5 އޮގަސްޓު 2025 - 10:43 0
ލީވާން އަލީ ނާސިރު
5 އޮގަސްޓު 2025 - 10:43 0
ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދޭ ކަނބުލޮގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
ކާމިޔާބު ދިވެހި ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ އެ ފިލްމު އޮލިމްޕަހުގައި އަޅުވާނީ އޮގަސްޓް 31، ގަ އެވެ.
އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަން ވެސް ދައްކުވައިދޭ މި ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކަ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ޔަޝްފާ އަބްދުލް ޣަނީގެ މި ވާހަކަށް ސްކްރީން ޕްލޭ ލިޔެފައިވަނީ ރާއްޖޭގައި ނެރެވުނު އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދު އެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު އެފަދަ ކަންކަން އެއްވެސް މިންވަރަކަށް ތަހައްމަލްނުކޮށް ރިޕޯޓްކުރުމަށް ފިލްމުގައި ހިތްވަރުދެ އެވެ.
ހުސެން މުނައްވަރު ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
ފިލްމުގެ ޓިކެޓް ބުކިންއަށް ކުރިން ހުޅުވާލާފައިވާއިރު ފުރަތަމަ ޝޯގެ ބުކިން މާދަމާ 12 ޖެހުމުގެ ކުރިން ނުނަގާނަމަ ކެންސަލްވާނެ އެވެ.
Comment