5 އޮގަސްޓު 2025 - 08:42 0
5 އޮގަސްޓު 2025 - 08:42 0
މެޑްރިޑް (އޮގަސްޓް 5) - ދިހަ އަހަރަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށްލަން ތައްޔާރުވެފައިވާ އެ ޓީމުގެ ކެޕްޓަން، ސޮން ހެއުން މިންގެ ބަދަލުގައި، އެ ކްލަބުން ބޭނުމީ ރެއާލް މެޑްރިޑްގެ ރޮޑްރީގޯ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ސޮން، ޓޮޓެންހަމާ އެކު އޮތް ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކަމުގައި ވިޔަސް، އޭނާ ވަނީ އެ ކްލަބް ދޫކޮށްލަން މެނޭޖްމަންޓާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. އެ ގޮތުން، ޓޮޓެންހަމް އަށް 454 މެޗުން 173 ގޯލު ޖަހައިދިން ސޮންގެ އެދުމާ އެއްގޮތަށް އޭނާ އަށް އެ ފުރުސަތު ދޭން އެ ކްލަބުން ވެސް ތައްޔާރެވެ.
ލެވަކޫސަން ދޫކޮށް، 2015 ވަނަ އަހަރު، ސޮން ޓޮޓެންހަމަށް ބަދަލުވީ، 30 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ސޮން، މިހާރު އަންނަނީ، 20 މިލިއަން ޑޮލަރަށް މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އެލްއޭ އެފްސީ އަށް ބަދަލުވުމުގެ މަޝްވަރާތައް ކުރަމުންނެވެ.
ސޮންގެ ބަދަލުގައި، ޓޮޓެންހަމް އިން ރޮޑްރީގޯ ގެންނަން މަސައްކަތް ކުރަން ފަށާފައިވާއިރު، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ޓޮޓެންހަމްގެ ޗެއާމަން، ޑެނިއަލް ލެވީ އަކީ ވަރަށް ގުޅުން ރަނގަޅު ދެ ފަރާތެވެެ. އެހެންކަމުން، މި ޑީލް ނިންމުމުގައި ޓޮޓެންހަމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
ރޮޑްރީގޯ، 24، ހޯދުމަށް އާސެނަލުން މި ފަހަރުގެ ޓްރާންސްފާގައި ވަނީ 70 މިލިއަން ޑޮލަރު އޮފާއެއް ރެއާލަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް، ރެއާލް، ބޯޑުން ވަނީ އާސެނަލްގެ ހުށަޙެޅުމަށް ނޫނެކޭ ބުނެފަ އެވެ. އަދި، ރެއާލުން ރޮޑްރީގޯ ވިއްކާލަން ކިޔާ 100 މިލިއަން ޑޮލަރު ދޭނެ ޕްރޮޕޯސަލެއް އައިސްގެން ނޫން ގޮތަކަށް އެ ޓްރާންސްފާ ކުރިއަށް ނުދާނެ ކަމަށް ރެއާލުން ވަނީ އަންގައިފަ އެވެ.
އެކަމަކު، ރެއާލަށް މި ފަހަރުގެ ޓްރާންސްފާގައި އިތުރު ކުޅުންތެރިއަކު ގަނެވެން އޮތީ ކުޅުންތެރިން ވިއްކައިގެން އާމްދަނީ ހޯދައިގެން ކަމަށް އެ ކްލަބްގެ މެނޭޖްމަންޓުން ނިންމާފައިވާތީ، ރޮޑްރީގޯ އަށް 70 މިލިއަން ޑޮލަރުގެ ބިޑެއް އައި ކަމުގައި ވިޔަސް ދޫކޮށްލަން އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ.
ޓްރާންސްފާގެ ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ކަމުގައި ވިޔަސް، ރޮޑްރީގޯ ވަނީ ރެއާލްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ރެއާލުން އޭނާ ދޫކޮށްލަން ނިންމައިފިނަމަ، ދެން ގުޅޭ ޓީމަކަށް ވެސް ކުޅޭނީ މިހާރު ލިބޭ މުސާރަ އަށް ކަމަށް ރޮޑްރީގޯ ވަނީ ނިންމައިފަ އެވެ.
ރެއާލުގެ ކޯޗު، ޒަބީ އަލޮންސޯގެ ޕްލޭނުގައި ރޮޑްރީގޯ ނުހިމެނެ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ ސްކޮޑުން ޖާގަ ހޯދަން ގިނަ ވަގުތު ކުޅެން ލިބޭ ޓީމަކާ ގުޅެން ރޮޑްރީގޯ ވެސް ބޭނުންވެ އެވެ.
Comment