8 އޮގަސްޓު 2025 - 05:47 0
8 އޮގަސްޓު 2025 - 05:47 0
ލަންޑަން (އޮގަސްޓް 8) - މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމޭއިރު، އައިވަރީ ކޯސްޓުގެ ފޯވާޑް، ނިކޮލަސް ޖެކްސަން، ޗެލްސީގައި ހުންނާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
މީގެ އެއް އަހަރު ކުރިން، ވިޔަރެއާލަށް 40 މިލިއަން ޑޮލަރު ދީފައި، ޗެލްސީން ގަތް ޖެކްސަން، 24، އަށް އެކަށީގެންވާ ވަރުގެ ކުރިއެރުމެއް އެ ޓީމާ އެކު ހޯދިފައިނުވެ އެވެ. ޖެކްސަންއާ އެކު، ޗެލްސީން މިދިޔަ ސެޕްޓެމްބަރު މަހު ސޮއިިކުރި ނުވަ އަހަރުގެ ކޮންޓްރެކްޓް ހަމަވާނީ 2033 ވަނަ އަހަރު އެވެ. ޗެލްސީއާ އެކު، ޖެކްސަން ކުޅުނު ފުރަތަަމަ ސީޒަނުގައި، 35 މެޗުން 14 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިދިންއިރު، ދެ ވަނަ ސީޒަނުގައި، 30 މެޗުން ޖެހުނީ 10 ގޯލެވެ. އަދި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިިދިނެވެ.
ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ދެ ފޯވާޑުން ގަނެފަ އެވެ. ޖުމްލަ އެކު، 150 މިލިއަން ޑޮލަރު ހޭދަކޮށްފައި ޗެލްސީން ގަތީ، އިޕްސްވިޗް ޓައުން އިން ލިއަމް ޑެލަޕް އާއި ބްރައިޓަން އިން ޖޮއާއޯ ޕެޑްރޯ އެވެ.
"ޓްރާންސްފާ މާކެޓް ހުޅުވިފައި އޮންނައިރު ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެސް ހިނގައިފާނެ. މިއީ ނިކޯ (ޖެކްސަން)ގެ މުސްތަގުބަލު ވެސް ހިމެނޭ ގޮތަށް ދައްކާ ވާހަކައެއް،" ޖެކްސަން ވިއްކާނެތޯ ކުރި ސުވާލަށް މަރެސްކާ ޖަވާބުދިންއިރު ބުންޏެވެ.
"މި ވަގުތު އަހަރެމެން މި ތިބި ވަރަށް ރަނގަޅު ދެ ފޯވާޑުން (ޖޮއާއޯ އާއި ލިއަމް) ގެނެސްގެން. އެހެންވީމަ، ދެން ވާގޮތެއް ބަލަމާ،"
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ނިއުކާސަލް ޔުނައިޓެޑުން ހޯދަން މަސައްކަތް ކުރި ދެ ފޯވާޑުން އެ ކްލަބަށް ވަނީ ގެއްލިފަ އެވެ. އެ ގޮތުން، އައިންޓްރަކްޓް ފްރޭންކްފާޓުގެ ހޫގޯ އެކިޓީކޭ، ލިވަޕޫލަށް ސޮއިކުރިއިރު، ބެންޖަމިން ސެސްކޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމައިފަ އެވެ.
އަދި، ނިއުކާސަލްގެ ފޯވާޑް، އަލެކްސަންޑަ އިސާކް އެ ކްލަބް ދޫކޮށްލަން ބޭނުންވާއިރު، އެ ޓީމުން ފޯވާޑެއް ހޯދަން ކުރާ މަސައްކަތުގައި، ޖެކްސަން އަށް ބިޑްކުރުމުގެ ފުރުސަތު އެބައޮތެވެ.
Comment