Advertisement

ރިޔާސީ ކޮމިޝަނުން އަޅަން އެންގި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރު ކުރަނީ

6 އޮގަސްޓު 2025 - 15:07 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަޖިލީހަށް ހާޒިރު ކުރި ދުވަހަކު މެންބަރެެއްގެ ސުވާލަށް އިހުސާން ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ


ރިޔާސީ ކޮމިޝަނުން އަޅަން އެންގި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރު ކުރަނީ

6 އޮގަސްޓު 2025 - 15:07 0

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގައި ހުރި ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެ ތަހުގީގުގައި ފަރުވާ ކުޑަ ކުރި ފުލުހުންގެ މައްސަލަ ބަލައި އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

"ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިނގަމުންދޭތޯ؟ އަދި އެ ތަހުގީގުތައް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ." ކުޑޫގެ ސުވާލުގައި ބުނެފައި ވެ އެވެ.

މަޖިލީހަށް އިހުސާން ހާޒިރުކުރަން އެދިފައިވާއިރު އިދިކޮޅު މެންބަރުން ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދިނުމަށް ވަޒީރުން ހާޒިރުނުކުރާތީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮންމެ މައްސަލައެއް ވަކިވަކިން ފުލުހުން ބަލާނެ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ވަކިވަކި ފުލުހުން އަމަލުކޮށްފައިވާ ގޮތް ވެސް ބަލާނެ ކަމަށް އަދަދު އަށް ޖޫން 19، ގައި އިހުސާން ވިދާޅުވި އެވެ.

މީގެ ކުރިން އިހުސާން ވަނީ މި މައްސަލާގައި ފުލުހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފުލުހުންގެ މައްސަލައެއް އޮތްކަން ހާމަވާ ދުވަހަކުން އެކަން ތަހުގީގުކޮށް ފުލުހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަން ނުކޮށްފިނަމަ އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް މެއި 12، ގައި ބޭއްވި އަހާ ފޯރަމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވި އެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު ހ. މިޓާޒްގޭގެ ފުރާޅު މަތިން އެއްވެސް ހެއްކެއް ހޯދަން ފުލުހުން މަސައްކަތެއް ކޮށްފައި ނުވެ އެވެ. އެޕްރީލް 18، ގެ ހަވީރު ފެންޓެނޯއީއަށް ތަހުގީގަށް ދިޔަ ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން ވެސް ހ. މިޓާޒްގޭގެ ފުރާޅަށް އަރައި ހެކި ހޯދުމަށް މަސައްކަތް ކޮށްފައި ނުވެ އެވެ.

މިފަދަ ކަންކަން ތަކުރާރުވެ ނުދިނުމަށް ފުލުހުންގެ ތެރޭގައި ހުރި އެސްއޯޕީތައް މުރާޖާ ކުރުމަށް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.