6 އޮގަސްޓު 2025 - 11:48 1
ސާއިފް ޝިޔާދު
މި ހިޔާލު ހުށަހެޅުއްވީ މެންބަރު އިބްރާހިމް ހުސައިން. ޓެކްސް ނުދައްކާ މީހުން ޖަލަށް ލާން މިވަގުތު މަޖިލީހަށް ބިލެއް ހުށަހަޅާފައި އެބައޮތް --- ފޮޓޯ: މަޖިލިސް އިދާރާ
6 އޮގަސްޓު 2025 - 11:48 1
ވިޔަފާރި މުއާމަލާތެއް ހިނގާ ވަގުތު އެ މުއާމަލާތަކުން ދައްކަން ޖެހޭ ޓެކްސް ފައިސާ ދައުލަތަށް ލިބޭ ގޮތަށް ހެދުމުން ޓެކްސް ފައިސާ ހޯދަން ފަސޭހަވާނެ ކަމަށް ވިދާޅުވެ އެގޮތަށް އަމަލު ކުރަން ފަށަން ފުވައްމުލެއް ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ހިޔާލެއް ހުށަހަޅުއްވައިފި އެވެ.
ސަރުކާރުން އަމިއްލަ ވިޔަފާރިތައް ލައްވައި ކުރުވި މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޓެކްސް ނެގުމުގެ ކަންކަން ބަލަހައްޓާ މީރާއަށް ދީފައިވާ ބާރުތައް އިތުރުކޮށް ޓެކްސް ނުދައްކާ މީހުން ޖަލަށްލާން މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފަ އެވެ.
އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ އިބްރާހިމް ވިދާޅުވީ ކުންފުންޏަކުން ރިޕޯޓެއް ހުށަހަޅައިގެން ޓެކްސް ނަގާ ކަމަށްވާނަމަ ދުވަހަކު ވެސް އެކަން ރަނގަޅަށް ނުކުރެވޭނެ ކަމަށެވެ.
"ޓްރާންސެކްޝަނެއް ހެދޭ އިރުގައި، ބޭންކަށް އެ ޖަމާވާ ގަޑީގައި ޓެކްސްއަށްވާ ފައިސާ ވެސް ކެނޑިގެން އެ ބައެއްގެ އެކައުންޓަށް އެ ފައިސާ ވަނީމައި އެ ހިސާބުން ފެށިގެން، ވަގުތުން ވަގުތަށް ދައުލަތަށް ލިބެން ޖެހޭ ޓެކްސް ވެސް ލިބިގެންދާނެ،" އިބްރާހިމް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި އޭނާ ނެގީ ރާއްޖޭގެ ގިނަ ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ޕެކޭޖު ވިއްކުމަށް ބޭނުންކުރާ އަގޯޑާ އާއި ބުކިން.ކޮމް އެވެ. އެފަދަ ޕްލެޓްފޯމްތަކުން ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާ ޖަމާކުރާއިރު ބެންކު ޗާޖު ކެނޑޭ ގޮތަށް ޓެކްސް ފައިސާ ވެސް ކެނޑޭނެ ގޮތް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުންފުންޏެއްގެ އެކައުންޓަށް ފައިސާ ވަންނަ އިރުގައި، އެ ޓްރާންްސްފާ ހެދޭއިރުގައި ބޭންކް ޗާޖު ކެނޑޭ ގޮތަށް ހަމަ ޓެކްސް ފައިސާ ވެސް ކެނޑިގެން އެ މީހެއްގެ އެކައުންޓަށް އެ ފައިސާ، އެ ކުންފުންޏެއްގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ނަމަ އަޅުގަނޑު ހިތުން މި މައްސަލައަށް ހައްލު ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށެއްގެ ގޮތުގައި މީގެ ކުރިން ޖަލަށްލައި ޖޫރިމަނާއެއް ނުކުރެ އެވެ. ނަމަވެސް، އަލަށް ގެންނަ ބަދަލުގައި އެފަދަ ކުށެއް ކޮށްފިނަމަ 250،000ރ. އިން ޖޫރިމަނާކޮށް އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ދައްކަންވާ ދުވަހަށް ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި ނުދައްކާ އޮތް އަދަދުގެ 0.05 ޕަސެންޓުން ނުދައްކާ ފަރާތް ޖޫރިމަނާ ކުރެވެ އެވެ. ސަރުކާރުން ގާނޫނު ބަދަލުކުރަނީ ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓު ނެގުމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment