7 އޮގަސްޓު 2025 - 05:51 0
ރައީސް މުހައްމަދު މުއިއްޒު އާއި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފު ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
7 އޮގަސްޓު 2025 - 05:51 0
ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކައުންސިލަށް ލިބޭ ބާރު ހަނިކޮށް މިއަދު މަޖިލީހުން ފާސް ކުރި ބިލުގެ ސަބަބުން، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުވާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ކަމަށެވެ.
"ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އެހެން ވިދާޅުވި އިރު، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން ނަގައިލަން ކަމަށް ބުނެ 50 އަށް ވުރެ ކައުންސިލުން ވަނީ މިއަދު ފާސް ކުރި އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކޮށް، މާލީ ބާރުވެރިކަން ބޭނުން ކުރަނީ ޒިންމާދާރުކޮށްތޯ ބަލަންޖެހޭ ކަމަށެވެ.
"ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެ ފާސް ކުރި ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ގާނޫނުއަސާސީ ހިލާފު ކަމަށެވެ. އަދި ބުނެފައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ "ހީލަތްތެރި" ގޮތެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ.
"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.
ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް
ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް
ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން
---
އަޕްޑޭޓުތަކާއި ބްރޭކިން ނިއުސްތަކަށް އަދަދު ނޫހުގެ ޓެލެގްރާމް އެކައުންޓު ފޮލޯކުރާށެވެ.
---
Comment