7 އޮގަސްޓު 2025 - 13:32 0
އަމަން ހަލީމް
ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
7 އޮގަސްޓު 2025 - 13:32 0
ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ޑޮލަރު އާމްދަނީން ބަޔެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރި ކުރި ފަހުން ބޭންކުތަކަށް މާރުކުރި ޑޮލަރުގެ ތެރެއިން މިދިޔަ ޖޫން މަހުގެ މަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް 247 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ތަފުސީލުކޮށް ނެރުނު ނޫސް ބަޔާނެއްގައި އެ އޮތޯރިޓީން ވަނީ ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވަށް ހެޔޮ އަސަރެއް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ބޭރު ފައިސާގެ ރިޒާވާ ގުޅޭ ގޮތުން އެމްއެމްއޭއިން ބުނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި 371 މިލިއަން ޑޮލަރުގައި ހުރި ރިޒާވު އިތުރުވީ ތިން ސަބަބަކާ ހުރެ ކަމަށެވެ. އެއީ ޑޮލަރުުން ލިބުނު އާމްދަނީ އިތުރުވުމާއި ރިޒާވު ބޭންކު އޮފް އިންޑިއާ (އާރުބީއައި) ގެ ކަރަންސީ ސްވޮޕް ފެސިލިޓީ އާއި ޑޮލަރު މާރުކުރުމުގެ ގަވާއިދާއި ގާނޫނު ތަންފީޒުކުރުމެވެ.
ރިޒާވަށް ލިބޭ ފައިސާގެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓޫރިޒަމް ސިނާއަތުން ލިބޭ ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ އެވެ. އެމްއެމްއޭއިން ބުނީ މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި މި ގޮތުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 30 ޕަސެންޓު އިތުރު ކަމަށެވެ.
ރިޒާވުގެ ހާލަތު ރަނގަޅު ވަމުން ދިޔަ ނަމަވެސް، ޑޮލަރުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން ރިޒާވަށް ޕްރެޝަރުތައް ހުރި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރަސްމީ ރިޒާވުގައި ހުރި ޑޮލަރުގެ އަދަދު: ޖުމްލަ ރިޒާވުން ބޭނުންކުރެވޭ އަދަދު ހުރީ 25 ޕަސެންޓުގައި --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
އެމްއެމްއޭއިން ރިޒާވުން ޑޮލަރު ވިއްކަނީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ބޭރު ދަރަނި ދައްކާށާއި އެސްޓީއޯއިން އަސާސީ ބާވަތްތަކާއި ބޭހާއި ތެޔޮ އެތެރެކުރުމަށާއި ވިޔަފާރިތަކުން ކުރާ ޓީޓީ އާއި އެލްސީއަށް ބޭންކުތަކަށެވެ. ރާއްޖޭން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ނަގުދު ފައިސާގެ ގޮތުގައި އައި އުމްރާއަށް ފުރާ ދިވެހިންނަށާއި ބޭރުގައި ތައުލީމު ހާސިލުކުރާ ކުދިންނަށާއި ބޭސްފަރުވާއަށްދާ ދިވެހިންނަށް ޑޮލަރު ދެނީ ވެސް ރިޒާވުންނެވެ.
ރިޒާވުން ކުރި ހަރަދުތަކާ ގުޅޭ ގޮތުން އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް 703.9 މިލިއަން ޑޮލަރު ހަރަދުކޮށްފި އެވެ. މިއީ މާރުކުރި ޑޮލަރުތަކުން އެމްއެމްއޭއަށް ލިބުނު 247 މިލިއަން ޑޮލަރާއި ޖޫން މަހުގެ ނިޔަލަށް މީރާއިން ބަލައިގަތް 772 މިލިއަން ޑޮލަރު އެއްކޮށްލުމުން ޖެހޭ ބިލިއަން ޑޮލަރުގެ 70 ޕަސެންޓެވެ.
މިދިޔަ މަހުގެ ނިޔަލަށް ރިޒާވުން ކުރި ހަރަދު
ޖޫން މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވުގައި ހުރި 832 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން ކުރު މުއްދަތުގެ ދަރަންޏަށް ކަނޑަން ޖެހޭ އަދަދު ކެނޑުމުން ބޭނުންކުރެވޭ ރިޒާވުގައި ހުރީ 203 މިލިއަން ޑޮލަރެވެ.
ބޭރު ފައިސާ މާރުކުރަން މަޖުބޫރު ކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ. އެކަން ފުރަތަމަ ކުރީ، 38 އަހަރު ވެފައި އޮތް ބޭރު ފައިސާއާ ބެހޭ ގަވާއިދު އުވާލައި ބޭރު ފައިސާއާ ބެހޭ އާ ގަވާއިދެއް އެކުލަވާލައިގެންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ މި ގަވާއިދުގައި ހުރި ކަންކަން ހިމަނައި، ބޭރު ފައިސާއާ ބެހޭ ގާނޫނެއް ވުޖޫދުކޮށްފަ އެވެ.
މި ގާނޫނުގެ ދަށުން ޓޫރިޒަމް ވިޔަފާރިތަކާއި އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން ޑޮލަރު އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިއަކަށް ލިބޭ އާމްދަނީ އެއްކޮށް ޖަމާކުރަން ޖެހެނީ ރާއްޖޭގެ ބޭންކަކަށެވެ.
ޓޫރިޒަމް ވިޔަފާރިތަކުން ޖަމާކުރާ ފައިސާގެ ތެރެއިން ބޭންކުތަކަށް މާރުކުރަން ޖެހެނީ އާމްދަނީގެ 20 ޕަސެންޓު ނޫނީ އެ ތަނެއްގެ ގިންތިއަށް ބިނާކޮށް ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޖެހޭ ވަރެކެވެ. ގިނައިން ޑޮލަރު ލިބޭ ބޮޑެތި ވިޔަފާރިތަކުން މާރުކުރަން ޖެހެނީ އާމްދަނީގެ 20 ޕަސެންޓެވެ.
ޓޫރިޒަމް ވިޔަފާރިތަކަށް ހަތް މަހެއްގައި ލިބުނު އާމްދަނީގެ ބަޔެއް މާރުކޮށްފައިވާއިރު، ގިނައިން ޑޮލަރު ލިބޭ ބޮޑެތި ވިޔަފާރިތަކުން ވަނީ ހަތަރު މަހެއްގައި ލިބުނު އާމްދަނީގެ ބަޔެއް ވަނީ ބޭންކުތަކަށް މާރުކޮށްފަ އެވެ. ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން މެއި މަހާ ހަމައަށް އެމްއެމްއޭއަށް މާރުކުރަން ޖެހުނީ 60 ޕަސެންޓެވެ.
ނަމަވެސް ޑޮލަރު ތާށިކަމުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ޖޫން މަހުން ފެށިގެން އެ ނިސްބަތް 90 ޕަސެންޓަށް މަތިކޮށް، ވިޔަފާރިތަކުން މާރުކުރާ ޑޮލަރުތަކުން ކުރެވޭ ބޭނުންތަކުގެ ކޮންޓްރޯލް އެ އޮތޯރިޓީއަށް ނަގާފަ އެވެ. އެމްއެމްއޭއިން ބުނީ ނިސްބަތް މަތިކުރުމާ ގުޅިގެން އިތުރަށް ލިބުނު ހުރިހާ ޑޮލަރެއް ވާނީ ޑޮލަރު އިންޓަވެންޝަންގެ ގޮތުގައި ބޭންކުތަކަށް އަނބުރާ ވިއްކާފަ އެވެ.
އެމްއެމްއޭއިން ބުނީ ޑޮލަރުގެ އަގު ހިފަހައްޓަން އެ އޮތޯރިޓީން އަޅަމުންދާ ފިޔަވަޅުތަކާއެކީ އާންމުންނަށާއި ވިޔަފާރިތަކަށް ދޫކުރަމުންދާ ޑޮލަރުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ބޭންކުތަކަށް ވިއްކި ވަރަށް ވުރެ މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ވިއްކި ވަރު 23 ޕަސެންޓު އިތުރު ކަމަށެވެ.
ޑޮލަރުގެ ކޮންޓްރޯލް އަގު ހިފަހައްޓަން އެމްއެމްއޭއިން އަޅަމުންދާ ފިޔަވަޅުތަކާއެކީ ވެސް ޑޮލަރުގެ އަގު މަތީގައި ހުރީ، ޒަމާނުއްސުރެން އޮންނަ ޑޮލަރު ސަޕްލައިއަށް ވުރެ ޑިމާންޑު އިތުރު މައްސަލަ ހައްލުނުވެ އުޅެނިކޮށް ފައިސާ ޗާޕުކުރުމާ އެކީ އެ ޑިމާންޑު އިހުނަށް ވުރެ މައްޗަށް ދިޔުމެވެ. މިކަން ހައްލުކުރަން އެމްއެމްއޭއިން ވަނީ އިގުތިސޯދުގައި އިތުރަށް ހުރި ފައިސާ ނެގުމުގެ ކަންކަން ފަށާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment