Advertisement

ސަރުކާރުން ފައިސާ ނުދޭ ކަމަށް މެންބަރު ސައުދުﷲގެ ކުންފުނިން ބުނެފި

6 އޮގަސްޓު 2025 - 19:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސަރުކާރުން ފައިސާ ނުދޭ ކަމަށް މެންބަރު ސައުދުﷲގެ ކުންފުނިން ބުނެފި

6 އޮގަސްޓު 2025 - 19:34 0

ނ. މަނަދޫ ސްކޫލުގެ މަޝްރޫއު ލަސްވީ ސަރުކާރުން ފައިސާ ދިނުމުގައި ވެސް ލަސްވާތީ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި، މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިއްޔެ ބުނެފި އެވެ.

މަނަދޫ ސްކޫލުގެ މަޝްރޫއު ކުރިއަށް ގެންދާ މިމްސް ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަސައްކަތް ނުނިމި ލަސްވަމުންދަނީ މައިގަނޑު ގޮތެއްގައި ބިލްތަކަށް ފައިސާ ނުލިބުމުގެ ސަބަބުން ދިމާވަމުންދާ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

"މި މަސައްކަތް ވެސް ނުނިމި ލަސްވަމުންދަނީ މައިގަނޑު ގޮތެއްގައި ބިލްތަކަށް ފައިސާ ނުލިބުމުގެ ސަބަބުން ދިމާވަމުންދާ ކަންތައްތަކުގެ ސަބަބުން. އެގޮތުން އެންމެފަހުން މި ޕްރޮޖެކްޓަށް ކުރެވުނު ބިލަށްވެސް ފައިސާ ލިބިފައިވަނީ ގާތްގަނޑަކަށް ތިން މަސްވީ ފަހުން،" އެ ކުންފުނިން ބުންޏެވެ.

މަޝްރޫއުގެ މަސައްކަތް ފެށިތާ ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ކުންފުންޏަށް ލިބުނީ މަސައްކަތުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހުށަހަޅައިގެން އެޑްވާންސް ޕޭމަންޓަށް ލިބިފައިވާ ފައިސާ އާއި މަސައްކަތް ނިންމުމަށްފަހު ބިލުކުރެވުނު ފައިސާއާއެކު 12.63 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަސައްކަތް ނުނިމިގެން ބިލްނުކުރެވި ހުރީ 2.8 މިލިއަން ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިމްސް އިން އިތުރަށް ބުނީ ސްކޫލް އިމާރާތުގެ މަޝްރޫއުގައި ޑިސެމްބަރު 22، 2021، ގައި ސޮއިކުރި ފަހުން މަސައްކަތް ފަސް އަހަރުވާން އަހަރަކަށްވުރެ ގިނަ ދުވަސް ބާކީ އޮތް ކަމަށާއި އެކި ސަބަބުތަކާ ގުޅިގެން މަޝްރޫއުގެ މަސައްކަތް ފެށުނީ ވެސް ޖެނުއަރީ 10، 2023، ގައި ކަމަށެވެ.

މިގޮތުން މަޝްރޫއުގެ މަސައްކަތް ކުރަމުންދާތާ ފަސް އަހަރު ވެފައިވާ ކަމަށާއި އަދިވެސް މަސައްކަތް ނުނިމޭ ކަމަށް މަނަދޫ ކައުންސިލްގެ ރައީސް ވިދާޅުވުމުން އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވާކަން މިމްސް އިން ފާހަގަކުރި އެވެ.

މިއާއެކު މުއިއްޒު ބައިވެރިވި ޖަލްސާއެއްގައި މިމްސްއާ ގުޅުންހުރި ކަމެއްގެ މައްޗަށް ރަނގަޅު ނޫން މައުލޫމާތުތަކުގެ މައްޗަށް ވާހަކަތަކެއް ދެކެވުނީ ކީއްވެގެންކަން ހޯދުމުގެ މަސައްކަތް ޖުލައި 24، އިން ފެށިގެން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.