8 އޮގަސްޓު 2025 - 05:42 0
8 އޮގަސްޓު 2025 - 05:42 0
ސައުދީ އަަރަބިއްޔާގައި އަންނަ އަހަރު ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ވަރުގަދަ ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.
ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ގްރޫޕް އެފްގައި ހިމެނެނީ، ކުވެއިތު، ތުރުކުމެނިސްތާން އަދި މޮންގޯލިއާ އެވެ. ކޮލިފައިން މެޗުތައް ތައިލެންޑުގެ ޗޮންބުރީގައި ކުރިއަށްދާނީ، ނޮވެމްބަރު 22-30 އަށެވެ.
ފުރަތަމަ މެޗުގައި، ނޮވެމްބަރު 22 ވަނަ ދުވަހު ރާއްޖޭން މޮންގޯލިއާއާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި އެއް ދުވަސް ފަހުން، 24 ވަނަ ދުވަހު، ކުޅޭނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި، 26 ނޮވެމްބަރުގައި، ތައިލެންޑާ ކުޅުމަށް ފަހު، ގްރޫޕްގައި ރާއްޖޭގެ ފަހު މެޗު އޮންނާނީ، 28 ވަނަ ދުވަހު ކުވެއިތާ ދެކޮޅަށެވެ.
މިދިޔަ އަހަރު އޭއެފްސީ 17 އަހަރުން ދަށުގެ ކޮލިފައިންގައި، ރާއްޖޭން ފުރަތަމަ މެޗުގައި، 2-2 އިން ބޫޓާނާ އެއްވަރުކުރި އެވެ. ދެ ވަނަ މެޗުން ބަހްރޭން އަތުން 1-0 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި، ދެކުނު ކޮރެއާ އިން ރާއްޖެ ބަލިކުރީ 13-0 އިންނެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މި ގްރޫޕްގެ މެޗުތައް ހޯސްޓްކުރި ޗައިނާ އިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 9-0 އިންނެވެ.
މި ފަހަރުގެ 17 އަހަރުން ދަށުގެ އޭޝިއާ މުބާރާތުގެ ކޮލިފައިންގެ ކުރިން، އަންނަ މަހު، 17 އަހަރުން ދަށުގެ ގައުމީ ޓީމުން ސާފް މުބާރާތުގައި، ކުޅޭނެ އެވެ. އެ ގޮތުން، އަންނަ މަހު، 15-27 އަށް ސްރީ ލަންކާގެ، ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅޭ މި ފަހަރުގެ 17 އަހަރުން ދަށުގެ މުބާރާތުގައި، ގްރޫޕް ބީގައި ރާއްޖެ ހިމެނެނީ، އިންޑިއާގެ އިތުރުން ބޫޓާނާއި ޕާކިސްތާން އެއް ގްރޫޕެއްގަ އެވެ.
ސަތާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިމަތިލުމަށް އެފްއޭއެމް އިން ވަނީ ހުޅުވާލައިފަ އެވެ. ސަތާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރިމަތިލުމުގެ ކޮލިފިކޭޝަނުގެ ޝަރުތުތަކަށް ބަލާއިރު، އޭއެފްސީ އޭ ކޯޗިން ސެޓްފިކެޓް ހާސިލްކޮށްފައިވުމާއި، 5-10 އަހަރުގެ ކޯޗިން ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އަދި، ކޯޗިން ތަޖުރިބާ ތެރޭގައި، ޔޫތު ލެވަލް އާއި ކްލަބް ލެވަލް ކޯޗިން ވެސް ހިމެނޭއިރު، 17 އަހަރުން ދަށުގެ ކުޅުންތެރިންގެ ހުނަރު ދެނެގަތުމަށް، ސްކައުޓިންގެ ކަންކަމަށް އަހުލުވެރި ކޯޗަކަށް ވުން ވެސް ހިމެނެ އެވެ.
ގިނަ ޒިންމާތަކެއް ހިމެނޭ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމަށް، ޝައުގުވެރިވާ ފަރާތްތަކުން، މި މަހު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުމަށް، [email protected] މެއިލް ކުރަން އެފްއޭއެމް އިން އެެދިފައިވެ އެވެ.
Comment