Advertisement

މަޖިލީހުގައި މަސައްކަތް ނުކުރާ ކަމުގެ ވާހަކަތައް ފެތުރޭތީ މެންބަރުންގެ ދިފާއުގައި އަބްދުއްރަހީމް

4 އޮގަސްޓު 2025 - 12:06 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: މަޖިލިސް މެންބަރުންގެ ދިފާއުގައި އޭނާ ވަނީ ވާހަކަދައްކަވާފައި -- ފޮޓޯ: މަޖިލިސް


މަޖިލީހުގައި މަސައްކަތް ނުކުރާ ކަމުގެ ވާހަކަތައް ފެތުރޭތީ މެންބަރުންގެ ދިފާއުގައި އަބްދުއްރަހީމް

4 އޮގަސްޓު 2025 - 12:06 1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ނުކުރާ ކަމަށް ވާހަކަ ފެތުރޭތީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރުން ދިފާއުގައި މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ފުރަތަމަ ދަންފަޅި ނިމުމުގެ ކުރިން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މަސައްކަތްތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތް އޮޅޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށްވާތީ އެކަން ތަޅުމުގައި ފާހަގަކުރައްވަން ބޭނުންވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ނިޒާމު އޮތްގޮތުން މަޖިލީހަށް ހުށަހަޅާ ގިނަ ބިލްތަކަކީ ސަރުކާރުން ހުށަހަޅާ ބިލްތަކަށްވާއިރު، މަޖިލީހުގައި ހިމެނޭ ހުރިހާ މެންބަރުންނަށް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ބިލެއް ހުށަނޭޅި އޮތުމަކީ އެކަމާ ގުޅިގެން ވާހަކަ ދެކެވެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

""މިހާރު ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ގިނަ ބިލްތަކަކީ ސަރުކާރުން ހުށަހަޅާ ބިލްތައް. މަޖިލީހަށް މިއުޅެނީ އެއް އަހަރާއި ދުވަސްކޮޅެއް މިވީ. ވީއިރު ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންނަށް ހުށަނޭޅި ހުރި ހުރުމަކީ އެ މެންބަރުން މަޖިލީހުގައި މަސައްކަތް ނުކުރައްވާ ކަމަށް އާންމު ރައްޔިތުންގެ ތެރޭގައި ވާހަކަ ދެކެވެންޖެހޭ ސަބަބެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންގެ މަސައްކަތަކީ ބިލާއި ގަރާރު ހުށަހެޅުން ނޫންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ މެންބަރުން މަޖިލީހުގައި ކުރާ ގިނަ މަސައްކަތްތައް ކުރަނީ ކޮމިޓީތަކުގައި ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ ހަމައެކަނި ބިލު ހުށަހެޅުއްވުމެއް ނޫން. އަދި ގަރާރު ހުށަހެޅުއްވުމެއް ވެސް ނޫން. މަޖިލީހުގެ މައިގަނޑު މަސައްކަތްތައް މިކުރަނީ މަޖިލީހުގެ ކޮމިޓީތަކުގައި،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ މެންބަރުން މަޖިލީހުގައި މައިގަނޑު ގޮތެއްގައި ކުރައްވާ މަސައްކަތްތަކަށް ރިއާޔަތް ނުކޮށް މާކްސް ދީގެން ފޮޓޯތައް ހަދައި ދައުރުކުރަނީ މެންބަރުންގެ އަގުވައްޓާލަން ކަމަށެވެ.

މަޖިލީހުގެ މެންބަރުން މުސާރަ ނަންގަވައިގެން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މެންބަރުންނަށް ފަހަކަށް އައިސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމާ ގުޅިގެން މެންބަރުން ދިފާއުކޮށް މަޖިލީހުގެ އިދާރާއިން ވެސް ބަޔާނެއް ވަނީ ނެރެފަ އެވެ.

މަޖިލީހުގެ މައުލޫމާތު ޒިންމާދާރުކަމާއެކީ ހިއްސާކުރުމަށާއި މައުލޫމާތު އާންމުކުރުމުގެ ކުރިން އެ މައުލޫމާތަކީ ތެދު މައުލޫމާތުކަން ކަށަވަރު ކުރުމަށް މަޖިލީހުން ނެރުނު ބަޔާނުގައި އާންމުންނަށް އިލްތިމާސްކުރި އެވެ.