Advertisement

ރޭޕުގެ ތުހުމަތެއްގައި ހުރި ޕާޓޭ ވިޔަރެއާލާ ގުޅިއްޖެ

8 އޮގަސްޓު 2025 - 05:42 0


ރޭޕުގެ ތުހުމަތެއްގައި ހުރި ޕާޓޭ ވިޔަރެއާލާ ގުޅިއްޖެ

8 އޮގަސްޓު 2025 - 05:42 0

މެޑްރިޑް (އޮގަސްޓް 8) - ތިން އަންހެނަކާ ގުޅޭ ރޭޕުގެ މައްސަލައެއްގައި ކޯޓުގައި މައްސަލަ ހިނގަމުން އަންނަ ގާނާގެ މިޑްފީލްޑަރު، ތޯމަސް ޕާޓޭ، ސްޕެއިނުގެ ވިޔަރެއާލަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން، ޕާޓޭ، 32، ތިން އަންހެނަކާ އެކު، ހިނގި މުއާމަލާތްތަކަކާ ގުޅޭ ރޭޕާއި އަނިޔާކުރުމުގެ މައްސަލަތައް ކޯޓުގައި ދާދި ފަހުން ވަނީ ކުރިއަށްގެންދަން ފަށައިފަ އެވެ. ޕާޓޭ ވަނީ މި ތުހުމަތުތަކުން އޭނާގެ ނަން ސަލާމަތްކުރަން ކޯޓު މަރުހަލާގައި ލިބުނު ފުރުސަތަށް މަރުހަބާ ކިޔައިފަ އެވެ. އަދި، މައްސަލަ ކުރިއަށްދާ މުއްދަތުގައި ވެސް ކުޅުމުގެ ކެރިއަރު ކުރިއަށްގެންދަން، ކޯޓުން ދިން ބެއިލްގެ ފުރުސަތުގައި ޕާޓޭ މި ވަނީ އަލުން ސްޕެނިޝް ލީގަށް ދިއުމަށް ނިންމައިފަ އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް، 2020 ވަނަ އަހަރު 55 މިލިއަން ޑޮލަރަށް އާސެނަލަށް ބަދަލުވި ޕާޓޭ އެ ކްލަބާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އާސެނަލާ އެކު، އޮތް ޕާޓޭގެ ކޮންޓްރެކްޓް އާ ނުުކުރަން ނިންމީ، ހުށަހެޅި މުސާރަ ކުޑަވުމުންނެވެ.

އާސެނަލް އަށް މިދިޔަ ސީޒަނުގައި ޕާޓޭ، ވަނީ 52 މެޗު ކުޅެދީފަ އެވެ.

ވިޔަރެއާލުން ޕާޓޭ ގެންނަން ނިންމި ނިންމުމާ ދެކޮޅަށް އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ އޮންލައިންކޮށް ހަޅުތާލެއް ކުރިއަށްގެންދަމުންނެވެ. އަދި، ޕާޓޭ ސޮއިކުރުމާ ދެކޮޅަށް ހެދި އޮންލައިން ޕެޓިޝަނުގައި، 1000 އަށް ވުރެ ގިނަ ސަޕޯޓަރުން ސޮއިކޮށްފައިވާއިރު، ވިޔަރެއާލުން ބުނެފައިވަނީ، ކޯޓުން ޕާޓޭ އަކީ ކުށްވެރިއެއް ކަމަށް ކަނޑަނާޅާ ހިނދަކު، އެ ކްލަބުން އޭނާ އަށް އިތުބާރުކޮށް، ފުރުސަތު ދިނުމުގެ ވިސްނުން އެބައޮތް ކަމަށެވެ.