މާތް ﷲ ރުއްސުންލެއްވި ސަލްމާނުލްފާރިސީގެފާނު ވިދާޅުވެ އެވެ. ދެން ތިމަންކަލޭގެފާނު އެބައިމީހުންނައިގެން ނުކުމެއްޖައީމެވެ. އެހެންގޮސް ޝާމްކަރައަށް ދެވުމުން ތިމަންކަލޭގެފާނު ސުވާލުކޮށްފީމެވެ. މިދީނުގެ އެންމެ މާތް މީހަކީ ކާކު ހެއްޔެވެ؟ އެބައިމީހުން ބުންޏެވެ. މިދީނުގެ އެންމެ މާތް މީހަކީ މިހިރަ ފެންނަ ފައްޅީގައި ހުންނަ ފާދިރީ އެވެ. ދެން ތިމަންކަލޭގެފާނު އެ ފައްޅިއަށް ގޮސް އެ ފާދިރީގެ ގާތުގައި ދަންނަވައިފީމެވެ. ތިމަން މިއައީ މިދީނަށް ނިކަން ލޯބި ޖެހިގެންނެވެ. ކަލޭގެފާނުގެ ހިދުމަތުގައި ތިމަން މި ފައްޅީގައި ބަހައްޓާނުތޯ އެވެ؟ އެއީ ކަލޭގެފާނުގެ އަރިހުން އިލްމު އުގެނި އަދި ކަލޭގެފާނާއެކު އަޅުކަންކޮށް އުޅުމަށެވެ. ދެން އެ ފާދިރީކަލޭގެ އެކަމަށް ރުހިގެން ތިމަން އެ ފައްޅީގައި ގެންގުޅެން ފަށައިފި އެވެ.

މިފާދިރީ ކަލޭގެ ހަދާ ގޮތަކީ، މީސްތަކުންނަށް ސަދަގާތްކުރުމަށް ބާރުއަޅައި، އެއީ ނުހަނު ސަވާބުހުރި މަތިވެރިކަމެއް ކަމުގައި މީސްތަކުންނަށް ދައްކައި މީހުން ލައްވައި ސަދަގާތުގެ ގޮތުގައި އެތައް ބައިވަރު މުދަލެއް ފައްޅީގެ ނަމުގައި ހޯދަނީ އެވެ. އެޔަށްފަހު މި މުދާތައް މިކަލޭގެ އަމިއްލައަށް ބޭނުންކުރުމަށް މިކަލޭގެ އަމިއްލަ ސިއްރު ތަނެއްގައި ފޮރުވަނީ އެވެ. އެއްގޮތަކަށް ވެސް މި މުދާތައް ލިބެންޖެހޭ މިސްކީނުންނަށް މިއެއްޗެހި ބަހައެއް ނޫޅެ އެވެ.

މިކަލޭގެ މަރުވުމުން ނަސޯރާއިންގެ ބޮޑުން އޭނާ ފަސްދާނުލުމަށް އެއްވުމުން ތިމަންކަލޭގެފާނު އެމީހުންނަށް ބުނެފީމެވެ. މިއީ ވަރަށް ނުބައިމީހެކެވެ. އޭނާ ތިޔަބައިމީހުންނަށް ސަދަގާތްދިނުމަށް އަމުރުކޮށްފައި ސަދަގާތުގެ ގޮތުގައި ލިބޭހާ ތަކެތި އޭނާ އަމިއްލައަށް ބޭނުންކުރުމަށް ތަނެއްގައި ރައްކާކުރަނީ އެވެ. އެތަކެތި ދޭންޖެހޭ މިސްކީނުންނަށް އެތަކެތި އޭނާ ނުދެ އެވެ. އެމީހުން ބުންޏެވެ. ކަލޭގެފާނަށް ތިޔަކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ ދެން އޭނާ މުދާތައް ފޮރުވާތަން ތިމަންކަލޭގެފާނު އެމީހުންނަށް ދެއްކުމުން އެމީހުން އެތަން ކޮނެ އެތަކެތި ފެނުމުން އެމީހުން ބުނެފި އެވެ. މިކަލޭގެ ވަޅެއްވެސް ނުލާހުށީމެވެ. އެޔަށްފަހު އެކަލޭގެ މަސްގަނޑު ސަލީބަށް އަރުވައި ހިލައިން ތަޅައި ރަޖަމުކުރީ އެވެ.

އާދޭހެވެ! ދީނުގެ ނަމުގައި ދުނިޔެ ކެއުމުގެ ތާރީހީ މިސާލެކެވެ. ދީން ބޭނުންކޮށްގެން ދުނިޔެ މަކަރާ ޖަހައިގެން ބައްކޮށްގަތުމަށް އާންމުންނަށް އޮޅުވާލުމެވެ. ދީން އަށްޑަނައަކަށް ހަދައިގެން ދުނިޔަވީ އެދުންތައް ހާސިލުކުރުމެވެ. އެ ފާދިރީ ކަލޭގެ މާތް ﷲ ގެ އަޅުތަކުންނަށް އޮޅުވާލައިގެން އެބައިމީހުންގެ މުދާތައް ދީނުގެ ނަމުގައި ނަގައި ބައްކުރީ މާތް ﷲ އޭނާ ފަލީހަތް ނުކުރައްވާ ދޫކޮށްލައްވާނެކަމަށްތޯ އެވެ! އެހެންނެއް ނުވި ނޫންތޯ އެވެ!

ދީނާ މެދު އަދާވާތްތެރިކަން ފާޅުކޮށްގެން އުޅޭ މީހުންނަށްވުރެ މި ފަދަ މީހުންގެ ނުރައްކާތެރިކަން މާބޮޑެވެ. އެހެނީ ސަލްމާނުލްފާރިސީގެފާނު އެކަން ބައްލަވައި ތެދުވެރިކަމާއެކު އާންމުންނަށް އެކަން ބަޔާންކޮށް ނުދެއްވި ނަމަ، އެ ނަސޯރާއިންނަކަށް އެބައިމީހުންގެ ފާދިރީގެ ހުރި ނުބައިނުލަފާކަން އެނގޭނެ ހަމަ އެއްވެސް ގޮތެއް ނޯތީހެވެ. އެހެންކަމާއެކު އޭނާ ދީނުގެ ނަމުގައި އެދީނުގެ ތެރެއަށް އިތުރުކޮށް އުނިކޮށް ހެދީ ކިހާ މިންވަރަކަށްކަން ވެސް އެނގޭނެ ގޮތެއް ނޯތީހެވެ. ދީން ބޭނުންކޮށްގެން މަކަރާއި ހީލަތް ހަދާނަމަ އަޑުއުފުލަންވީ މިހެންވެގެންނެވެ.

މިއީ ހަމައެކަނި ޔަހޫދީންނާއި ނަސޯރާއިންގެ ތާރީހުން ފެންނާން އޮތް ކަމެއް ނޫނެވެ. އަހަރެމެންގެ އިސްލާމީ ތާރީހުގެ ދާދި ކުރީކޮޅު މާތް ނަބިއްޔާވެސް ދުނިޔޭގައި ހުންނަވަނިކޮށް އިސްލާމީ އުންމަތުންވެސް މިބާވަތުގެ ކަންކަން ފެންނާން ފަށައިފި އެވެ. ބޮޑަކަށްހުރީ ޢަބްދުﷲ ބުން އުބައްޔު ބުނު ސަލޫލެވެ. އިސްލާމްކަން ފާޅުކޮށްގެން ހުރި އިސްލާމްދީނުގެ ބޮޑު އަދާވާތްތެރިއެކެވެ.

މިބުނި އަބްދުﷲ ބިން އުބައްޔު ބުން ސަލޫލް މަރުވުމުން، އޭނާގެ މައްޗަށް މާތް ނަބިއްޔާ ކަށުނަމާދުކުރައްވަންޖެހިވަޑައިގަތީވެސް އޭނާއަކީ އިސްލާންކަން ފާޅުކޮށްގެން މުސްލިމެއްކަމަށް ހެދިގެން އުޅުނު މީހަކަށްވިޔަތީ އެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އިސްލާމްދީނާމެދު އޮތް އަދާވާތްތެރިކަން މާތް ސަހާބީންގެ ތެރޭގައިވެސް އޮތީ އާންމުވެފަ އެވެ.

މިބާވަތުގެ މުނާފިގުންނާމެދު ތައުބާ ސޫރަތުގެ 80 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. "...އެމީހުންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންނެވިނަމަވެސް ނުވަތަ އެމީހުންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނެވިޔަސްމެއެވެ. އެމީހުންނަށް ފާފަފުއްސެވުމަށް ހަތްދިހަ ފަހަރު ކަލޭގެފާނު އެދިވަޑައިގަތަސް، ﷲ އެމީހުންނަށް ފާފައެއް ނުފުއްސަވާނެ އެވެ..."

ދީން ބޭނުންކޮށްގެން ދުނިޔެ ކެއުމުގެ އާފާތަކީ ދިވެހިންގެ ތެރޭގައިވެސް މިއަދު އާލާވެ ފެތުރި ފުޅާވެފައިވާ މުސީބާތެކެވެ. މި ލިޔުން ލިޔަން ޖެހުނީ އެހެންވެގެންނެވެ. ދީނަށް ލޯބި ނެތް އެތައް ބަޔަކު ދީންވެރިންނާއި ދީނީ އިލްމުވެރިންގެ ހިޔަލަށް ވަދެ އޮޅުވާލާނީ އެވެ. ސްކޭމް ހިންގަނީ އެވެ. ފަސާދަހަދަނީ އެވެ.

އުމުރާ ޕެކޭޖްތަކެއް އިޝްތިހާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ދިވެހިންގެ އެތައް ބަޔެއްގެ އަތުން ނަގާފައި، ފިލައިގެން އުޅޭ މީހުން ގިނަވުމަށްވުރެ ބޮޑީ، މާސިންގާ އިސްލާމިކް މިނިސްޓްރީއަކަށް އެއްބަޔަކު އެކަން ތަކުރާރުކުރާއިރުވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމެވެ. ނަބަވީ ފަރުވާތަކުގެ ނަމުގައި ވެސް މީގެ ބައެއް ސްކޭމް އެބަ ހިންގަ އެވެ. ސިހުރު ބާތިލުކުރުމުގެ ނަމުގައި އެތައް ބަޔަކު ފޭރެމުން އެބަދެއެވެ.

ހާމަޔަށް ފެންނާން ހުރީ މީގެ އެތައް މިސާލެކެވެ. އެހެރަތަނުން މާސިންގާ ކޮރަޕްޝަނެކެވެ. ސަރުކާރުގެ މިހިރަ ކުންފުނިން އެޔަށްވުރެ ބޮޑު ވައްކަމެކެވެ. މިހިރަ ކުންފުނީގައި ތިބި މީހުންތައް ކަނޑާ އެއްލާލާފައި ވައްކަމަށް ފަހި ނާގާބިލު މީހުން ތަންތަނަށް އައްޔަންކުރަނީ އެވެ. ވައްކަމުގެ ރިޕޯޓު ކުރާ މީހާ ވަޒީފާއިން ކަނޑައި ބޭރުކުރަނީ އެވެ.

އަޅުގަނޑުވެސް އެއްބަހެވެ. މިހާރަކު ދީނަށް ހަޖޫޖަހާ އަޑެއް ނީވެ އެވެ. ނަބިއްޔާއަށް ފުރައްސާރަކުރާ ތަނެއް ނުފެނެ އެވެ. އެކަމަކު ދަންނަވަންތޯ އެވެ! ބިސްމިއާއި އަލްޙަމްދުން ފައްޓަވައި، އާޔަތާ ހަދީސް ވިދާޅުވަމުން، ފަސާދަ މައްޗަށް ފަސާދަ ފަށަލަކޮށްގެން ކުރިއަށްދާ ލާދީނިއްޔަތުގެ މި ވޭރިއަންޓް ލާދީނިއްޔަތުގެ އެހެން ވައްތަރުތަކަށްވުރެ މާ ނުރައްކަލެވެ.

އެހެނީ ދީނަށް ހަޖޫޖަހައި، މާތް ނަބިއްޔާގެ ސުންނަތަށް ބަދު ބަސް ބުނާ މީހާއާމެދު ސަމާލުވާން އެންމެންނަށްވެސް އެނގެ އެވެ. އެކަމަކު ފަސާދައާއި ސްކޭމާއި ހިޔާނާތުގައި ދީންވެރިކަމުގެ ފޭރާމެއް އެޅުވުމުން، އެ ފޭރާމުގެ ރީތިކަމަށްޓަކައި މުސްލިމް ދިވެހިން ވަގުތުކޮޅަކަށް ނަމަވެސް އާޝޯހު ނުވާނެ ގޮތް އެއީ ނެތް ގޮތެކެވެ.

ލާދީނިއްޔަތުގެ މިވޭރިއަންޓް ދެނެގަންނާނެ ގޮތް މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި އަންގަވައިދެއްވާފައި ވެ އެވެ. އެބާވަތުގެ މީހުން ފުށުން ތިން އަލާމާތެއް ފެންނާނެ އެވެ. ބަސްބުނުމުގައި ދޮގު ހެދުމެވެ. ކުރާ ވައުދެއް ނަމަ އެޔާ ހިލާފުވުމެވެ. އަމާނާތެއް ހަވާލުވެއްޖެނަމަ ހިޔާނާތްތެރިވުމެވެ.