Advertisement

11 ރަށެއްގެ މަގު ހަދަން އާރުޑީސީއާ 842 މިލިއަނަށް ހަވާލުކޮށްފި

7 އޮގަސްޓު 2025 - 21:11 1

އާރުޑީސީން އަމީނީ މަގުގެ މަސައްކަތް ކުރަނީ: އާރުޑީސީއާ ވަނީ މަގު ހެދުން ނޫނަސް ޕްރޮޖެކްޓުތައް ހަވާލުކޮށްފައި --- އަދަދު ފައިލް ފޮޓޯ


11 ރަށެއްގެ މަގު ހަދަން އާރުޑީސީއާ 842 މިލިއަނަށް ހަވާލުކޮށްފި

7 އޮގަސްޓު 2025 - 21:11 1

އުތުރާއި މެދު ރާއްޖެތެރޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި، މި މަޝްރޫއުތަކުގެ ޖުމްލަ އަގު 842 މިލިއަން ރުފިޔާއަށް އަރަ އެވެ.

މަގު ހަދަން އާރުޑީސީއާ ހަވާލުކުރި ރަށްތަކާއި އެ މަޝްރޫއުތަކުގެ އަގަކީ:

  • ހއ. ތުރާކުނު - 65.5 މިލިއަން ރުފިޔާ
  • ހދ. ނޮޅިވަރަންފަރު - 101.2 މިލިއަން ރުފިޔާ
  • ހދ. ފިނޭ - 65.6 މިލިއަން ރުފިޔާ
  • ށ. މަރޮށި - 60.2 މިލިއަން ރުފިޔާ
  • ނ. މާފަރު - 116 މިލިއަން ރުފިޔާ
  • ބ. ތުޅާދޫ - 80 މިލިއަން ރުފިޔާ
  • ބ. ކުޑަރިކިލު - 53.5 މިލިއަން ރުފިޔާ
  • މ. މުލި - 85 މިލިއަން ރުފިޔާ
  • ތ. ގުރައިދޫ - 74.5 މިލިއަން ރުފިޔާ
  • ތ. ހިރިލަންދޫ - 70.5 މިލިއަން ރުފިޔާ
  • ތ. ކިނބިދޫ - 80 މިލިއަން ރުފިޔާ

މަގު ހެދުުމުގެ މަޝްރޫއުތަކުގެ އިތުރުން އާރުޑީސީއާ ވަނީ އެހެން ގިނަ ޕްރޮޖެކްޓުތައް ވެސް ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ހޮސްޕިޓާތައް އިމާރާތްކުރުމާއި ފުޓްސަލް ދަނޑު އެޅުމާއި ޕޮލިސް ސްޓޭޝަންތައް އެޅުން ހިމެނެ އެވެ.

އާރުޑީސީގެ އިތުރުން ސަރުކާރުން އަންނަނީ ފެނަކަ އާއި އެމްޓީސީސީއާ ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓެއް ކަހަލަ ގޮތަކަށް ހަވާލުކުރަމުންނެވެ. އިދިކޮޅު އެމްޑީޕީން ތުހުމަތުކުރަނީ މިއީ އިންތިހާބާ ދިމާކޮށް، ސަރުކާރު ކުންފުނިތަކުން ވަޒީފާތައް ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ވޯޓު ހޯދަން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.

ނަމަވެސް މި ތުހުމަތުތައް ދޮގުކޮށް ސަރުކާރުން ބުނަނީ އެއީ މަޝްރޫއުތައް ހިންގޭނެ ކަމުގެ ޔަގީންކަން އިތުރުކުރަން ކުރާ ކަމެއް ކަމަށެވެ. ސަރުކާރުން މިހެން ބުންޏަސް މީގެ ކުރިން ވެސް ސަރުކާރު ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް ދިގުލައިގެން ގޮސް، ޕްރޮޖެކްޓުތަކުގެ އަގު ބޮޑުވެފައިވާ މައްސަލަތައް ގިނަ އެވެ.