7 އޮގަސްޓު 2025 - 10:17 1
ލީވާން އަލީ ނާސިރު
ފައްޔާޒް އިސްމާއިލް: ދަރަނީގެ ބަހުސްކުރަން ސައީދާއި ޒަމީރަށް އޭނާ ވަނީ ދައުވަތު ދީފައި -- ފޮޓޯ: އަދަދު
7 އޮގަސްޓު 2025 - 10:17 1
ދައުލަތުގެ ދަރަނީގެ ބަހުސްކުރަން އިކޮނޮމިކް މިނިސްޓަރު މުހަައްމަދު ސައީދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒް އިސްމާއިލް ރޭ ދައުވަތު ދެއްވައިފި އެވެ.
އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގައި ފައްޔާޒް ވިދާޅުވީ އޭނާ އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ އެކު ދަރަނީގެ ވާހަކައަށް ބަހުސްކުރަން ކެރިވަޑައިގަންނަވާނަމައެ ބަހުސަށް ރައްޔިތުންގެ ކުރިމައްޗަށް އައުމަށް ދައުވަތު ދޭ ކަމަށެވެ.
"އަޅުގަނޑު މި ގަސްތުކުރީ އަޅުގަނޑު މިއަދުގެ އިކޮނޮމިކް މިނިސްޓަރަށް މި ގޮވާލަނީ އަދި މިއަދުގެ މާލީ ވަޒީރަށް މި ގޮވާލަނީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ކުރިމައްޗަށް ވަޑައިގެން އަޅުގަނޑާއި އަޅުގަނޑުމެންގެ ކުރީގެ ފައިނޭންސް މިނިސްޓަރާއި އެއްކޮށް ދަރަނީގެ ވާހަކަ ރަނގަޅަށް ދައްކާލަން ވަޑައިގަންނަވާށޭ. ކެރިވަޑައިގަންނަވަންޏާ ވަޑައިގަންނަވާށޭ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ސައީދާއި ޒަމީރު ބޭނުންވާ ދުވަހަކު، ބޭނުންވާ ގަޑިއަކު އަދި ބޭނުންވާ އެޑްވައިޒަރުންނަކާ އެކު ދަރަންޏާއި ކޮރަޕްޝަނާއި ބެހޭ ގޮތުން އެ ބަހުސް ބޭއްވުމުގެ އިންތިޒާމު އެމްޑީޕީން ހަމަޖައްސަން ކުރިއަށް އޮތް ދުވަސްތަކުގައި ދައުވަތު އަރުވާނެ ކަމަށެވެ.
މީގެއިތުރުން ކޮންމެ ފަހަރަކު މި ސަރުކާރުގެ ދަރަންޏާއި ކޮރަޕްޝަންގެ ވާހަކަތައް ފެންމަތިވެ ރައްޔިތުންގެ ފަރާތުން ޕްރެޝަރު އަންނަ ދަނޑިވަޅެއްގައި އޮޅުވާލުމުގެ ގޮތުން ކުރީ ސަރުކާރުގެ ބޮލަށް އެކަންކަން ޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޭފުޅުންނަށް ރައްޔިތުންގެ ޕްރެޝާ އަންނަ ކޮންމެ ފަހަރަކު ކުރީ ސަރުކާރުގެ ބޮލަށް ޖެހުމުގެ ގޮތުން މި ވާހަކަތައް ދައްކަމުން އެދަނީ. ކޮރަޕްޝަންގެ ވާހަކަ ވެސް ހަމަ އެހެން. އަޅުގަނޑުމެން އެތައް ފަހަރަކު މި ވާހަކަތައް އެބަ ސާފުކޮށްދެން،" ފައްޔާޒް ވިދާޅުވި އެވެ.
"އެހެންނަމަވެސް ދެ މަހެއްވަރު ފަހުން އަނެއްކާ ވެސް މި ބޭފުޅުން އަރާ މި ވާހަކަތައް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް އެބަ ކުރޭ."
ދަރަނިތައް ދެއްކުމުގައި ދަތިނުވާ ގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރުއެއްގެ މަސައްކަތް 2028 ވަނަ އަހަރަށް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
Comment