7 އޮގަސްޓު 2025 - 05:39 0
7 އޮގަސްޓު 2025 - 05:39 0
ބާލިން (އޮގަސްޓް 7) - ފަލަސްތީނަށް ބޮން އެޅުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ލިޔުނު އިޒްރޭލުގެ ފޯވާޑް، ޝޯން ވައިސްމަން ނުގެންނަން ޖަރުމަނުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ފޯޗޫނާ ޑަސެލްޑޯފް އިން ނިންމައިފި އެވެ.
ސްޕެއިނުގެ ގްރަނާޑާ އަށް ކުޅެމުން އަންނަ ވައިސްމަން، 29، ގެންނަން ޑަސެލްޑޯފުން ހުރިހާ ކަމެއް ނިންމި އެވެ. މެޑިކަލް ޓެސްޓްތައް ހަދައި، އަންގާރަ ދުވަހު، ޑަސެލްޑޯފުގެ ޕްރެކްޓިހަށް ނުކުންނަ ގޮތަށް ވެސް އޮތީ ވާހަކަ ދެކެވިފަ އެވެ.
އެކަމަކު، އެ ކްލަބްގެ ސަޕޯޓަރުން ވަނީ އެ ޑީލާ ދެކޮޅަށް ނުކުމެފަ އެވެ. ސަބަބަކީ، ފަލަސްތީނަށް ބޮން އެޅުމަށް ހިތްވަރުދީ، ވައިސްމަން، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކުގެ މައްސަަލަ ހޫނުވުމެވެ.
ވައިސްމަން ނުގެންނަން ނިންމި ސީދާ ސަބަބެއް، ޑަސެލްޑޯފުން ނެރުނު ބަޔާނުގައި ހިމަނާފައިނުވި ނަމަވެސް، ޖަރުމަނު އާއި އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އެ ނިންމުމުގެ ފަހަތުގައި އޮތީ، ވައިސްމަން، އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ތަރުހީބު ދީ ފާޅުކޮށްފައިވާ ޝުއޫރުތަކެެވެ.
އިޓަލީގެ ސެލަނިޓާނާ އަށް ވެސް ކުޅެފައިވާ، ވައިސްމަން، ކުރިން ސޯޝަލް މީޑިއާގައި ލިޔެ، މިހާރު ޑިލީޓްކޮށްފައިވާ އެ ޕޯސްޓްތަކުގެ ތެރެއިން، ސްކްރީންޝޮޓްތައް އާންމުވެފައިވާ، ޕޯސްޓްތަކަށް ބަލާއިރު، 200 ބޮން ގައްޒާ އަށް އެޅުމަށާއި ފަލަސްތީނު، ދުނިޔޭގެ މެޕުން ފޮހެލަން ޖެހޭ ކަމަށް ވަނީ ލިޔެފަ އެވެ.
ޑަސެލްޑޯފުން އޭނާ ނުގެންނަން ނިންމި ނިންމުމަށް، ވައިސްމަން ވަނީ ފާޑުކިޔައިފަ އެވެ. އޭނާ ބުނެފައިވަނީ، ޑަސެލްޑޯފުން އެދުނު ހުރިހާ ކަމެއް ކޮށް، މައާފަށް އެދުމުން ވެސް އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް ކުރިއަށް ނުގެންދަން ނިންމުމުން ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާ ކަމަށެވެ.
Comment