Advertisement

ހިސާބު ޖަހައިފިން، ކައުންސިލް އިންތިހާބު ބޮޑުކޮށް ކާމިޔާބުކުރާނީ ޕީއެންސީ: ޝުޖާއު

4 އޮގަސްޓު 2025 - 13:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއު: ހިސާބު ޖެހިއިރު ކައުންސިލް އިންތިހާބު ބޮޑުކޮށް ކާމިޔާބުކުރަނީ ޕީއެންސީ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހިސާބު ޖަހައިފިން، ކައުންސިލް އިންތިހާބު ބޮޑުކޮށް ކާމިޔާބުކުރާނީ ޕީއެންސީ: ޝުޖާއު

4 އޮގަސްޓު 2025 - 13:12 0

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހިސާބު ޖެހިއިރު އެ އިންތިހާބު ބޮޑުކޮށް ކާމިޔާބުކުރާނީ ވެރިކަން ކުރާ ޕީއެންސީން ކަމަށް ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ މުހިއްމު މަސައްކަތްތައް ކުރިއަށް ނުގެންދަވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް އެނގިވަޑައިގަންނަވާ ފަދައިން މާ ކުރިން ވެސް ޖަހާފައި އޮތް ހިސާބާ އެއްގޮތަށް ކައުންސިލް އިންތިހާބު ބޮޑުކޮށް ނަގާނީ ޕީއެންސީން ކަމަށެވެ.

"ޕީއެންސީން ﷲ ގެ ހެޔޮ ރަހްމަތުން ދިވެހިރާއްޖޭގެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުކޮށް ނަގާނަން އަޅުގަނޑުމެން. ކާމިޔާބު ކުރާނަން އިއްޒަތްތެރި ރައީސް. މިއީ އަޅުގަނޑުމެން ހިސާބު ޖަހާފައި އޮތް ކަމެއް. އިއްޒަތްތެރި ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މަނިކުފާނުގެ ހިސާބު ބަރާބަރަށް ދިމާވާނެ،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ޕާޓީ، ޕީއެންސީން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެތީ އެކަމާ ކަންބޮޑުވެ އަދި ބިރުން އެއްވެސް ބަޔަކު ނޫޅުމަށް އެދޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެންގެ ޕާޓީން، ޕީއެންސީން ރައީސް މުއިއްޒުގެ ޕާޓީން ކާމިޔާބުކުރާނެ އިއްޒަތްތެރި ރައީސް. މިކަމާ އެއްގޮތަކަށް ވެސް ބިރުން އުޅުއްވާނެ ކަމެއް ނެތް. ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު އުފަން ކުރި ޕާޓީ ކަމަށް ވަކާލާތުކުރާއިރު ލާމަރުކަޒީގެ ނިޒާމުގެ ބާރުކަނޑުވާލީ ވެސް އެ ޕާޓީން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ސަރުކާރުން ހުށަހެޅި ބިލަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އެ ބިލަކީ ކައުންސިލްތަކަށް އިތުރަށް ބާރުވެރިކަން ދިނުމުގެ ނިޔަތުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

ނަމަވެސް އެ ބިލުގައިވާ ގޮތުން ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ތަންތަން ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ހުރަސްތަކެއް ދިމާވަނެ އެވެ.

ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. މި ނޫން ވެސް އިތުރު ބަދަލުތައް ހުށަހަޅާފައިވެ އެވެ.