8 އޮގަސްޓު 2025 - 05:42 0
8 އޮގަސްޓު 2025 - 05:42 0
ލަންޑަން (އޮގަސްޓް 8) - އިނގިރޭސި އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، އެމާ ރަޑުކާނޫ، ސްޕެއިނުގެ ލެޖެންޑަރީ ތަރި، ރަފައެލް ނަޑާލްގެ ކޯޗު، ފްރާންސިސް ރޮއީއާ އެކު މަސައްކަތް ފަށައިފި އެވެ.
އުމުރުން 22 އަހަރުގެ އެމާ މަސައްކަތް ކުރަމުން އައީ، މާކް ޕެޗޭއާ އެކު އެވެ. މިދިޔަ މާޗް މަހުން ފެށިގެން، އެމާ އާއި ޕެޗޭ އެކުގައި ޓްރެއިނިންތައް ކުރިއަށްގެންދަމުން އައި ކަމުގައި ވިޔަސް ރަސްމީ ކޮންޓްރެކްޓެއް ނެތެވެ.
ރޮއީ ވަނީ ނަޑާލްއާ އެކު، 2005 އިން ފެށިގެން 2022 އާ ހަމައަށް 17 އަހަރު މަސައްކަތް ކޮށްފަ އެވެ. ނަޑާލް، 22 ގްރޭންޑް ސްލޭމް ތަށި ހޯދިއިރު، ކޯޗިން ޓީމުގައި ރޮއީ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އެކަން ނަޑާލް ވެސް ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.
"އެއީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާނެ މޮޅު ކޯޗެއް. އަހަރެން ވަރަށް ޝައުގުވެރިކަމާ އެކު މަސައްކަތް ކުރަން ތައްޔާރަށް މި ހުރީ، ޔަގީނުން ވެސް މިއީ އަހަރެންގެ ކެރިއަރަށް ފައިދާތަކެއް ކުރާނެ ކަމެއް،" ރޮއީއާ އެކު، މަސައްކަތް ކުރުމާ ގުޅޭގޮތުން، އެމާ، ސްކައި ސްޕޯޓްސް އަށް ބުންޏެވެ.
ގިނަ ބަޔެއްގެ ލޮލުގައި އެމާ، އަޅައިގަތީ 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ސެޓެއް ވެސް ނުގެއްލި ހޯދުމާ ގުޅިގެންނެވެ. އެ މުބާރާތުގެ ކޮލިފައިން ބުރުން ހޮވިގެން ގޮސް ޗެމްޕިއަންކަން ހޯދުމާ އެކު އެ ކާމިޔާބީ އިތުރަށް ހާއްސަވީ ރެކޯޑަކާ އެކު އެވެ.
އެމާ މި ފަހަރު، ރޮއީއާ އެކު މަސައްކަތް މި ފެށީ ކުރިއަށް އޮތް ޔޫއެސް އޯޕަންގައި ރަނގަޅު ކާމިޔާބެއް ހޯދުމުގެ އަމާޒުގަ އެވެ. މި މަހު 24 ވަނަ ދުވަހު، ޔޫއެސް އޯޕަން ފެށުމުގެ ކުރިން، އެ އަށް ތައްޔާރުވާން، ރޮއީއާ އެކު، އެމާ ކުރިމަތިލާނެ ފުރަަތަމަ މުބާރާތަކީ، ސިންސިނާޓީ އޯޕަން އެވެ.
ސިންސިނާޓީ އޯޕަންގައި ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަަމަ، ޔޫއެސް އޯޕަން އަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށާއި ރޮއީއާ އެކު ޓްރެއިނިންތައް ދަނީ ރަނގަޅަށް ކަމަށް އެމާ ވަނީ ބުނެފަ އެވެ. މިހާތަނަށް ވެސް ކެރިއަރުގައި ގިނަ ކޯޗުންނާ އެކު މަސައްކަތްކުރި އެމާ ބުނެފައިވަނީ، ރޮއީއާ އެކު ކުރެވުނު ޓްރެއިނިންތަކާއި މަސައްކަތުން ކުރު މުއްދަތެއްގައި ވެސް އޭނާ ކުޅުމުން ކޮންފިޑެންސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޔޫއެސް އޯޕަންގައި އެމާ އާއި ސްޕެއިނުގެ ކާލޯސް އަލްކަރާޒް، މިކްސް ޑަބަލްސް އިވެންޓްގައި ޕެއާ އަކަށް ކުޅެން ވަނީ ނިންމައިފަ އެވެ.
Comment