Advertisement

އެޗްޑީސީގެ ޑީއެމްޑީ ފަޔާޒް މަންސޫރު ވެސް އިސްތިއުފާ ދެއްވައިފި

31 ޖުލައި 2025 - 09:25 0

އެޗްޑީސީގެ ޑީއެމްޑީ ފަޔާޒް މަންސޫރު: އޭނާ އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައި -- ފޮޓޯ: އެޗްޑީސީ


އެޗްޑީސީގެ ޑީއެމްޑީ ފަޔާޒް މަންސޫރު ވެސް އިސްތިއުފާ ދެއްވައިފި

31 ޖުލައި 2025 - 09:25 0

ސަރުކާރުން މަޖުބޫރު ކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އިސްތިއުފާ ދެއްވުމާއެކު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު ވެސް އިސްތިއުފާ ދީފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ފަޔާޒް ވެސް އިސްތިއުފާ ދެއްވީ މިއަދެވެ. އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް ފަޔާޒް އައްޔަން ކުރީ ޖެނުއަރީ، 2025، ގަ އެވެ. އޭނާ މަގާމަށް އައްޔަން ކުރީ މައުރޫފް ބޭނުންވެވަޑައިގެން ކަން އެނގިފައިވެ އެވެ.

މަގާމުން އިސްތިއުފާ ދޭން މައުރޫފަށް މަޖުބޫރު ކުރީ އޭނާ ރިޓަޔާވާން ހުށަހަޅުއްވާފައި އޮއްވަ އެވެ. އެކަމަކު އޭނާގެ ރިޓަޔާމަންޓާ މެދު އޮތީ ރަސްމީކޮށް ގޮތެއް ނުނިންމަ އެވެ. މަގާމުން އިސްތިއުފާން ދޭން މައުރޫފަށް އެންގީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުންނެވެ.

މި ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން އިއްޔެ ބުނީ، މައުރޫފް މަގާމުން ދުރު ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންނަށް ފަހިވާ ގޮތަށް ކަންކަން ނިންމެވުމަށް ދެކޮޅު ހެއްދެވުމެވެ.

"މައުރޫފް މަގާމުގައި ހުންނަވައިގެން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ޕީއެންސީއަށް ގަބޫލެއް ނުކުރެވޭ. އެހެންވެ އޭނާ މަގާމުން ދުރު ކުރަނީ،" މި ނޫހާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ޑިސެމްބަރު 22، 2024، ގަ އެވެ. މަގާމު އަދާ ކުރައްވާތާ އަދި މި ފާއިތުވީ އެންމެ ހަތް މަސް ދުވަހެވެ.

މައުރޫފްގެ ބެލުމުގެ ދަށުން އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ މުޅިން އާ މާސްޓާ ޕްލޭނެއް ތަރައްގީކޮށްފަ އެވެ. ހުޅުމާލޭގެ ފޭސް ތިނެއް ވެސް ހިމެނޭ ގޮތަށް ހެދި އެ މާސްޓާ ޕްލޭނަކީ އާބާދީ މުޅި ރަށަށް ބަހާލެވި، އާންމު ހިދުމަތްތަކާއި ފެހިކަން ގިނަ ސަރަހައްދުތައް ކަނޑައަޅައި ނެރުނު ޕްލޭނެކެވެ.

ހުޅުމާލޭ ފުރަތަމަ ހިއްކައި، ޑިޒައިން ކުރި އިރު ވެސް މައުރޫފްގެ ދައުރު ވަރަށް ބޮޑެވެ. ހުޅުމާލޭ ފޭސް އެކެއްގެ ކުރެހުން ފާސްކޮށްފައި ވަނީ މައުރޫފްގެ ބެލުމުގެ ދަށުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މަގާމުގައި ހުންނެވިއިރު އެ ކޯޕަރޭޝަން ހިންގި ބޮޑެތި ކޮރަޕްޝަންތަކަކާއި ވައްކަމުގެ މައްސަލަތަކެއް ފަޅާ އެރުމުންނެވެ.

އޭގެ ތެރޭގައި، ކޮރަޕްޝަނާއި ވައްކަމުގެ ތެރެއިން، އެއްވެސް އިއުލާނު ކުރުމެއް ނެތި ބިން ވިއްކުމާއި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ބިން ނުލިބޭ އެތައް ބަޔަކަށް ބިން ލިބުނު ކަމަށް ހަދައި ގޯތި ދޫކުރުން ހިމެނެ އެވެ. އެ ކޮރަޕްޝަނާއި ވައްކަންތަކުން ގެއްލުން އަދަދު މިހާތަނަށް ހިސާބު ވެސް ނުކުރެވެ އެވެ.