Advertisement

ޓެކްސް ނުދައްކާ މީހުން ޖަލަށްލާން ހުށަހެޅި ބިލު ކޮމިޓީއަށް

6 އޮގަސްޓު 2025 - 13:37 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މުއިއްޒު އަދި މީރާގެ ވެރިޔަކަށް އައްޔަނުކުރި ޓެކްސް ކޮމިޝަނަރު ޒަރީރު. ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް ގާނޫނުތައް ހަދައި އަންނަނީ ކުރިމަތި ކުރުވަމުން --- ފޮޓޯ: ރައީސް އޮފީސް


ޓެކްސް ނުދައްކާ މީހުން ޖަލަށްލާން ހުށަހެޅި ބިލު ކޮމިޓީއަށް

6 އޮގަސްޓު 2025 - 13:37 0

ސަރުކާރުން އަމިއްލަ ވިޔަފާރިތައް ލައްވައި ކުރުވި މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޓެކްސް ނެގުމުގެ ކަންކަން ބަލަހައްޓާ މީރާއަށް ދީފައިވާ ބާރުތައް އިތުރުކޮށް ޓެކްސް ނުދައްކާ މީހުން ޖަލަށްލާން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ އިގުތިސޯދީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ހުށަހަޅާ މި ބިލު ސްޕޮންސާ ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ. މި ބިލު ބަލައިގަތުމަށް 60 މެންބަރުން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.

މި ބިލު ހުށަހެޅުމުގެ މަގްސަދުގެ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބޭ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުން ހިމެނެ އެވެ.

"އޮޅުވާލާ މީހުން އޮޅުވާލާ. ޓެކްސްއަށް މަކަރު ހަދާ މީހުން މަކަރު ހަދާ. ޓެކްސް ނުދައްކާ މީހުން ގަސްތުގައި ޓެކްސް ނުދައްކާ. މީގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ފައިސާއިން ވަރަށް ބޮޑުތަން ކޮންމެ އަހަރަކު ވެސް މި ދަނީ އުނިވެގެން،" މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ބަހުސް މަރުހަލާގައި ވިދާޅުވި އެވެ.

ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށެއްގެ ގޮތުގައި މީގެ ކުރިން ޖަލަށްލައި ޖޫރިމަނާއެއް ނުކުރެ އެވެ. ނަމަވެސް، އަލަށް ގެންނަ ބަދަލުގައި އެފަދަ ކުށެއް ކޮށްފިނަމަ 250،000ރ. އިން ޖޫރިމަނާކޮށް އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެ އެވެ.

"ސަރުކާރުން ދޭންވާ ފައިސާ ނުލިބުނީމައި ދެން އޭނަ ޖޫރިމަނާކޮށްފައި އޭނާއަށް ދޭންވާ އަދަބުތައް މިހުރީ. ސަރުކާރަކުން އޭނާއަށް ފައިސާ ނުދިނީމައި ދެން ކިހިނެއްހޭ އެކަން ވާނީ. އެންމެންނަކީ ވަގުންނެއް ނޫން. ބަައެއް މީހުން މަކަރު ވެސް ހަދާނެ، ހަގީގަތުގައި ވެސް ފައިސާ ނުލިބިގެން ޓެކްސް ނުދެއްކޭ މީހުން ވެސް އެބަތިބި،" ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވި އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ދައްކަންވާ ދުވަހަށް ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި ނުދައްކާ އޮތް އަދަދުގެ 0.05 ޕަސެންޓުން ނުދައްކާ ފަރާތް ޖޫރިމަނާ ކުރެވެ އެވެ. ސަރުކާރުން ގާނޫނު ބަދަލުކުރަނީ ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓު ނެގުމަށެވެ.

މިސާލަކަށް ބަލާއިރު މީރާއަށް ފަސް ލައްކަ ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަން ޖެހިފައި އޮތް ވިޔަފާރިއަކަށް ދުވާލެއްގެ މައްޗަށް ޖޫރިމަނާގެ ގޮތުގައި ކުރީގެ ރޭޓުން އަރާނީ 250ރ. އެވެ. ނަމަވެސް އާ ރޭޓުގައި އެ އަދަދު ދުވާލެއްގެ މައްޗަށް 500ރ. އަށް ބޮޑުވާނެ އެވެ.

މި ބަދަލުތަކުގެ އިތުރުން ވެސް ޓެކްސްއާ ގުޅޭ ގިނަ ކަންކަމުގައި މީރާއަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް އެ ބިލު އޮތީ ފަރުމާކޮށްފަ އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާނެ އެވެ.

މިފަދަ ބިލެއް ސަރުކާރުން ހުށަހަަޅާފައި މިވަނީ ދައުލަތުގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން ގިނަ ވިޔަފާރިތަކަކުން ކުރަމުން އަންނަނިކޮށެވެ.