Advertisement

ލަންކާގެ ރައީސަށް ފުރައްސާރަކުރި ހޯމް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަށް ފިޔަވަޅު ނޭޅި

31 ޖުލައި 2025 - 10:55 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ރިފާތު: ލަންކާގެ ރައީސަށް ފުރައްސާރަކުރި މައްސަލައިގައި އޭނާއަށް މިހާތަނަށް ފިޔަވަޅެއް ނާޅާ


ލަންކާގެ ރައީސަށް ފުރައްސާރަކުރި ހޯމް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަށް ފިޔަވަޅު ނޭޅި

31 ޖުލައި 2025 - 10:55 2

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރިފާތު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެއަށް ފުރައްސާރަކުރި މައްސަލައިގައި އޭނާއަށް މިހާތަނަށް ފިޔަވަޅު އަޅާފައިނުވާކަން އެނގިއްޖެ އެވެ.

ރިފާތަށް ފިޔަވަޅު އެޅިތޯ ބަލަން އަދަދު އިން ރައީސް އޮފީހުގެ ތަރުޖަމާން، ހީނާ ވަލީދަށް ގުޅައި މެސެޖު ކުރުމުން ވެސް މިހާތަނަށް އެއްވެސް ޖަވާބެއް އެކަމާ ގުޅޭ ގޮތުން ދީފައެއް ނުވެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރިފާތަށް މިހާތަނަށް ރައީސް އޮފީހުން ވެސް ނުވަތަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވެސް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

"ނަސީބެއްނު، މުންޑެއް ލައިގެން ނައިކަން،" ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި ޑިސަނަޔެކެ އަށް ރަސްމީ އިއްޒަތުގައި މަރުހަބާ ކިޔުމަށް ހޯމަ ދުވަހު މެންދުރު ފަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގެންނެވި ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ހުންނެވި ފޮޓޯއަކާއެކު ރިފާތު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ލަންކާގެ ރައީސްއަށް ނިސްބަތްކޮށް ރިފާތު ފުރައްސާރައިގެ ކޮމެންޓެއް ކުރެއްވީ ރާއްޖެ ވަޑައިގެންނެވިއިރު ކޯޓު ފަޓުލޫނުގެ ބަދަލުގައި، އެ މަނިކުފާނުގެ ރަސްމީ ހެދުންކޮޅުގެ ގޮތުގައި ތުރުކުރައްވާ އަތް ދިގު ކުރުތާގައި ހުންނެވުން އެކަމަށް އިޝާރާތް ކުރައްވާފަ އެވެ.

މުންޑަކީ ލަންކާ އަދި ރާއްޖޭގައި ވެސް ފިރިހެނުންގެ ސަގާފީ ހެދުމެއްގެ ގޮތުގައި ބަލައިގަންނަ ހެދުމެކެވެ.

ނަމަވެސް ލަންކާގެ ރައީސަށް ނިސްބަތްކޮށް ރިފާތު ކުރެއްވި ޕޯސްޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ބައެއް މީހުން ވަނީ ރިފާތަށް ފިޔަވަޅު އެޅުމަށް ގޮވައިލާފަ އެވެ.

މިގޮތުން ރިފާތުގެ ކޮމެންޓާ ގުޅިގެން މުއިއްޒުގެ އަރިސް ބޭފުޅެއް ކަމުގައިވާ މަރިޔަމް ޝިއުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޔަވަޅު އެޅުމަށް ގޮވައިލެއްވި އެވެ.

"ސަރުކާރުގެ މަގާމުތަކުގައި ތިބެ ލަންކާ ރައީސް އަށް ފުރައްސާރަ ކުރި އެންމެންނަށް ފިޔަވަޅު އަޅަން ގޮވާލަން،" ޝިއުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި މައްސަލައިގައި ޖުމުލަ ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑު ކުރީ ޖެނުއަރީ 7، 2024 ގަ އެވެ.

އެއީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެވެ. އެ ތިން ބޭފުޅުން ވެސް ފަހުން މަގާމުން އިސްތިއުފާ ދެއްވި އެވެ. އެއަށް ފަހު ޝިއުނާއަށް އެމްއޭސީއެލް އަށް އަދި މަލްޝާ އެޗްޑީސީގެ މަގާމަކަށް އައްޔަންކުރި އެވެ.