Advertisement

އދ. އަތޮޅުގެ ފަރަކަށް އުރުނު ބޭރުގެ ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

6 އޮގަސްޓު 2025 - 22:21 1

ފަރަށް އުރުނު ޔޮޓު


އދ. އަތޮޅުގެ ފަރަކަށް އުރުނު ބޭރުގެ ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

6 އޮގަސްޓު 2025 - 22:21 1

އދ. އަތޮޅުގެ ފަރަކަށް އުރުނު ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން މިއަދު ނިންމައިފި އެވެ.

އެމް ވައި ބިގް ފިޝް ނަމަކަށް ކިޔާ ޔޮޓު ފަރަށް އުރުނީ އޭޕްރީލް 28، 2025، ގަ އެވެ. ޖެހިގެން އައި ދުވަހު ޔޮޓު ވަނީ ފަރުމަތިން ނަގައިފަ އެވެ.

ފަރަށް ލިބުނު ގެއްލުން ބަލަން ޖޫން، 2025، ގައި އީޕީއޭ އިން ދިޔައިރު، ފަރުން 187 އަކަމީޓަރުގެ ބޮޑު ސަރަހައްދެއް ހަލާކުވެފައިވާ ކަމަށް އެ އެޖެންސީ އިން ބުނެ އެވެ.

އެހެންކަމުން، ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖޫރިމަނާ ކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތަށް އެ ޔޮޓު 4,889,450 ރުފިޔާއިން ޖޫރިމަނާކޮށްފައިވާނެ ކަމަށް އީޕީއޭ އިން ބުނެ އެވެ.

ބިގް ފިޝްއަކީ އޮސްޓްރޭލިއާގެ މިލިއަނަރެއް ކުރިން ގެންގުޅުނު ޔޮޓެކެވެ. މިހާރު އެ ޔޮޓުގެ އޯނަރަކީ ކޮބައިކަމެއް ނޭނގެ އެވެ. އެއީ 45 ފޫޓުގެ ޔޮޓެކެވެ. އެއީ ޗާޓަރު ކުރުމަށް ވެސް ދޫކުރާ ޔޮޓެކެވެ. ޗާޓަރު ކުރަނީ ހަފުތާއަކަށް ގާތްގަނޑަކަށް 275,000 ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާ ނަމަ މަދުވެގެން 4.2 މިލިއަން ރުފިޔާ އެވެ.

ޖޫރިމަނާ ކުރީ ޔޮޓު ރަޖިސްޓްރީކޮށްފައިވާ، ޓެމްޕަލް މެރިން އެލްޓީޑީ ކުންފުންޏެވެ. އީޕީއޭއަށް ދައްކަންޖެހޭ ޖޫރިމަނާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ކުންފުނިން ދައްކަންޖެހޭނެ އެވެ.

އެގޮތަށް ފަރަށް ލިބޭ ގެއްލުންތަކުގައި ޖޫރިމަނާ ކުރެވޭ އަދަދު ނިސްބަތުން ކުޑަ އެވެ. އަދި ޖޫރިމާނަ ކުރުމުގައި ލިމިޓުތަކެއް ކަނޑައަޅާފައިވާތީ ފަރަށް ލިބޭ ގެއްލުމުގެ ހަގީގީ ބަދަލެއް ނުނެގެ އެވެ.