6 އޮގަސްޓު 2025 - 11:01 0
އަތޫފް އާތިފް
6 އޮގަސްޓު 2025 - 11:01 0
އިންޑިއާގެ ޓަމިލް ނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއާ ކެޓަގަރީގެ ތިން ވަނަ ބުރުން ރާއްޖޭގެ ޔާސިން ނާޝިދު ޖާގަ ހޯދައިފި އެވެ.
މީގެ ކުރިން މި މުބާރާތުގެ މެންސް އޯޕަން ކެޓަގަރީން، ރާއްޖޭގެ ސާފިން ޓީމުގެ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) ވަނީ ޖާގަ ހޯދައިފަ އެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ޖޫނިއާ ކެޓަގަރީގެ ފުރަތަމަ ބުރުގެ ފަސްވަނަ ހީޓުގައި ޔާސިން ވާދަކުރިއިރު، ޔާސިން އާއެކު މި ހީޓުގައި ދެން ވާދަކުރީ ޗައިނީސް ޓައިޕޭގެ ޖޯން ޖޯން ޗަން އަދި ސައުދިއަރަބިއްޔާގެ ޔޫސުފް ފަދީލް އެވެ. މި ހީޓުގެ އެއްވަނަ ހޯދީ ޗައިނީސް ޓައިޕޭގެ ޖޯން ޗަން އެވެ. އޭނާ އެއްވަނަ ހޯދީ 12.44 ސްކޯކޮށްގެންނެވެ. ދެވަނަ އަށް ޔާސިން ދިޔައީ 11.73 ގެ ސްކޯއަކާއެކުގަ އެވެ.
މި ހީޓުގައި ޔާސިން ޖުމްލަ ހަތަރު ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ހަތަރުވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުގައި ޔާސިން އަށް 5.83 ގެ ސްކޯއެއް ލިބުނުއިރު، ހަތަރުވަނަ ރާޅުގައި 5.90 ސްކޯކުރި އެވެ.
މީގެ އިތުރުން ދެން ޖޫނިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ޔޫސުފް ކަޔާން ޒަކީ އަދި ކަޔާން އަރީފް ވަނީ ރެޕޯ ބުރަށް ދަތުރުކޮށްފަ އެވެ.
ފުރަތަމަ ބުރުގެ ފުރަތަމަ ހީޓުގައި ކަޔާން އަރީފް ވާދަކުރިއިރު، މި ހީޓުގައި ދެން ވާދަކުރީ ޗައިނީސް ޓައިޕޭގެ މިންގް ޖަންގް ލިއު އަދި ޗައިނާގެ ޝޮއުލޮއު ޖިއާންގް އެވެ.
މި ހީޓުގެ އެއް ވަނަ އަށް ދިޔައީ 12.83 ގެ ސްކޯއަކާ އެކު ޗައިނީސް ޓައިޕޭގެ މިންގް ޖަންގް އެވެ. ދެ ވަނަ އަށް ދިޔަ ޗައިނާގެ ޝޮއުލޮއު އަށް 12.10 ގެ ސްކޯއެއް ލިބުނުއިރު، ކަޔާން އަށް ލިބުނީ 11.10 ގެ ސްކޯއެކެވެ. ކަޔާންގެ ފުރަތަމަ ރާޅުން 5.33 ސްކޯކުރިއިރު، ދެ ވަނަ ރާޅުން ވަނީ 5.77 ސްކޯކޮށްފަ އެވެ.
ރާއްޖޭގެ ކަޔާން އަރީފް ވާދަކުރީ ހަތަރު ވަނަ ހީޓުގަ އެވެ. މި ހީޓުގައި ދެވަން ވާދަކުރީ ޗައިނީސް ޓައިޕޭގެ ޗިޔާ ޗި ޔޫ އަދި ޗައިނާގެ ލިހާއޯ ޒަންގް އެވެ.
މި ހީޓުގެ އެއް ވަނަ ހޯދީ ޗައިނީސް ޓައިޕޭގެ ޗިއާ ޗި ޔޫ އެވެ. އޭނާ ވަނީ 15.27 ސްކޯކޮށްފަ އެވެ. ދެ ވަނަ އަށްދިޔަ، ލިއާހޯ އަށް 11.16 ގެ ސްކޯއެއް ލިބުނުއިރު، ކަޔާން އަށް ލިބުނީ، 4.17 ގެ ސްކޯ އެކެވެ.
މި ފަހަރުގެ މުބާރާތުގައި، ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކެޕްޓަން އައްމަޑޭ، ސްމައިލީ އަދި ހޫދު އެވެ.
ޖޫނިއާ ޓީމުގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި އަންހެން ސާފިން ޓީމުންވެސް ބައިވެރިވާނެ އެވެ. އަންހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މަރިޔަމް ރާހިލް ނަސީމް (އާޔާ), ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު) އެވެ.
މިދިޔަ ދެ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ، މި މުބާރާތުގައި ރާއްޖޭގެ ސާފަރުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން، އިބޫ ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޓީމް އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ވަނީ ލިބިފަ އެވެ.
Comment