Advertisement

"ހާޓް އޮފް މޯލްޑިވްސް" ގެ ނަމުގައި މާފުށީގެ ޓޫރިޒަމް ބްރޭންޑް ލޯންޗުކޮށްފި

ރޭގެ ހަފުލާގައި މާފުށީގެ ބްރޭންޑު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ލޯންޗުކޮށްދެއްވަނީ ----


"ހާޓް އޮފް މޯލްޑިވްސް" ގެ ނަމުގައި މާފުށީގެ ޓޫރިޒަމް ބްރޭންޑް ލޯންޗުކޮށްފި

ރާއްޖޭގެ މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ނުވަތަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރިއަރާފައިވާ ކ. މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކޮށްފި އެވެ.

ރޭ އެ ރަށުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މާފުށީގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހުކޮށްދެއްވީ، ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް ފެށުމުގެ ހުއްދަ ދެއްވި، އަދި އެ ސިޔާސަތާއި އެއްކޮޅަށް އެތައް މަސައްކަތެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ނަޝީދުގެ އިތުރުން ރޭގެ ހަފުލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި މާފުށީ ކައުންސިލްގެ މެންބަރުން އަދި އެ ރަށުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ވިޔަފާރިވެރިންނާއި އެ ތަންތަނުގެ މުވައްޒަފުން އަދި އެ ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.

ގެސްޓްހައުސް އަދި އެކްސްކާޝަން ތަކާއެކު، މާފުށިން ލިބެމުންދާ ފަތުރުވެރިކަމުގެ ހިދުމަތްތައް ބްރޭންޑުކުރުމަކީ މިހާރު މާފުށި ކައުންސިލްގައި ތިބި މެންބަރުންގެ ކެމްޕޭން ވައުދެކެވެ. ރޭގެ ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ކެމްޕޭންގައި ބުނިން މާފުށި ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރަން ކައުންސިލްގެ ބަޖެޓުން ހަރަދު ކުރާނެ ކަމަށް. އެހެންވެ ފުރަތަމަ މިއީ ވައުދެއް،" ސޮލާހު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ގެސްޓްހައުސް ވިޔަފާރި ފެށި އެ ރަށް ކަމަށްވާ މާފުށީގައި މިވަގުތު އެތައް ގެސްޓްހައުސް އަކާއި އެތައް ބުރީގެ ހޮޓާތައް އެބަހުއްޓެވެ. ކޮންމެ އަހަރަކު އެ ރަށަށް އެތައް ހާސް ޓޫރިސްޓުންނެއް ޒިޔާރަތްކުރެ އެވެ.

ރާއްޖޭގެ ރިސޯޓުތައް ފިޔަވާ އެންމެ މަގުބޫލު އެއް ރަށުގެ ގޮތުގައި މާފުށި ގުނާލެވޭނެ އެވެ.

ރޭގެ ހަފުލާގައި ވާހަކަދައްކަވަމުން ސޮލާހު ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތައާރަފުވީ ސަހްސެއްގެ ގޮތުގައި މިއަދު ގިނަ ބައެއްގެ ހިތަށް ސިފަވާނީ "މާފުށި" ކަމަށާ ހާޓް އޮފް މޯލްޑިވްސް ނުވަތަ ރާއްޖޭގެ ހިތުގެގޮތުގައި ބްރޭންޑް ކުރި ސަބަބަކީ ވެސް މިއީ ކަމަށެވެ.