Advertisement

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ފުރަތަމަ ހީޓުން އެއް ވަނަ ހޯދާ އައްމަޑޭ ތިން ވަނަ ބުރަށް

4 އޮގަސްޓު 2025 - 13:15 0

އަތޫފް އާތިފް

އަތޫފް އާތިފް


އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ފުރަތަމަ ހީޓުން އެއް ވަނަ ހޯދާ އައްމަޑޭ ތިން ވަނަ ބުރަށް

4 އޮގަސްޓު 2025 - 13:15 0

އިންޑިއާގެ ޓަމިލް ނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2025ގެ ފުރަތަމަ ބުރުގައި، ރާއްޖޭގެ ސާފިން ޓީމުގެ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) ހީޓުން އެއް ވަނަ ހޯދައި ތިން ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ފުރަތަމަ ބުރުގެ ހީޓުތަކުގެ ތެރެއިން އައްމަޑޭ ވާދަކޮށްފައިވަނީ ހީޓު 11 ގަ އެވެ. މި ހީޓުގައި އައްމަޑޭގެ އިތުރުން ދެ ވަނަ ވާދަކޮށްފައިވަނީ ސިންގަޕޫރުގެ ޖޫލިއަން ސްޕެކް އަދި ލެބަނަންގެ އަލްފްރެޑް ބާޑް އެވެ.

މި ހީޓުގެ އެއް ވަނަ އައްމަޑޭ ހޯދީ އޭނާ އެންމެ މަތިން ސްކޯކުރި ދެ ރާޅުން 7.67 ސްކޯކޮށްގެންނެވެ. އައްމަޑޭގެ އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅު އަދި ތިންވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުގައި އައްމަޑޭ 3.50 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި 4.17 ވަނީ ސްކޯކޮށްފަ އެވެ.

މި ހީޓުގެ ދެ ވަނަ އަށް ދިޔަ ޖޫލިއަން އަށް ސްކޯކުރެވުނީ 5.80 އެވެ.

މީގެ އިތުރުން ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު ވަނީ އެ ދެ އެތުލީޓުން ވާދަކުރި ހީޓުތަކުގެ ދެ ވަނަ ހޯދާ ރެޕޯ ރައުންޑަށް ގޮސްފަ އެވެ.

ސްމައިލީ ވާދަކުރީ ދެ ވަނަ ހީޓުގަ އެވެ. ސްމައިލީގެ އިތުރުން ދެން މި ހީޓުގައި ވާދަކުރީ ކޮރެއާގެ ޖުން ސިއޯހުން އާއި ލޫކަސް ސެންޓިއާގޯ އެވެ.

މި ހީޓުގެ އެއް ވަނަ ހޯދި ސެންޓިއާގޯ ވަނީ 11.37 ސްކޯކޮށްފަ އެވެ. ދެ ވަނަ އަށް ސްމައިލީ ދިޔައީ ޖުމްލަ 7.50 ސްކޯކޮށްގެންނެވެ. އަދި، ތިން ވަނަ އަށް ދިޔަ ޖުން އަށް 7.00 ގެ ސްކޯއެއް ލިބުނެވެ.

ރާއްޖޭގެ ހޫދު އަހުމަދު ވާދަކުރީ ހީޓު ހައެއްގަ އެވެ. މި ހީޓުގައި ހޫދާ އެކު ދެން ވާދަކުރީ ކޮރެއާގެ ޖުން އިއުޖޮން އަދި އާނިގް ކައިލާނީ އެވެ.

މި ހީޓުގެ އެއް ވަނަ އަށްދިޔަ ޖުން އަށް 9.60 ގެ ސްކޯއެއް ލިބުނުއިރު، ދެ ވަނަ އަށް ހޫދު ދިޔައީ 6.76ގެ ސްކޯ އެކެވެ. އަދި ތިން ވަނަ އަށްދިޔަ އާނިގް އަށް 4.24 ގެ ސްކޯއެއް ވަނީ ލިބިފަ އެވެ.

މި ފަހަރުގެ މުބާރާތުގައި، ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކެޕްޓަން އައްމަޑޭ، ސްމައިލީ އަދި ހޫދު އެވެ.

ޖޫނިއާ ޓީމުގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި އަންހެން ސާފިން ޓީމުންވެސް ބައިވެރިވާނެ އެވެ. އަންހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މަރިޔަމް ރާހިލް ނަސީމް (އާޔާ), ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު) އެވެ.

މިދިޔަ ދެ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ، މި މުބާރާތުގައި ރާއްޖޭގެ ސާފަރުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން، އިބޫ ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޓީމް އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ވަނީ ލިބިފަ އެވެ.