6 އޮގަސްޓު 2025 - 19:18 2
ހައްޖު ކޯޕަރޭޝަނުގެ އެމްޑި ޝަކީލު: ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ ހައްޖު ކޯޕަރޭޝަނުން ހޮޓާ އެޅުން ރަނގަޅު ނޫން ކަމަށް -- ފޮޓޯ: އަދަދު ފައިލް
6 އޮގަސްޓު 2025 - 19:18 2
ސަރުކާރުގެ ވިސްނުމާ ދެކޮޅަށް ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި އަޅަން މަސައްކަތް ކުރާ ޓުއަރިސްޓު ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނެއް ކޮށްފި އެވެ.
އެ ހޮޓާ އަޅަނީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ހައްޖު ކޯޯޕަރޭޝަނާއި މާފުށި ކައުންސިލުގެ ކުންފުނި، މާފުށި އެލްއޭސީ އެލްޓީޑީ އެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހޮޓާ އަޅަންޖެހޭނީ ކޮންޓްރެކްޓަރު ފައިނޭންސް ކުރާ އުސޫލުން ކަމަށެވެ. އަދި ބުނެފައި ވަނީ އަޅަންޖެހޭނީ ހޮޓާ އިމާރާތެއްގެ އިތުރުން ސާވިސް އިމާރާތެއް ކަމަށެވެ.
ހޮޓާ އަޅަން ޝައުގުވެރިޔާ ކުންފުނިތަކުން ހައްޖު ކޯޕަރޭޝަނުގައި އޯގަސްޓު 13، ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެ އެވެ. ރަޖިސްޓްރީ ކުރެވޭނީ 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ. އެއީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
އޭގެ އިތުރުން، ޕްރޮޖެކްޓަށް ބިޑު ކުރާ ނަމަ، ބިޑު ސެކިއުރިޓީގެ ގޮތުގައި ވެސް 800،000 ރުފިޔާ ބަހައްޓަންޖެހެ އެވެ. ބިޑާ ގުޅޭ ޑޮކިއުމެންޓު ލިބޭނީ ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ.
ދިވެހިން ހައްޖަށް ފޮނުވަން ސަރުކާރުން އުފެއްދި ހައްޖު ކޯޕަރޭޝަނުން މާފުށީގައި ޓުއަރިޒަމްގެ ވިޔަފާރި ކުރަން އުޅޭކަން ހާމަ ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނޮވެމްބަރު، 2024، ގައި ވާހަކަ ދައްކަވަމުންނެވެ.
"އިންވެސްޓުކުރާ ފަރާތްތަކެއް އަޅުގަނޑުމެންނާ އެޕްރޯޗްވެސް ކޮށްފައި ވަނީ. މާފުށްޓަކީ މިހާރުވެސް ޓޫރިޒަމަށް އެސްޓެބްލިޝްޑް ތަނެއް ވީމާ ވަރަށް ރިސްކު ކުޑަ މި ވިޔަފާރީގައި،" ޝަކީލް ވިދާޅުވި އެވެ.
ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު، 2024، ގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުން ރަނގަޅު ނޫން ކަމަށެވެ.
"ހުރިހާ ކުންފުނިތަކުން، އެޗްޑީސީ އާއި ނޫން ކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަން އާއި ނޫނިއްޔާ ފެނަކައާ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމާ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،" ޒަމީރު ވިދާޅުވި އެވެ.
މާފުށީގައި ހޮޓަލެއް އެޅުމުގެ އިތުރުން، އޮފީސް އިމާރާތަކާއި ރެޒިޑެންޝަލް އިމާރާތެއް އަޅަންވެގެން ހައްޖު ކޯޕަރޭޝަނުން ވަނީ ހުޅުމާލެއިން ދެ ބިން ގަނެފަ އެވެ. އެ ދެ ބިން ގަތީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެ ދެ ބިން ވެސް ގަނެފައި ވަނީ ހައްޖަށް ދާން މީހުން ދައްކާފައިވާ ފައިސާއިންނެވެ.
Comment