Advertisement

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ޖިނާއި ކުށެއްގެ ގޮތުގައި ކަނޑައަޅާ ބިލު ބަލައިގަނެ ކޮމިޓީއަށް

5 އޮގަސްޓު 2025 - 13:27 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ބޮޑުތަކުރުފާނު މަގުގައި މީގެކުރިން ހިނގި އެކްސިޑެންޓެއް.


ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ޖިނާއި ކުށެއްގެ ގޮތުގައި ކަނޑައަޅާ ބިލު ބަލައިގަނެ ކޮމިޓީއަށް

5 އޮގަސްޓު 2025 - 13:27 1

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ޖިނާއި ކުށެއްގެ ގޮތަށް ކަނޑައަޅަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްްސާގައި ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަކަށް ވުމާއެކު ދިރާސާކުރަން ފޮނުވީ ޖުޑީޝަރީ ކޮމިޓީއަށެވެ.

މި ބިލުގެ ބަހުސް މަރުހަލާގައި ހުރިހާ މެންބަރުން ވެސް ވަނީ ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުގެ މި އިސްލާހަށް ތާއީދު ކުރައްވާފަ އެވެ.

މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަ ނަމަވެސް މިފަދަ އަމަލުތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެމެވެ. އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ވެސް ދެނެގަންނަން ޖެހޭ ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.

އެ ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގައިވާ "ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން" އަށް ނަންބަރެއް އިތުރު ކުރުމަށެވެ.

އިތުރު ކުރަން ހުށަހަޅާފައިވާ މާއްދާގައި ބުނަނީ، "ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުން" އެއީ ކުށެއް ކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ފަހަތަށް 121.1 މާއްދާ އިތުރުކޮށް ހިމަނާފައި ވަނީ ކުށް ކަނޑައެޅުމާއި ދަރަޖަކުރުމެވެ.

މީކާއިލް މީގެ ކުރިން ވިދާޅުވީ އެ ބިލު ހުށަހަޅަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ށ. ގައި މިހާރު އޮތް ގޮތުން، މީހަކު މަރުވެދާނެ ކަމުގެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއްލިބިދާނެކަމާމެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމާބެހޭ ހާލަތް ހިމަނާފައިނުވާތީ ކަމަށެވެ.