Advertisement

އަންނަ އަހަރުގެ އޭޝިއަން ގޭމްސްގެ ސާފިން އިން ރާއްޖެ އަށް އިތުރު ދެ ޖާގަ

13 އޮގަސްޓު 2025 - 11:25 0


އަންނަ އަހަރުގެ އޭޝިއަން ގޭމްސްގެ ސާފިން އިން ރާއްޖެ އަށް އިތުރު ދެ ޖާގަ

13 އޮގަސްޓު 2025 - 11:25 0

އިންޑިއާގެ ޓަމިލް ނާޑޫގައި ކުރިއަށްދިޔަ މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ނަތީޖާ ރަނގަޅުވުމާއެކު, 2026 ވަނަ އަހަރު ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓުން ރާއްޖެ އަށް އިތުރު ދެ ޖާގަ ދީފި އެވެ.

ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސް އެެވެ. އެ ތާރީހީ ގޭމްސްގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ސްލޮޓް ރާއްޖެ އަށް ފުރަތަަމަ ކަށަވަރުވީ، މިދިޔަ އަހަރު ކ. ތުލުސްދޫގައި، ކުރިއަށްދިޔަ އޭޝިއާގެ ސާފިން މުބާރާތުގެ ނަތީޖާތަކަށް ފަހު އެވެ.

އަދި، އިތުރު ދެ ޖާގަ ލިބިފައިވަނީ، މި ފަހަރު ޓަމިލް ނާޑޫގައި ކުރިއަށްދިޔަ އޭޝިއާ މުބާރާތުގެ ނަތީޖާ އަށް ބަލައިފަ އެވެ. އެ ގޮތުން، ޖެހިޖެހިގެން ދެ އަހަރު އޭޝިއާ މުބާރާތުގައި ގައުމީ ސާފިން ޓީމުން ނެރުނު ނަތީޖާތަކަށް ބަލައި، ރާއްޖޭގެ ހަތަރު ސާފަރުން (އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުން) އޭޝިއަން ގޭމްސްގައި ފެނިގެންދާނެ އެވެ.

އޭޝިއާގެ ސާފިން މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި، ރާއްޖޭގެ ގައުމީ ސާފިން ޓީމުގެ ޔޫސުފް ކަޔާން އާއި ޔަސީން ނާޝިދު ވާދަކޮށް ހިތްވަރު ދައްކައިފި އެވެ. އެ ގޮތުން، 18 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގައި، 28 އެތުލީޓުން ވާދަކުރިިއިރު، ޔޫސުފް ކަޔާން އާއި ޔަސީން ވަނީ ގަދަ 12 ސާފަރުންގެ ތެރޭގައި ހިމެނި، ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. ކުއާޓާ ފައިނަލުގެ ތިން ހީޓުގެ ސްކޯތަކަށް ބަލާއިރު، ޔޫސުފް ކަޔާން އާއި ޔަސީން ވަނީ ހިތްވަރުކޮށްފަ އެވެ. އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ތިން ވަނަ ބުރުން ރާއްޖޭގެ ސީިނިއާ ފިރިހެން އެތުލީޓުންނަށް ވަނީ މުބާރާތް ނިމިފަ އެވެ. ރާއްޖޭގެ އަންހެން ސާފަރުންނަށް މުބާރާތް ނިމުނީ ދެ ވަނަ ބުރާ ހަމައިންނެވެ.

އަދި، އޭޝިއާގެ ސާފިން މުބާރާތުގެ ޓީމު އިވެންޓް ބައި، އަލޯހާ ކަޕުން ރާއްޖެ ވަނީ ސެމީ ފައިނަލް ހީޓުގައި ވާދަކޮށްފަ އެވެ. ޓީމު އިވެންޓް ބައިގައި ވާދަކުރީ ޖުމްލަ އަށް ޓީމަކުންނެވެ.