5 އޮގަސްޓު 2025 - 09:22 10
ޑރ. ޝިއުނީ، އިލްހާމް އަދި ޒިނަފު
5 އޮގަސްޓު 2025 - 09:22 10
ވަޒީފާއާ ގުޅޭ ގޮތުން އިދާރީ އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނެތް އެޗްޑީސީގެ ވެރިންތަކެއް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެޗްޑީސީން ސަސްޕެންޑު ކުރީ ޖުމުލަ ފަސް މުވައްޒަފެކެވެ. އޭގެ ތެރޭގައި އެންމެ އިސް މަގާމުތަކުގައި ތިއްބެވި ތިން ވެރިޔަކު ހިމެނެ އެވެ. އެއީ ލީގަލް ޑިޕާޓުމެންޓުގެ ވެރިޔަކަށް ހުންނެވި ޑރ. ފާތުމަތު ޝިއުނީ އާއި ޗީފް ޕްލޭނިން އޮފިސަރަކަށް ހުންނެވި އަހުމަދު ޒިނަފު އަދި ޗީފް ހިއުމަން ރިސޯސަސް އޮފިސަރު މުހައްމަދު އިލްހާމެވެ.
"ދެން އޮތީ އެ މީހުން ކަނޑާލުން. މިކަން އެކުރަނީ ޕީއެންސީ އަންގައިގެން. މިއީ އަނިޔާވެރި ނިންމުމެއް،" މި މައުލޫމާތު އެނގޭ މީހަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
ސަސްޕެންޑުކުރި އެޗްޑީސީގެ ތިން ވެރިންގެ އިތުރުން އެޗްއާރުގެ ޑިރެކްޓަރަކާއި އެ ޑިޕާޓްމެންޓުގެ އެސިސްޓެންޓު ޑިރެކްޓަރެއް ވެސް އިއްޔެ ސަސްޕެންޑުކުރި އެވެ.
މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ އެ މީހުން ސަސްޕެންޑުކުރީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށާއި، ތުހުމަތެއްގެ މިންވަރު ވެސް އޮވެގެން ނޫން ކަމަށެވެ.
"ހަމައެކަނި އޮތީ ޕީއެންސީން ފޮނުވި ލިސްޓެއް. މީގެ ދުވަސްކޮޅެއް ކުރިން ޕީއެންސީގެ ސްޓިއަރިން ކޮމިޓީއަކުން ބޭއްވި ބައްދަލުވުމެއްގައި އެޗްޑީސީން ވަކިކުރަން ޖެހޭ ލިސްޓަކާއި ވަޒީފާއަށް ވަންދަންޖެހޭ ލިސްޓެއް އެކުލަވާލި،" އަދަދު ނޫހާ ވާހަކަ ދެއްކި އެކަކު ކިޔައި ދިނެވެ.
ސަސްޕެންޑުކުރި ޒިނަފު އަކީ އެޗްޑީސީ އެފެއްދި އަހަރުން ފެށިގެން އެތަނުގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފެކެވެ. ލީގަލްގެ ހެޑަކަށް ހުންނެވި ޑރ. ޝިއުނީ އާއި އިލްހާމް އެޗްޑީސީގައި އުޅޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ވަޒީފާއިން ސަސްޕެންޑުކުރި އެޗްޑީސީގެ އެޗްއާރު ޑިޕާޓްމެންޓުގެ އެސިސްޓެންޓު ޑިރެކްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ހުޅުމާލޭ ދެކުނު ދާއިރާ އަށް ވާދަކުރި ޝަނީޒު ހިޝާމްގެ އަންހެނުންނެވެ.
އެޗްޑީސީގެ ސީނިއާ މުވައްޒަފުންތަކެއް ސަސްޕެންޑު ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބަދަލުކުރުމާއެކު އެވެ.
"ޕީއެންސީން ބޭނުންވި ގޮތަށް ކުރިން [މައުރޫފު ޖަމީލް] އަމަލު ނުކުރީ. މިހާރު އެކަން ތަންފީޒު އެކުރަނީ،" އަދަދު ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
މައުރޫފު ރިޓަޔާކުރަން ނިންމާފައި ވަނިކޮށް، ސަރުކާރުން މަޖުބޫރު ކޮށްގެން އޭނާ އިސްތިއުފާ ދިނީ ޖުލައި 30 ގަ އެވެ.
Comment