Advertisement

ބިލުގެ ހަގީގަތް އޮޅުވާލައި ޝަރީފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރު ކުރަން ކަމަށް

6 އޮގަސްޓު 2025 - 20:02 1

އާދަމް ޝަރީފް: ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރު ކުރަން ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބިލުގެ ހަގީގަތް އޮޅުވާލައި ޝަރީފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރު ކުރަން ކަމަށް

6 އޮގަސްޓު 2025 - 20:02 1

ވިޔަފާރި ކުރުމަށާއި މުވައްޒަފުން ނެގުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކައުންސިލަށް ލިބޭ ބާރު ހަނިކޮށް މިއަދު މަޖިލީހުން ފާސް ކުރި ބިލުގެ ސަބަބުން، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުވާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އެހެން ވިދާޅުވި އިރު، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން ނަގައިލަން ކަމަށް ބުނެ 50 އަށް ވުރެ ކައުންސިލުން ވަނީ މިއަދު ފާސް ކުރި އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކޮށް، މާލީ ބާރުވެރިކަން ބޭނުން ކުރަނީ ޒިންމާދާރުކޮށްތޯ ބަލަންޖެހޭ ކަމަށެވެ.

"ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ފާސް ކުރި ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ގާނޫނުއަސާސީ ހިލާފު ކަމަށެވެ. އަދި ބުނެފައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ "ހީލަތްތެރި" ގޮތެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ.

"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.

މިއަދު ފާސްކުރި ބިލުގައިވާ ބައެއް ކަންކަން

ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް

  • އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުން
  • އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުން
  • ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
  • ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން

ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް

  • އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުން.

މާލީ ކަންކަމަށް ނުފޫޒު ފޯރުވުން

  • ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުން
  • ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުން

ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން

  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން
  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ކުރުން
  • ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާ ކުރުން