4 އޮގަސްޓު 2025 - 06:02 0
4 އޮގަސްޓު 2025 - 06:02 0
ބާސެލޯނާ (އޮގަސްޓް 4) - ބާސެލޯނާ ޓީމުގައި އޭނާ އަދި ރަޖިސްޓްރީ ކުރެވިފައިނުވި ނަމަވެސް ސީޒަން ފެށެންވާއިރަށް ކްލަބުން އެކަމަށް ހައްލެއް ހޯދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ދާދި ފަހުން ބާސެލޯނާ އަށް ބަދަލުވި އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް ބުނެފި އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވެސް ބާސެލޯނާ އަށް ދެވޭތޯ މަސައްކަތް ކުރި ރެޝްފޯޑް، 27، އަށް، އެ ކްލަބުން ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯ އޭރު ވަނީ ބުނެފަ އެވެ. ރެޝްފޯޑް ވެސް ދާދި ފަހުން، ބާސެލޯނާ އަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކުރިއިރު، އެ ޓީމުން މިހާރު ވަނީ އެ ޑީލް ނިންމައިފަ އެވެ.
ބާސެލޯނާ އިން ރެޝްފޯޑް ގެންދިޔައީ ކުރިއަށް އޮތް ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ. އަދި، ލޯންގެ މުއްދަތުގައި ރެޝްފޯޑްގެ މުޅި މުސާރަ ދޭނީ ވެސް ބާސެލޯނާ އިންނެވެ. ރިޕޯޓްތައް ބުނާގޮތުން، ރެޝްފޯޑް ރަޖިސްޓްރީ ކުރަން ބާސެލޯނާ އިން އެ ޓީމުގެ ޕޭރޯލުން 32 މިލިއަން ޑޮލަރު މަދުކުރަން ޖެހެ އެެވެ. އެ ކަން ފުރިހަމަ ކުރުމުގެ ގޮތުން، ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް ރެޝްފޯޑްގެ ރަޖިސްޓްރީގެ ކަންކަން ފުރިހަަމަވެފައި ނުވާތީވެ، އެކަމާ ސުވާލުކުރުމުން އޭނާ ބުނީ، ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"އެއީ ކްލަބުން ބަލާނެ ކަމެއް. އަހަންނަށް ކްލަބާ މެދު އިތުބާރު އެބައޮތް. އެކަން ވަގުތު އޮއްވައި ނިމިގެންދާނެ. އަހަރެން ފޯކަސް މި ކުރަނީ. ޓްރެއިނިން އާއި މި މާހައުލަށް ހޭނި ރަނގަޅަށް ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން،" މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ އަށް ކުޅެފައިވާ ރެޝްފޯޑް ބުންޏެވެ.
ބާސެލޯނާ ޓީމުގައި ގަވާއިދުން ކުޅެވޭނީ ރަނގަޅު ލެވަލެއްގައި ކުޅުން ދަމަހައްޓައިގެން ކަމަށާއި އެ ޗެލެންޖް އަމިއްލަ ނަފްސަށް ވެސް ނަގައިގެން، ކުރިއަށް އޮތް ސީޒަނުގައި ކާމިޔާބީތަކެއް ޓީމަށް ހޯދައިދީ، އިންޑިވިޖުއަލީ ވެސް ޓާގެޓްތަކަކަށް ވާސިލްވުމުގެ ވިސްނުން އެބަހުރި ކަމަށް ރެޝްފޯޑް ވަނީ ބުނެފަ އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާ އިން ޑެނީ އޮލްމޯ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ސީޒަން ދެބައިވީއިރު ވެސް ނުނިމި ދިގުލައިގެން ދިޔައިރު، އެކަންކަން ފުރިހަމަވީ ކޯޓު މަރުހަލާތަކެއް ވެސް ނިންމައިގެންނެވެ. ބާސެލޯނާ އިން، ރެޝްފޯޑްގެ ރަޖިސްޓްރީ ކަންކަމުގައި، އޮލްމޯގެ ކަންކަމުގައި ހިނގި ފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Comment