7 އޮގަސްޓު 2025 - 11:21 1
އަމަން ހަލީމް
7 އޮގަސްޓު 2025 - 11:21 1
ޑޮލަރު ތާށިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލިފައި ވަނީ ޒަމާންތަކެއް ވަންދެން ހައްލު ނުވެ ހުރި އިގުތިސޯދީ އަދި މާލީ މައްސަލަތައް ބަންޑެލިވެ، ހާލަތު ގޯސްވުމުން ކަމަށާއި އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން ސަރުކާރުގެ އިގުތިސޯދީ ރިފޯމް އެޖެންޑާ ތަންފީޒުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގޮވާލައިފި އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރަން އަޅަން ބުނި ފިޔަވަޅުތައް ތަންފީޒުކުރަން އެމްއެމްއޭއިން ގޮވާލީ، ޑޮލަރު މައްސަލައިގައި އެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތައް ތަފުސީލުކޮށް ނެރުނު ދިގު ނޫސް ބަޔާނެއްގަ އެވެ.
މަރުކަޒީ ބޭންކުގެ ނޫސް ބަޔާނުގައި ބުނީ މިހާރު ދިމާވެގެން އުޅޭ މައްސަލައިގެ މުގުލުގައި އޮތީ ކޮވިޑު ދުވަސްވަރު ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯކުރުން ނުވަތަަ ފައިސާ ޗާޕުކުރުމެވެ. ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގެ ތެރޭގައި ދިވެހި ފައިސާ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކިން ނިޒާމުގައި ހަތް ބިލިއަންގެ ރުފިޔާގެ އެކްސެސް ލިކުއިޑިޓީ ހުއްޓެވެ. މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 178 ޕަސެންޓު އިތުރު އަދަދެކެވެ.
އިގުތިސޯދުގައި ރުފިޔާ އިތުރުވުމާއެކީ، ބޭންކުތަކުން ދިވެހި ރުފިޔާއިން ދޫކުރާ ލޯނުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި މުއްދަތުގެ ތެރޭގައި ބޭރު ފައިސާއިން ދޫކުރާ ލޯނުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެމްއެމްއޭއިން ބުނީ މިހާރު ރުފިޔާގެ އަގަށް އަސަރު ކުރަމުންދަނީ މި ހުރިހާ ކަމަކާ ގުޅިގެން ކަމަށެވެ.
"އެހެންކަމުން، ދިވެހި ރުފިޔާގެ ޑިޕޮސިޓްސް އާއި ލޯނު އަދި އެކްސެސް ލިކުއިޑިޓީ އިތުރުވުމާއި، އަދި ބޭރު ފައިސާގެ ޑިޕޮސިޓްސް އަދި ލޯނު ދޫކުރާ މިންވަރަށް މަޑުޖެހުމުގެ ސަބަބުން، މީގެ ނޭދެވޭ އަސަރު ދިިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ދަނީ ކުރަމުން،" އެމްއެމްއޭގެ ބަޔާނުގައި ބުންޏެވެ.
ރުފިޔާގެ އަގު ދަށްވުމާއެކީ ތަކެތީގެ އަގަށް އަސަރުކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. ނަމަވެސް ޖުމްލަކޮށް ބަލާއިރު އިންފްލޭޝަން ހުރީ ސީޒަނަލް ޓްރެންޑުތަކާ އެއްގޮތަށް ކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ ތެރެއިން ވެސް ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް އުފުލެމުން ދަނީ ހަމައެކަނި ޑޮލަރު ތާށިވުމުގެ ސަބަބުން ނޫން ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ޑޮލަރުގެ އަގުގެ އިތުރުން، ރާއްޖެއަކީ ގިނަ ބާވަތްތައް އިމްޕޯޓުކުރާ ގައުމަކަށް ވާތީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގަށް އަންނަ ބަދަލާއި ފްރެއިޓު ޗާޖު އަގަށް އަންނަ ބަދަލާއި ސަޕްލައި ޗެއިންއަށް އަންނަ ބަދަލުތަކާ ގުޅިގެން ފުޑް އިންފްލޭޝަނަށް އޭގެ އަސަރުކުރާ ކަމަށް އެމްއެއޭގެ ބަޔާނުގައި ވެ އެވެ.
އެމްއެމްއޭއިން ބުނީ އެ އިދާރާއިން އަގުތައް ހިފެހެއްޓުމަށް ބޭނުންކުރަނީ އެކްސްޗޭންޖު ރޭޓަށް ބިނާކޮށް އެކުލަވާލާފައިވާ މަނިޓަރީ ސިޔާސަތެއް ކަމަށެވެ. އަދި ރުފިޔާގެ އެކްސްޗޭންޖް ރޭޓު ހިފެހެއްޓުމަށް ޓަކައި ޑޮލަރު ވިއްކުމާއި އެކްސެސް ލިކުއިޑިޓީ މެނޭޖުކުރަން ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި ގޮތުން ގިނަ އަހަރުތަކެއް ފަހުން އެމްއެމްއޭއިން ވަނީ އަނެއްކާ ވެސް އޯޕަން މާކެޓް އޮޕަރޭޝަންސްތައް ފަށާފަ އެވެ. މި ގޮތުން މިދިޔަ މަހު 23 ގައި ހިންގި ރިވާސް ރީޕާޗޭސް އޮޕަރޭޝަނެއްގެ ދަށުން އިތުރަށް ހުރި 2.1 ބިލިއަން ރުފިޔާ މަދުކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
Comment