12 އޮކްޓޯބަރު 2025 - 16:33 2
އަހުމަދު އާއިދު
ސޯޝަލް ހައުސިންގެ ތެރޭގައި ހިމެނޭ ހިޔާ ފުލެޓު ޓަވަރުތަކެއް: ގާނޫނު ބަދަލުކޮށްގެން ނަމަވެސް ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފުލެޓުތައް ކުއްޔަށް ނުދެވޭ ގޮތް ހަދާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ ---- ފޮޓޯ: އަދަދު
12 އޮކްޓޯބަރު 2025 - 16:33 2
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުންނަ ފުލެޓުތައް އެހެން ފަރާތްތަކަށް ބޮޑު އަގުގައި ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނު ބަދަލުކޮށްގެން ނަމަވެސް ހައްލެއް ހޯދާނެ ކަމަށް ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ ސޯޝަލް ހައުސިން ސްކީމުތައް ހިންގާ އެޗްޑީސީ އަދި އެފްޑީސީ އާއި ގުޅިގެން ފުލެޓުތައް ކުއްޔަށް ދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، އެ ތަންތަނަކީ 20،000ރ. އަށް 25،000ރ. އަށް ކުއްޔަން ދޭން ދޫކުރާ ތަންތަން ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހިޔާ ފުލެޓުގަ އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ލޭބާ ކުއާޓާޒް ހަދާފަ ހުންނަ ކަމަށް. މިއީ ރައްޔިތުން. ބޯހިޔާވަހިކަމުގެ ދަތިކަން ތިބި ފަރާތްތަކަށް ދޭން ހުރި ތަންތަނޭ،" މުއްތަލިބު ވިދާޅުވި އެވެ.
މިއީ މި ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލާނެ ކަމެއް ކަމަށާއި ގާނޫނީ ގޮތުން ނަމަވެސް މިކަމަށް ހައްލެއް ގެންނާނެ ކަމަށް މުއްތަލިބު މިއަދު ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް އިތުރު ފަރާތަކަށް ކުއްޔަށް ދޭ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
"މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަން ގާނޫނުގެ ތެރެއަށް ލައިގެން ނަމަވެސް ހައްލުކުރުމުގެ މަސައްކަތް ކުރާނަން. އަޅުގަނޑަށް އެނގޭ ދަތިކަމެއްކަން. ކުއްޔަށް ނަގާ ފަރާތްތަކުން ވެސް މައުލޫމާތު ދޭކަށް ބޭނުމެއް ނުވޭ،" މުއްތަލިބު މިއަދު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ފުލެޓެއް މަހަކު 25،000ރ. އަށް ކުއްޔަށް ދޭން ފޮޓޯ އާއެކު ޖަހާފައިވާ އިޝްތިހާރެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ގިނަ އަދަދެއްގެ ހިޔާ ފުލެޓު ވެސް ހުންނަނީ ބޮޑު އަގުގައި ކުއްޔަށް ދީފަ އެވެ.
އެފްޑީސީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުލެޓުތައް ކުއްޔަށް ދިނުމަކީ އެ ފުލެޓުތައް ލިބޭ ފަރާތްތަކާއެކު އެ ކުންފުނިން ހަދާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. ފްލެޓު ކުއްޔަށް ދޫކުރާ ނަމަ ފުލެޓު އަތުލުމުގެ ބާރު އެފްޑީސީ އަށް އޮންނާނެ އެވެ.
މިކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ މި ފްލެޓުތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށެވެ.
"އެއްބަސްވުމާ ހިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފުލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފުލެޓު އަތުލެވޭނެ ވާހަކަ ދަންނަވަން،" ހަމްދާން ލިޔުއްވާފައިވެ އެވެ.
Comment