Advertisement

މިދިޔަ އަހަރުން ފެށިގެން ޝުޖާއުގެ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ބުނެފި

4 އޮގަސްޓު 2025 - 12:10 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާގެ މައްސަލަ މިދިޔަ އަހަރުން ފެށިގެން ބަލަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފައި -- ފޮޓޯ: އަދަދު ފައިލް


މިދިޔަ އަހަރުން ފެށިގެން ޝުޖާއުގެ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ބުނެފި

4 އޮގަސްޓު 2025 - 12:10 5

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިދިޔަ އަހަރުން ފެށިގެން ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ޝުޖާއުގެ މައްސަލަ އޭސީސީ އިން ބަލަމުންދާތޯ އަދަދު އިން ސުވާލުކުރުމުން އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އަދަދު އަށް ވިދާޅުވީ ކޮމިޝަނުން އަމިއްލައަށް އިސް ނަގައިގެން މިދިޔަ އަހަރުން ފެށިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

"އެ މައްސަލަ މިދިޔަ އަހަރު (2024) ގެ ފަހުކޮޅުން ފެށިގެން ކޮމިޝަނުން އިސްނަގައިގެން އަންނަނީ ތަހުގީގުކުރަމުން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގުކުރަން ފެށި ސީދާ ތާރީހެއް އޭސީސީން ބުނެފައެއް ނުވެ އެވެ. މި މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރާކަން މީގެ ކުރިން ހާމަކޮށްފައި ނުވާކަން ވެސް ފާހަގަކުރެވެ އެވެ.

ޝުޖާއުގެ މައްސަލަތަކެއް ތަހުގީގު ކުރީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ. އެ ރިޕޯޓު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން ފުލުހުން ވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަން ފެށި ދުވަހެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޝުޖާއުގެ މައްސަލަ އެމްއެމްއޭ އިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.

ކަމާގުޅުން ހުރި އިދާރާތަކުގައި މަސައްކަތް ކުރާ މި ރިޕޯޓުގެ މައުލޫމާތު އެނގޭ މީހުން ވަނީ މިއީ ސައްހަ ރިޕޯޓެއްކަން އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ.

ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް ސިވެކުން ޖަމާކުރި 13.1 މިލިއަން ރުފިޔާގެ ތެރެއިން އަށް މިލިއަން ރުފިޔާ ހޭދަކުރީ ދެ ހިއްސާދާރުންނަށް ލަގްޒަރީ އެޕާޓްމަންޓް ގަންނަން ކަމަށް އެފްއައިޔޫގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ކުންފުނީގެ ދެވަނަ ހިއްސާދާރަކީ ޕީއެސްއެމް ބޯޑުގައި ހިމެނޭ އަހްމަދު އަދުހަމް އެވެ. އަދި ޖުމުލަ އަދަދުގެ 14.46 ޕަސެންޓް ފައިސާ ޖަމާކުރީ ކުންފުނީގެ އެއް ހިއްސާދާރު ޝުޖާއުގެ އެކައުންޓަށެވެ.

އޮފިޝަލް އިވެންޓްސްގެ 50 ޕަސެންޓް ހިއްސާ އޮންނަނީ ޝުޖާއުގެ ނަން މަތީގަ އެވެ. އޭރު އޭނާ ހުންނެވީ މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ މެންބަރުގެ މަގާމާއި ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ކުއިކް ޝުއާ ރަޖިސްޓްރީ ކޮށްފައިވަނީ ޝުޖާއުއާ ދެބެންގެދެދަރި ކޮއްކޮއެއް ކަމަށްވާ މުހައްމަދު ނާފިޒުގެ ނަންމަތީގަ އެވެ. އޭނާއަކީ މި ސަރުކާރުގެ ޔޫތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކެވެ.

އެ ރިޕޯޓުގައިވާ ގޮތުން ނޮވެމްބަރު 2، 2022، އިން ފެށިގެން ނޮވެމްބަރު 7، 2023، އާ ދެމެދު ކުއިކް ޝުއާއަށް މާލެ ސިޓީ ކައުންސިލުން 10.5 މިލިއަން ރުފިޔާ އެކި މަސައްކަތުގެ އަގުގެ ގޮތުގައި ދީފައިވެ އެވެ. އޭރު މޭޔަރަކަށް ހުންނެވީ މުއިއްޒު އެވެ.

މުއިއްޒު ވެރިކަމަށް އައުމަށް ފަހު ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސް ކުންފުންޏަށް ފައިސާ ޖަމާކޮށްފައިވެ އެވެ. އެފްއައިޔޫގެ ރިޕޯޓުން އެނގޭ ގޮތުގައި 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ސަރުކާރުގެ އެކި ކުންފުނިތަކުން ޖަމާކޮށްފައިވެ އެވެ. މީގެ ތެރެއިން ގިނަ މުއަމަލާތްތައް ހިނގާފައި ހުރީ ޑިސެމްބަރު 2023 އާއި ޖެނުއަރީ 2024 އާ ދެމެދު އެވެ.

އެ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި އެމްއޭސީއެލް ހިމެނެ އެވެ. ބެލެވޭ ގޮތުގައި މިއީ ތަފާތު އިވެންޓްތައް ބޭއްވުމަށް އިވެންޓް މެނޭޖަރެއްގެ ގޮތުގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ އެވެ. އޮފިޝަލް އިވެންޓްސްއަކީ ރާއްޖޭގައި އިވެންޓް މެނޭޖު ކުރުމުގެ ހިދުމަތް ދޭ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

މި މުއަމަލާތްތައް "ފަށަލަކޮށް" އެ ފައިސާ އެކި ގޮތްގޮތަށް ދައުރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެއީ އިތުރަށް ތަހުގީގު ކުރަން އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ. މި ރިޕޯޓުގައި ސިވެކްގެ އިސްވެރިންނަށް ވެސް ތުހުމަތުތަކެއް އަމާޒުވާއިރު އެ މައްސަލަތައް ބަލަމުންދާ ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.