Advertisement

އަބްދުއްރަހުމާން މަރުވީ ބޮލަށް ލިބުނު އަނިޔާއިންކަން އޮޓޮޕްސީ ރިޕޯޓުން އެނގޭ: ފުލުހުން

31 ޖުލައި 2025 - 11:20 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް މާލެ ގެންދަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަބްދުއްރަހުމާން މަރުވީ ބޮލަށް ލިބުނު އަނިޔާއިންކަން އޮޓޮޕްސީ ރިޕޯޓުން އެނގޭ: ފުލުހުން

31 ޖުލައި 2025 - 11:20 1

އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް, 65 މަރުވީ އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަން އޮޓޮޕްސީ ވަގުތީ ރިޕޯޓުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި މިހައިތަނަށް ވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

"އަބްދުއްރަހްމާން އާދަމް ނިިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

އަބްދުއްރަހްމާންއަށް ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވައި ޖުލައި 13، ގަ އެވެ. އެ ގެއަކީ އަބްދުއްރަހްމާންގެ އަންހެނުން، ނާޒިމާ އިބްރާހިމްގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ.

އެހެންނަމަވެސް ނާޒިމާ އާއި އަބްދުއްރަހްމާން ނިދަނީ ދެ ކޮޓަރިއެއްގަ އެވެ. ނާޒިމާ ނިދަނީ އޭނާގެ މަންމަ ދިރިއުޅުނު ކޮޓަރީގަ އެވެ.

އަބްދުއްރަހްމާންގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި ނާޒިމާގެ މަންމަ ބަލިވީއްސުރެ ވެސް ނާޒިމާ ނިދަނީ އެ ކޮޓަރީގަ އެވެ. އޭނާގެ މަންމަ މަރުވިފަހުން ވެސް އެ ކޮޓަރީގައި ނާޒިމާ ނިދަމުން ދިޔައީ އެ ކޮޓަރިއަށް އާދަވެފައި ހުރުމުން ކަމަށް ނާޒިމާ އާއި އަބްދުއްރަހްމާންގެ ދަރިފުޅު، އަހުމަދު ނިމާލް އަދަދު އަށް ބުންޏެވެ.

"މާމަ ދުނިޔޭގައި މަންމަ ނިދާނީ މާމަ ކައިރީގައި، އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން. އެހެންވެ އެ ތަންމައްޗަށް އާދަވެފައި މަންމަ ހުރީ. މަންމަގެ ހުރިހާ އެއްޗެއް ހުންނާނީ އެ ކޮޓަރީގައި، ރުފިޔާއެއް ބެހެއްޓިޔަސް ލިޔެކިޔުމެއް ބެހެއްޓިޔަސް އެ ތަނުގައި ބަހައްޓާނީ،" ނިމާލް ބުންޏެވެ.

އަބްދުއްރަހްމާން އަކީ މާޅޮހުގައި އާންމުކޮށް ދިރިއުޅޭ މީހެއް ނޫނެވެ. އޭނާ ހުންނަނީ އެ އަތޮޅުގައި އުކުޅަހުގައި އެ ރަށު ދޯންޏަކުން މަހަށް ދާށެވެ. މާޅޮހަށް އެނާ ދިޔައީ ދަތުރެއްގައި އޭނާގެ ދަރިފުޅު، ނިމާލް ރާއްޖެއިން ބޭރަށް ދާން ޖެހުމުންނެވެ.

އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، މިހައިތަނަށް ގާތިލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

ތަހުގީގުގެ ބޭނުމަށް އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، ކައިރި ބޮޑު ސަރަހައްދެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އޭގެއިތުރުން އެ ރަށު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި ފައިގެ ނިޝާނުގެ އިތުރުން އިނގިލީގެ ނިޝާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.

ނަމަވެސް އޭގެފަހުން ވެސް ދެ ހަފުތާއެއްހާ ދުވަސް ފާއިތުވެގެންދިޔައިރު، އަދި އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.