އާދަމް ޝަރީފް އަދި ޝަހީމް. ލޯކަލް ގަވަމެންޓް މިނިސްޓްރީ ބަލަހައްޓަވާ އާދަމް ޝަރީފްގެ ޕޭޖުން ޝެއާ ކުރީ އިސްލާމިކް މިނިސްޓަރު ޝަހީމަކީ މުނާފިގެއް ކަމަށް ބުނާ ޕޯސްޓެއް
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަކީ މުނާފިގެއް ކަމަށް ބުނެ މީހަކު ހަދާފައިވާ ވީޑިއޯއެއް މިނިސްޓާ އޮފް ސިޓީސް އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވިފައި ވަނިކޮށް ވަގު ޕޭޖު ގެންގުޅޭ މީހުން ފަޅާއަރާނެ ކަމަށް ޝަހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަރީފުގެ ފޭސްބުކް ޕޭޖުން ޝެއާ ކުރެވުނު ވީޑިއޯގެ ސުރުހީގައި ބުނެފައި ވަނީ، "ރާއްޖެ ދުށް މުނާފިގު ޝެއިހުންގެ ތެރޭ އަރާ ހުރި މީހެއް ޝަހީމްއަކީ"، މިހެންނެވެ. މިނިސްޓަރަށް އަދަދު އިން ގުޅުމުން ވިދާޅުވީ، އެ ވީޑިއޯ ޝެއާ ކުރީ އޭނާ ނޫން ކަމަށާއި ކަން ހިނގި ގޮތް ބަލަމުންދާ ކަމަށެވެ.
މިއަދު އަމިއްލަ ޕޭޖުގައި ޝަހީމް ލިޔުއްވީ "ވަގު ޕޭޖުތައް ހަދައިގެން އުޅޭ މީހުން ފަޅާއަރަންވީމާ ހަމަ ފަޅާއަރާނެ" ކަމަށެވެ. އެއީ ކަން އޮތް ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ޝަހީމް މިހާރު ޑިލީޓް ކުރައްވާފައިވާ ޕޯސްޓް
އެ ޕޯސްޓް ލިޔުއްވިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޝަހީމް ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވާފަ އެވެ. އެ ޕޯސްޓާ ގުޅޭގޮތުން ޝަހީމްގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ.
ޝަރީފްއަށް ޝެއާ ކުރެވުނު ވީޑިއޯ ޝެއާ ކުރެވިފައި ވަނީ ފޭސްބުކް ޕޭޖު ހެކުކޮށްގެންތޯ މި ނޫހުން ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ، ޕޭޖު ހެކުވެފައިވޭތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.
ޝެއިހް ޝަހީމަކީ ދިވެހިރާއްޖޭގެ ދެ ވަނަ އިސްލާމިކް މިނިސްޓަރެވެ. އަދި އޭނާއަކީ، އިސްލާމް ދީން ކުރިއެރުވުމުގެ މަގްސަދުގައި އުފެއްދި އާދަލަތު ޕާޓީގެ ފައުންޑާ މެންބަރެކެވެ. ކިޔަވާވިދާޅުވީ ސައުދީ އަރަބިއްޔާގެ މަދީނާ އަދި މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީއިންނެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޝަހީމް ހުންނެވި އެވެ.
ޝަހީމް އެންމެ ފުރަތަމަ ރާއްޖޭގައި މަޝްހޫރުވެގެންދިޔައީ ވަރަށް ރީތިކޮށް ގުރްއާން ކިޔަވާ ބޭފުޅެއްގެ ގޮތުގައި އަދި މޮޅު ވާހަކަ ދެއްކުންތެރިއެއްގެ ގޮތުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment